ވޭތިވެ ދިޔަ 20 އަހަރުގެ ތެރޭގައި ޗައިނާއިން ދުނިޔެއަށް ފަސް ވަބާއެއް ފެތުރިފައިވާ ކަމަށާއި މިކަން ހުއްޓެން ޖެހޭނެ ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަރޓް އޯބްރިއެން ވިދާޅު ވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިކަން ހުއްޓެން ޖެހޭނެކަމަށް ދުނިޔޭގެ ރައްޔިތުންވެސް ޗައިނާއަށް އަންގާނެ ކަމުގައެވެ. މިއީ ލެބޯޓްރީއަކުން އައި އެއްޗެއް ކަމުގައި ވިއަސް އަދި ދިރޭ ޖަނަވާރު ވިއްކާ މާރުކޭޓަކުން އައި އެއްޗެއް ކަމުގައި ވިއަސް މިފަދަ ވަބާތައް ޗައިނާއިން އަޔަ ދޭން ފުރުސަތު ދީގެން ނުވާނެ ކަމުގައެވެ.

ކޮރޯނާ ވައިރަސްއަކީ ވޫހާނުން އުފެދިގެން އައި ވައިރަސްއެކެވެ. ނަމަވެސް އެ އުފެދުނީ ލެބަކުން ތޯ ނުވަތަ މާރުކޭޓަކުން ތޯ އެއީ މުހިންމު ކަމެއް ނޫންކަމުގައެވެ. އަދި މި ފާއިތުވި 20 އަހަރުގެ ތެރޭގައި ޗައިނާއިން އައި ސާސްއާއި އޭވިއަން ފުލޫއާއި ސްވައިން ފުލޫއާއި ކޮވިޑް19ފަދަ ކަންތައްތައް ދުނިޔެއަކަށް އިތުރަށް ތަހައްމަލު ނުކުރެވޭނެ ކަމުގައެވެ.

ޗައިނާއިން އާންމު ސިއްޙަތާ ގުޅޭ މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށާއި ޗައިނާއިން އިތުރު ވައިރަސްއެއް ދުނިޔެއަށް ފެތުރިގެން ދިއުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 ޖެހިގެން ދުނިޔެއިން ލައްކައިން މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި އެތައް މިލިއަން މީހުންނަށް ޖެހިފައި ވެއެވެ. މިފަހުގެ ތާރީޚެއްގައި މިހާ ގިނަ އަދަދަކަށް މީހުން އެއްދުވަސްވަރެއްގައި އެއްކަމަކުން އެއްވެސް ގައުމެއްގައި މަރުވެފައެއް ނުވެއެވެ.