ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ 35 އަހަރުގެ މުހައްމަދު ލިޓަން ގެ މަރުގެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، 45 އަހަރުގެ މުހަައްމަދު ނިޒާމު ގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ހިމެނޭހެން ތިން ދައުވާއެއް އުފުލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، އެއޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެ އެވެ.
ގަސްތުގައި މީހަކު މެރުމުގެ ދައުވާ ނިޒާމުގެ މައްޗަށް އުފުލަން ޖެހޭ ސަބަބެއްކަމަށް ވަނީ ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ގުޅިފައި ހުރި ހެކިތަކަށް ބަލާއިރު އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕީޖީ ޝަމީމު ވިދާޅުވިއެވެ.
"މަރުގެ މައްސަލައިގައި މި ދައުވާ ކުރަނީ އޭނާ "ނިޒާމު" ދައްކާފައި ހުރި ވާހަކަތަކާއި މި މައްސަލައިގައި ލިބިފައި ހުރި އެހެން ބައެއް ހެކިތަކުން މިކަމުގައި މުހައްމަދު ނިޒާމުގެ ބައިވެރިވުން ނުވަތަ މުހައްމަދު ނިޒާމު ކުރިކަމަކުން މީހަކު މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭތީ." ޝަމީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޯޓުގައި ސާބިތުކޮށްދޭނަން އޭނާ އެކުރި ކަމަކީ މީހަކު މަރުވެދާނެ ކަމެއްކަން. އަދި އެއީ އެހެން ނަތީޖާއެއް ނުނިކުންނަ ކަމެއްކަން،" ނޫސްވެރިޔަކު މިކަމާ ބެހޭ ގޮތުން ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކައިގެ ތެރޭގައި ޝަމީމު ވިދާޅުވި އެވެ. ނިޒާމް ހައްޔަރުކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި ތެޔޮ ބޯޓުން ވައްކަން ކުރިކަމަށް ބާރު ލިބޭ ހެކިތައްވެސް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
"ދެން އެނގި ވަޑައިގަންނަވާނެ ސުޕްރީމް ކޯޓުގައި ނަޖާހު މައްސަލައިގަ އެބަ އޮތް އުސޫލުތަކެއް ކަނޑައަޅުއްވައި ދެއްވާފައި. މީހަކު ދިރިހުއްޓާ އެންމެ ފަހުން ފެނުނު މީހާގެ މައްޗަށް އަންނަ ކަންތައްތަކެއް. އެހެންވީމާ އަޅުގަނޑުމެން ބޭނުންކުރާނީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައި ހުރި އުސޫލުތައް އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ޕްރެކްޓިސް ކުރާ ބައެއް އުސޫލުތައް." ލިޓަންގެ މަރުގެ މައްސަލައިގަ ނިޒާމުގެ މައްޗަށް ދައުވާ އުފުލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝަމީމު ވިދާޅުވެފައިވެއެވެ.
މިހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ތެޔޮ ބޯޓެއްގައި ފުރި ލިޓަން އާއި ނިޒާމު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެމަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. ފުލުހުން އެދެމީހުން ހޯދަމުން ދަނިކޮށް ދެމީހުންގެ ތެރެއިން ނިޒާމު ވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު މާލޭގައި ހުރި ގެސްޓް ހައުސް އަކުން ފެނިފައެެވެ. ނަމަވެސް ލިޓަން ފެނިފައެއް ނުވެއެވެ.
"މީގެ އަނެއް ކޮޅަކީ މީހަކު މަރާލާފައި ފޮރުވީމާ ދެން މަރުގެ ދައުވާ ނުކުރެވޭނެ ހެއްޔޭ. އެއީހޭ ނަތީޖާއަކަށްވާނީ. އެވެސް ހަމަޖެހޭ ކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް އެސްޓެބްލިޝް ކުރެވޭނެ މި މައްސަލައިގެ ތެރެއިން މި މައްސަލައިގައި ސާބިތުކޮށްދޭނަން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ކުރެވޭ ވަރަށް ސާކަމްސްޓެންސް ހެކިތައް އެބަހުރި، ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ސާފުކޮށް ކިޔާދީފައި އެބަހުރި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ ހެކިތަކާއި ބޭނުން ނުކުރެވޭނެ ހެކިތައް." ލިޓަންގެ މަރާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވިއެވެ.
ލިޓަން މަރާލިކަމުގެ ތުހުމަތުވާ ނިޒާމް ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ދެ މަސް ދުވަސް ތަހުގީގު ކުރުމަށް ވަނީ މުއްދަތު ކަނޑައަޅައިފައެވެ.
ނަޖާހުގެ މައްސަލަ ކަމަށް ޕީޖީ ވިދާޅުވި މައްސަލައަކީ: 2010 ޖެނުއަރީ 2 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު އަންގާގިރީގެ ހަދަމުންދިޔަ އިމާރާތުގެ ތެރޭގައި ހުރި ބަސްތާތަކެއްގެ ތެރެއިން މަރުވެ ކުނިވެފައި އޮއްވާ ފެނުނު، ފަހުން ސާބިތުވި ގޮތުގައި 31 ޑިސެމްބަރު 2009 ގެ ރޭގަނޑު ދަންވަރު(ޖެނުއަރީ 2010ގެ 00:30 ހާއިރު މަރާލާފައިވާ، ލ. ގަމު ތުނޑީ މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ދައުލަތުން އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2015 ވަނަ އަހަރު ކަނޑައަޅައިފަ އެވެ.
"ޝީރީން މަރުވެފައިވަނީ ތޮބީއީ މަރަކުން ކަމަށް ނުވާތީ، އަދި އެ މަރު މެދުވެރިކުރުވިއިރު އެތަނުގައި ނަޖާހު ފިޔަވައި އެހެން އެއްވެސް މީހަކު ނެތުމުން މި މައްސަލަައިގައި ޗޭނެއްހެން ގުޅިލާމެހިފައިވާ ގަރީނާތަކުން ޝީރީން މަރުވެފައިވަނީ މުހައްމަދު ނަޖާހުގެ އަމަލަކުންކަން އަހުރެން ހިތުގައި އެއްވެސް ޝައްކެއް ނެތް،" ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ. މިއީ ޕީޖީ ޝަމީމު ދެންނެވި "އެންމެ ފަހުން ދިރިހުރި މީހާގެ އުސޫލަކާ ތަފާތު އުސޫލުތަކެއް އެބަހުރި."
ނަމަވެސް, 2017 ވަނަ އަހަރު އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުމުން، ޝީރީން މަރުވެފައި ވަނީ ނަޖާހުގެ އަމަލުތަކަކުން ކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމާއި އެހެންވެ, ގަސްދުގައި މީހަކު މަރާލިކަން ސާބިތު ނުވި ނަމަވެސް ގަސްދަކާ ނުލައި މީހަކު މަރާލުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެ މައްސަލަ ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމްކޯޓުންވެސް ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ނަޖާހު މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާއިރު، ޖަލުގައި ހުރެ އޭނާ ވަނީ ކައިވެންޏެއްވެސް ކޮށްފައެވެ. އޭނާގެ މިހާރުގެ އަނބިމީހާ ދިރިއުޅެމުން އަންނަނީ މާލޭގައެެވެ.