ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރ (53 މިލިއަން ރުފިޔާ) ހަ މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ޢަމުރުގައި ވާގޮތުން ވ.އާރަށް ކުއްޔަށް ދިނުމުގެ ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް، އަދި އިތުރު ފައިސާއާއެކު ބީއެމްއެލަށް ޖަމާކޮށް، އަނެއްކާވެސް އިތުރު ފައިސާއާއެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމްލަ 1،295،000 ޑޮލަރު 2017 ފެބުރުއަރީ 21ގައި ޖަމާކޮށްފައިވެއެވެ.

އޭގެ ފަހުން އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަށް އިތުރު ފައިސާއާއިކު ޖުމްލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައެވެ.

އެހެންކަމުން، ދައުލަތުން ވަނީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޔާމީން ލޯންޑަރކުރިކަމަށް ބުނާ އެއް މިލިއަން ޑޮލަރާއި، އެ ފައިސާއާއި އެއްކޮށްފައިވާކަމަށް ތުހުމަތުކުރާ 2،413،230 ޑޮލަރާއި، އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިސާ ނަގައިދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރުކުރެއްވީ، އާރަށުގެ މައްސަލާގައި ޔާމީނަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެ ހުކުމަށް ރިއާޔަތްކޮށެވެ.

ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކަމެއް އަދި ނޭނގެއެވެ.

މީގެ އިތުރުން، ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެވެ.