މާލެ ސިޓީ ކައުންސިލުން، އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމް "ފަންނުވެރިޔާ" ގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ކައުންސިލުން ވިދާޅުވީ މި ވޯކްޝޮޕަކީ ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ.
މި ވޯކްޝޮޕާއި ގުޅިގެން އެ ކައުންސިލްގެ 70 ވަނަ ޖަލްސާގައި މޭޔަރު ވިދާޅުވީ މިކަމަކީ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމެވި ކަމެއްކަމަށެވެ.
”މާލޭގައި ވަރަށްގިނަ ޒުވާނުން އެބަތިބި މަސައްކަތެއް ނެތިފަ، ކުރެވޭނެ ގޮތެއް ނުފެނިފަ، އާމްދަނީ ހޯދޭނެ ވަޞީލަތެއްނެތިފަ ތިބި. އެހެންވީމަ ކައުންސިލުން އެފަދަ ފުރުޞަތެއް ފޯރުކޮށްދެވޭ ގޮތްވުމަކީ ވަރަށް މުހިންމު ކަމަކަށްވާނެ“، މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ވޯކްޝޮޕްގެ ބޭނުމަކީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޝާމިލްވާގޮތަށް އާރޓް އެންޑް ކްރާފްޓްގެ ފަންނުގެ ދާއިރާއިން ހިލޭ މިކަހަލަ ކޯހެއް ހިންގާ ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުން ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވޯކްޝޮޕާއި ގުޅިގެން މޭޔަރު ކުރެއްވި ޓްވީޓެއްގައި ވަނީ ކައުންސިލްގެ އެކްޝަންޕްލޭންގައި ހިމެނޭ ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމަށް ހިލޭ ހިންގޭ "ފަންނުވެރިޔާ" ޕްރޮގްރާމްގެ ފުރަތަމަބެޗްގައި ބައިވެރިވެލެއްވުމަށް ދަޢުވަތު ދެއްވާފައެވެ.
އުމުރުން 18 އަހަރާ 25 ޒުވާނުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. ވޯކްޝޮޕް ފެށުމަށްހަމަޖެހިފައި ވަނީ އަންނަ މާރޗް މަހުއެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ، ޒުވާނުން ފޯމް ފުރިހަމަކުރައްވައި އަންނަ މާރޗު 08 ވާ ބުދަދުވަހު 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އީމެއިލް އަށް މެއިލްކުރައްވަން ޖެހޭނެ ކަމަށް ކައުންސިލުންވަނީ ވިދާޅުވެފައެެވެ.
.