ކޮވިޑް-19 ބަލިފަތުރާ ވައިރަސްގެ ހަގިގަތް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯގެ ޚާއްސަ ތަޖުރިބާކާރުންގެ ޓީމެއް އަންނާތީ ބިރު ނުގަންނަ ކަމަށާއި، އަދި އެކަމާ ހާސްނުވާ ކަމަށް ކޮވިޑްބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގެ އާންމުން ބުނެފިއެވެ.

ކޮވިޑްބަލި ފަތުރާ "ކޮވިޑް-19" ގެ ނަމުން މިހާރު ނަން ދީފައިވާ ވައިރަސް އަސްލު އައިތަނަކާއި، އެ ވައިރަސްގެ ހަގީގަތް ދެނެގަތުމަށް ޑަބްލިޔޫއެޗްއޯއަށް ނިސްބަތްވާ ބައިނަލްއަގްވާމީ ތަހްގީގު ޓީމެއް އަންނަ ޖެނުއަރީމަހު ޗައިނާއަށް ޒިޔާރަތް ކުރާ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

ޗައިނާއަށްގޮސް، ވައިރަހާބެހޭ ތަހްގީގުތައް ހިންގުމުގެ ހުއްދަ ޗައިނާ ސަރުކާރުންވެސް މިހާރުވަނީ ދީފައެވެ.

މިކަމުގެ ހުއްދަ ޗައިނާ ސަރުކާރުން ދިންކަން ޑަބްލިޔޫއެޗްއޯއިން އަންގާރަ ދުވަހު ހާމަކުރި ނަމަވެސް، އެ ޓީމު ވުހާން ސިޓީއަށް ދާނެކަމެއް ބުނެފައެއް ނުވެއެވެ. ވުހާންއަށް ދިއުމުގެ ހުއްދަ ދިންކަމެއް ނުވަތަ ނޫންކަމެއްވެސް ޑަބްލިޔޫއެޗްއޯއިން ނުބުނެއެވެ.

ކޮވިޑް ވައިރަސްއާ ގުޅޭ ކަންކަމުގައި ޑަބްލިޔޫއެޗްއޯގެ 2 ބޭފުޅަކު މިއަހަރުގެ ޖުލައިމަހުވެސް ޗައިނާއަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. ނަމަވެސް ވުހާންއަށް ވަޑައެއް ނުގަންނަވައެވެ.

ކޮވިޑް-19 ވައިރަސް 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު އެންމެ ފުރަތަމަ ފެނިފައިވަނީ ވުހާން ސިޓީގެ ސީފުޑް މާރުކޭޓަކުންނެވެ.

ވުހާންގެ އާންމު ރައްޔިތުން ބުނަމުންދަނީ، އެ ވައިރަސްއަކީ ވުހާން ސިޓީން ފެތުރު ވައިރަހެއް ނޫންކަމުގެ ޔަގީންކަން، ޑަބްލިޔޫއެޗްއޯގެ ޓީމުގެ ތަހްގީގުތަކުން ކަށަވަރުވާނެތީ އެމީހުން ކަންބޮޑުނުވާ ކަމަށެވެ.

ވުހާން ސިޓީގެ މީހުންވެސް އަދި ޗައިނާ ސަރުކާރުންވެސް ބުނަމުން ގެންދަނީ ކޮވިޑްބަލި ފަތުރާ ވައިރަސްއަކީ ވުހާން ސިޓީން ފެތުރެންފެށި ވައިރަހެއް ނޫން ކަމަށެވެ.

މި ވައިރަސްގެ މައްސަލައިގެ ބައިނަލްއަގްވާމީ ތަހްގީގެއް ހިންގަން ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅެވެ. އެކަމަކު ބުނެފައިވަނީ، ޑަބްލިޔޫއެޗްއޯ އިސްވެ އޮވެ އަންނަ ޓީމަކުން އެފަދަ ތަހްގީގެއް ހިންގަން ދެކޮޅު ނޫން ކަމަށެވެ.

ޑަބްލިޔޫއެޗްއޯގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ، ޗައިނާއަށްދާ ޓީމުގައި 12 ނުވަތަ 15 މެމްބަރުން ހިމެނިވަޑައި ގަންނަވާ ކަމަށާއި، އެ ޓީމު ވުހާންއަށް ޒިޔާރަތް ކުރާނެ ކަމަށެވެ.

އަދި ޗައިނާގެ ރިސާޗަރުން އިންސާނުންގެ ހަށިގަނޑުންނާއި، ޖަނަވާރުންގެ ހަށިގަނޑުން ނަގާފައިވާ ކޮވިޑް ފަތުރާ ވައިރަސްގެ ސާމްޕަލްއާއި، އެނޫންވެސް ހެކިތައް މުތާލިއާކޮށް ޑަބްލިޔޫއެޗްއޯ ޓީމުގެ އަމިއްލަ ދިރާސާތަކެއް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.