މި ހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށާއި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި އަހަރުގެ މާރިޗްމަހުގެ 23 ކަމުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ ހިނގަމުން މިދާ ޝަޢުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށް ކަމަށެވެ. ކަމާބެހޭ ހިސާބު ޢިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހެން ކަން ހިނގަނީ ހަމައެކަނި ރާއްޖެއަކަށް ނޫން ކަމަށާއި ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށްވެސް މިކަން އޮތީ މިހެން ކަމަށް ވިދާޅުވެފައި ވެއެވެ.

"ހުރިހާ އިސްލާމީ ޤައުމަކަށާއި، އަޅުގަނޑުމެންގެ ވަށައިގެންވާ އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ޤައުމަކަށްވެސް އެދުވަހުގެ އިރު ނޯއްސި ހުއްޓާ ހަނދު އޮއްސެއެވެ. މިސާލަކަށް، ރާއްޖެއަށް އެދުވަހު އިރުއޮއްސުމުގެ 9 މިނެޓު ކުރިން، ސަޢޫދީ އަރަބިއްޔާގެ މައްކާއަށް ވެސް 9 މިނެޓު ކުރިން، މިސުރަށް 10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކީގެ އިސްތަންބޫލަށް 14 މިނެޓު ކުރިން، މޮރޮކޯގެ ރަބާޠަށް 4 މިނެޓު ކުރިން، ހަނދު އޮއްސެއެވެ." މައުމޫނު އަބްދުލްގައްޔޫމު ހާމަކޮށްފައިވެއެވެ.

އަދިވެސް އިތުރަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. "އަޅުގަނޑު ބެލި ބެލުމުން އެނގުނު ގޮތުގައި އެދުވަހު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސެނީ ހަމައެކަނި ދެކުނު އެފްރިކާގެ ކޭޕް ޓައުން ސަރަޙައްދަށާއި، އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަޙައްދަށެވެ."

އެހެންކަމުން، ވިދިގެން އަންނަ މާރިޗު މަހުގެ 22 ވާ ބުދަ ދުވަހަކީ، ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވާނީ ހަމަ އެކަނި އެފްރިކާގެ ކޭޕް ޓައުން ސަރަޙައްދަށާއި، އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަޙައްދަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެހެން ހުރިހާ ސަރަޙައްދަކަށް އެދުވަސް ވާނީ ޝަޢުބާން މަހުގެ 30 ވަނަ ދުވަހަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަށް ކަމަށްވެސް މައުމޫނު އަބްދުލްޤައްޔޫމު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މިބަސްފުޅު ނިންމާލަމުން ވިދާޅުވެފައިވާ ގޮތުގައި މިއީ، ފަލަކީ ހިސާބުން ދައްކާ ގޮތް ކަމުގައި ކަމާބެހޭ މާހިރުން ބުނާ ގޮތެވެ.