އެޗްޕީއޭ އިން ކަނޑައަޅާފައިވާ ޚާއްސަ ގައިޑްލައިންތަކެއްގެ ދަށުން ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުމަށް ހުއްދަދީފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ޑިސެމްބަރު 20 އިން ފެށިގެން އެ އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާއްތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވޭނެ ކަމަށެވެ.

އެޗްޕީއޭ އިން މިރޭ ވަނީ ކުރިން ނިންމާފައިވާ ބައެއް ނިންމުންތައް ބާތިލް ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްފަހަރާ 15 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ ކަމަށް މީގެ ކުރިން ހަމަޖައްސާފައި އޮތް އޮތުމާއި އެއްފަހަރާ 15 މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް އޮތް އޮތުންވެސް ވަނީ ބާތިލް ކޮށްފައެވެ.

ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް މަދުކަން ވަނީ ފާހަގަކުރެވިފައެވެ. އެއާއެކު އެޗްޕީއޭ އިން އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން ނެގެޓިވް ޕީރީއާރް ޓެސްޓް ނަތީޖާއަކާ އެކު ދިވެހީންނަށް ރިސޯޓުތަކަށް ދިޔުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. އަދި 14 ދުވަހުގެ ކަރަންޓީނު 10 ދުވަހަށް ވަނީ ކުޑަކޮށްފަ އެވެ.