މިއަބަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީޕާޓީން ވާދަކުރުމާމެދު ގޮތެއް ނިންމާނީ މާދަމާ ދަރުބާރުގޭގައިި ފަށާ އެޕާޓީގެ ކޮންގްރެސްއިން ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެޕާޓީން އިންތިޚާބުގައި ވާދަކުރުމަށްފާސްކޮށްފިނަމަ ވާދަކުރައްވާނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ޕާޓީން އިންތިޚާބުގައި ވާދަކުރައްވާނީތޯ ނުވަތަ ކޯލިޝަނަކާއެކު ރިޔާސީ އިންތިހާބަށް ނުކުންނީތީ ކަނޑައެޅުމަށް މާދަމާ ފަށާ ކޮމްގްރެސްއަށް ގަރާރެއް ހުށަހެޅުމަށް ވެސް ވަނީ ޖަމަޖެހިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އޮންނާނީ ފެބުރުއަރީ 24 އިން 25 އަށެވެ. ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ޕާޓީގެ އެކި މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ.
މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޖޭޕޯގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސިޓީފުޅެއް ލިބިފައި އޮތަސް އަދި އެކަމާމެދު ގޮތެއް ނުނިންމާ ކަމަށެވެ. އިލްހާމް ވިދާޅުވީ، ރިޔާސީ އިންތިހާބެއްގައި ޖޭޕީ ވާދަކޮށް، އެ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު މިހާތަނަށް ރާއްޖޭގެ އިގްތިސާދާ ނުގެނެވޭ ފަދަ ބަދަލެއް ގެނައުމަކީ އެ ޕާޓީގެ އުންމީދެއް ކަމަށެވެ.
މި ބައްދަލުވުމުގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު ވިދާޅުވީ ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމަށް ގެނައުމަކީ ރައްޔިތުން އެދޭ އެދުމެއް ކަމަށެވެ. ނަމަވެސް އެއީ ޕާޓީގެ ކޮންގްރެސް އިން މަޝްވަރާ ކޮށްގެން ނިންމާ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އާރިފް ވިދާޅުވެފައި ވަނީ ގާސިމަކީ އަބަދުވެސް "ކިންގމޭކާ" ކަމަށެވެ. އަބަދުވެސް ގާސިމް ނަންގަވާ ފަޅިއެއް ކާމިޔާބު ކުރާކަމަށެވެ. އަދި އަބަދުވެސް ގާސިމް ހިޔާރު ކުރައްވަނީ ރައްޔިތުންގެ ފަޅި ކަމަށްވެސް އާރިފް ވިދާޅުވިއެވެ.