ގައުމަށް ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައިވެސް ޖުމްހޫރީ ޕާޓީ ކެރިގެން ނުކުންނާނެކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އެ ޕާޓީއަކީ ފުރުސަތުން ފުރިގެންވާ ޕާޓީއެއް ކަމަށެވެ. އަދި މިއީ ދިވެހި ކޮންމެ ރައްޔިތަކަށް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށެވެ. އެހެން ޕާޓީތަކުގައި ތިއްބަވާފައި ވަޑައިގަންނަވާ ބޭފުޅުންނާ މެދުގައި ވެސް އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތައް ދިނުމަކީ ޖުމްހޫރީ ޕާޓީ ދަމަހައްޓަން މުހިންމު އަސާސެއް ކަމަށެވެ. އެ އަސާސުގެ ދަށުން ޖުމްހޫރީ ޕާޓީ ކުރިއަށް ދާން ވާނީ ބައިވެރި ކުރުމާއި ބައިވެރިވުމުގެ ސިޔާސަތުތަކާ އެކުގައިކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ޕާޓީ ކުރިއަށް ދާނީ އެކަހެރި ނުކުރުމާއި އެކަހެރިނުވުމުގެ ވިސްނުމާ އެކުގައި ކަމަަށާއި ބަލައިގަތުމާއި އެކުލެވުމުގެ ފިކުރާއެކުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ހުނަރުވެރި، ގާބިލް ޒުވާނުންނަށާއި އަންހެނުންނަށާއި ހަރު މީހުންނަށް އެހެން އެއްވެސް ޕާޓީއެއްގައި ނެތް ފުރުސަތުތައް ޖޭޕީގައި އަބަދުވެސް އޮންނަ ކަމަށް ވިދާޅުވިއިރު ކުރިއަށް އޮތް ތަނުގައި ވެސް އެކަން ބަދަލު ނުވާނެ ކަމުގެ ޔަގީން ކަން ގާސިމް ވަނީ ދެއްވައިފައެވެ. އަދި އެޕާޓީ ގައުމުގެ ކޮންމެ ހާލެއްގައިވެސް އެދިމާވާ ކަމަކާ ކުރިމަތިލާން ތައްޔާރަށް އޮތް ކަަމަށެވެ.

"މިއަދުވެސް ގައުމާ ދިމާވާ ކޮންމެ ނުރައްކަލެއްގައި ރައްޔިތުންގެ ލާބައަށްޓަކައި އަތުކުރި އޮޅާލަން ޖެހޭ ކޮންމެ ވަގުތެގައި އަދި އިސްލާހަށް ތެދުވާން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި، ޖުމްހޫރީޕާޓީގެ ހިތްވަރުގަދަ ފަހުލަވާނުން އިސްލާހުގެ ވިންދުގައި ފުރާނަ އެޅޭނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންގެ ހިދުމަތުގައި ތައްޔާރަށް ކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ.

ގާސިމް ވިދާޅުވި ގޮތުގައި މި ކޮންފަރެންސަކީ ޖޭޕީގެ އެކުވެރިކަމާއި ގުޅުން ބަދަހިކޮށްދޭ ފުރުސަތަކަށް ވާނެ ކަމާ މެދު ޝައްކެއް ނެތްކަމަށެވެ. މިއީ ޕާޓީގެ މެމްބަރުން، ޕާޓީގެ އަސާސްތަކަށް އަހުލުވެރިވުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނޭކަމަށެވެ.

އަދިވެސް އިތުރަށް ވިދާޅުވީ ތިމާވެށީގެ މައްސަލަތައް އިތުރުވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް އޭގެ އެތައް އަސަރެއް ފޯރަމުންދާ ކަމަށެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކާބޯތަކެތީގެ އަގު މަތިވަމުންދާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި ފައިސާގެ އަގު ދަށްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެމީހުން ޖަޒްބާތުތައް ދެނެގަނެވޭނެ ފަދަ ބަޔަކަށް ނޫނީ ދިވެހިންގެ ކުރިމަގު އުޖާލާ ނުކުރެވޭނެ ކަމަށްވެސް ގާސިމު ވިދާޅުވިއެވެ.