އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12 އިން ފެށިގެން، ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށާނެއެވެ. މީރާއިން މިވާހަކަ އާންމުކޮށް ހާމަކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ޕޮއިންޓު އޮފް ސޭލްގައި ވިއްކާ ކޮތަޅުން، ފީ ނަގަން ލާޒިމު ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ ދަށުން ކޮތަޅުން ޖީއެސްޓީ ލާޒިމު ވަގުތުތަކުގައި ކަމަށެވެ.
ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގަންވާނެކަމަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، އެ ފަރާތަކުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާނުގައި އެ ފަރާތުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާ މުއްދަތައް ނިސްބަތްވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މަޢުލޫމާތު ހިމަނައި، ޖީ.އެސް.ޓީ ދެއްކުމުގެ ސުންގަޑީގެ ނިލަޔަށް ޕްލާސްޓިކް ކޮތަޅުގެ ފީވެސް މީރާއަށް ދައްކަންވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
18 ޑިސެމްބަރ 2022 ގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "ކުނި މެނޭޖްކުރުގެ ޤާނޫނު" ގައި ވާގޮތުން، 18 އޭޕްރިލް 2023 އިން ފެށިގެން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހެއެވެ. އަދި، ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.
ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާ ވެގެންވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
ޖީއެސްޓީ ނެގުން އިސްތިސްނާވެގެންވާ ޕްލާސްޓިކް ކޮތަޅުުތަކުގެ ތެރޭގައި:
- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު،
- ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
- ކުނި މެނޭޖު ކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާ އަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ"
މީރާ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ޖީއެސްޓީ ނުނަގާ ތަކެއްޗަށާއި ހިދުމަތްތައް ދިނުމުގައި ވެސް ބޭނުން ކުރާ ކޮތަޅުތަކުން ކަނޑައެޅިފައިވާ ފީ ނަގާނެ ކަމަށާއި ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފީއެއްގެ ގޮތުގައި 2 ރުފިޔާ ނަގަން ވާނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ އަތުން އެ ފީ ނެގުމަކީ ޖީއެސްޓީއަށް ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް މީރާގެ ބަޔާނުގައި ބުނެފައި ވެއެވެ.