2023-2024 ވަނަ ދިރާސީ އަހަރުގެ ތަޢުލީމީ ކަލަންޑަރު އިއްޔެ އާންމު ކޮށްފިއެވެ. 201 ދުވަހު ކިޔަވައިދޭ ގޮތަށް ކަނޑައަޅާފަައިވާ ދިރާސީ އައު އަހަރުގެ ކިޔަވައިދިނުން ފެށޭނީ އޮގަސްޓު މަހުގައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއްޔެ އާންމު ކުރި ކަލަންޑަރުގައިވާ ގޮތުން، ދިރާސީ އަހަރު ފަށާނީ އޮގަސްޓް 6، 2023 ގައެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ 2023 ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 93 ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ 7 ޖެނުއަރީ 2024 ގައެވެ. 108 ދުވަހުގެ ކިޔެވުމަށްފަހު ދިރާސީ އަހަރު ނިމޭނީ 13 ޖޫން، 2024 ގައެވެ.

ފުރަތަމަ ޓާމުގެ މިޑް ބްރޭކް ލިބޭނީ އޮކްޓޯބަރު މަހުގެ 15ން 19އަށެވެ. ދެވެނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ 7 އެޕްރީލް 2024ން 11 އެޕްރީލް 2024 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ދިރާސީ އާ އަހަރު 12 ދުވަހު ސްކޫލް ބަންދުވާނެއެވެ.

މަތީ ސާނަވީ ސްކޫލްތަކުގައި ގުރޭޑް 11 އަށް ކިޔަވައިދޭން ފަށާނީ ސެޕްޓެމްބަރު މަހުގެ 3، 2023 ވަނަ ދުވަހުއެވެ.