ހަނގާކުރުން ހުއްޓުވޭނީ މުޖުތަމަޢުގެ ހުރިހާފަރާތްތަކަކުން އެއްބާރުލުންދީގެން ކަމަށާ، މިފަދަކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ސްމައިލްއޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ވިލިމާލޭގައި ހުންނަ، މުޙްޔިއްދީން ސްކޫލުގައިކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެެވެ.

އެގޮތުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަޚުލާޤީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ޤަބޫލުކުރެވިގެން ކަމަށެވެ. މިގޮތުން، ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން، އެމަނިކުފާނު ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ. އަދި ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމަޢުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވަނީ، ހަނގާކުރުމަށް ހޭލުންތެރިކުރުމާއި ގުޅޭ ގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. ޅެމުގެ މިރަމްޒީ ފިލާ، އެމަނިކުފާނުގެ އަތްޕުޅަށް އެރުވީ ޅެން ހުށައަޅައިދިން، ކަލާފާނު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ޢައިޝަތު އަލާނިޔާ އިސްމާޢީލެވެ.

މީގެ އިތުރުން ރައީސް އޮފީހުން ވިދާޅުވިީ، ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފަށްޓަވައިދެއްވައި، އެމަނިކުފާނު، އެ ވޯލްގައިވެސް ލިޔުއްވާފައިވާކަމަށެވެ.

"ސްމައިލް އޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، މިމަހު 26 ވަނަ ދުވަހުން ފެށިގެން މާރިޗުމަހުގެ 23އަށް، އެއްމަސްދުވަހުގެ މިހަރަކާތްތައް ކުރިޔަށް ގެންދާނީ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެންނެވެ.