މިހާތަނަށް ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ކުރެވިފައިވަނީ އެންމެ ދައުވާއެއްކަމަށާއި އެއީ ގާނޫނުގައި ލިޔެވިފައިވާ ގޮތުގެ ސަބަބުންކަމަށާއި އަދި އެ ގާނޫނު އޮތީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، ކުރިން ގާނޫނުތައް ލިޔެވިފައި ވަނީ ތަންފީޒު ކުރުމަށް އެންމެ ފަހިވާ ގޮތަށް ނޫންކަމަށެވެ. ގާނޫނެއްގައި އެއްޗެއް ލިޔާއިރު، އަމަލީ ގޮތުން އެކަން ކުރާނެ ގޮތަކާއިމެދު ވިސްނަންޖެހޭނެކަމަށް ވިޔަސް ކުރީގައި ފަރުމާ ކުރެވިފައިވާ ގާނޫނުތައް އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ޝަމީމް ތަކުރާރު ކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ގާނޫނުތައް ބަައެއް ފަހަރު، އަދި އަމުދުން އެޒަމާނުގައި ލިޔެވިފައި ހުރީކީ އެހާ ފަހިވާ ގޮތަކަށް ނޫން، ގާނޫނެއްގައިއެއްޗެއް ލިޔާއިރުގައި އަމަލީ ގޮތުން އެކަން ކުރާ ގޮތެއް ވެސް އެބަ ވިސްނަން ޖެހޭ، ބައެއް ކަހަލަ އެއްޗެހި އޭރު ލިޔެވިފަ ހުރީ އެހާ ފަހިވާ ގޮތަކަށް ނޫން. މީހަކު ރަޖިސްޓަރީއެއް ނުކުރާނެ ނޫންތޯ ގޭންގެއް." ޝަމީމު ވިދާޅުވިއެވެ.
“އަޅުގަނޑަކަށް ހިއެއް ނުވޭ، އަމަލީ ގޮތުން މަސައްކަތްކުރާއިރުގައި ގޭންގު ކުށްތައް މަނާ ކުރުމާއި ބެހޭ ގާނޫނަކީ އަޅުގަނޑުމެންނަށް މިވަގުތު ބޭނުންކުރެވިދާނެ ގޮތަކަށް އޮތް ގާނޫނެއް ހެނެއް، އޭރުވެސް ބޭނުމެއް ނުކުރެވޭ، މިހާރުވެސް އެގޮތަށް އެކަން އެ އޮތީ."
ޝަމީމް އިތުރަށް ވިދާޅުވީ ގޭންގްކުށްތައް ހުއްޓުވުމާ ބެހޭ ގޮތުން ސަރުކާރުން މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ބަލަހައްޓަވައި ކުރިއަށް ގެންދަވާ ޓާސްކްފޯހެެއް އެބައޮތްކަމަށާއި، އޭގ ދަށުން ފުލުހުންނާއި ސިފައިންނާ ގުޅިގެން ހިންގަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށާއި އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކުށްތައް މަދުވެގެން ދިޔަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.އޭނާ ވިދާޅުވީ، އެއީ ބޮޑު މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެކަން ކުރުމަށް އެބަ ގަސްދު ކުރައްވާކަމަށާއި، އެކަމާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ދެއްވޭނީ ބަންޑާރަ ނައިބަށްކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.
ޝަމީމް ވިދާޅުވީ، އަމަލީ ގޮތުން މަސައްކަތްކުރާއިރު، މިހާރު އޮތް ގޭންގު ކުށްތަށް މަނާ ކުރާ ގާނޫނަކީ މިވަގުތު ބޭނުން ކުރެވިދާނެ ގާނޫނެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ގާނޫނު އެކުލަވާލައިގެން ވެސް ބޭނުން ކުރެވިފައި ނުވާ ކަމަށާއި، މިހާރު ވެސް އެ ގާނޫނު އޮތީ އެ ހާލަތުގައިކަމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ޕީޖީ ޝަމީމު ވަނީ ވިދާޅުވިއެވެ.