ދުނިޔެއަށް އެދެވޭ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރަމުން އަންނަނީ އަރަމުން އަންނަ ޒުވާން ލީޑަރުންކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނުިކުފާނު އެހެން ވިދާޅުވީ މިއަދު ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި "އަޕްޝިފްޓް" ޕްރޮގްރާމް އިފުތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ރަސްމިއްޔާތުގައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި، ޢާންމު ދިރިއުޅުމުގައި ވެސް ކްރިޓިކަލް، އެނަލެޓިކަލް އަދި އީޖާދީ ވިސްނުންތަކާއެކު ކުރިޔަށްދިއުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ހަމައެހެންމެ، ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރިމަތިވާ މައްސަލަތަކާމެދު ވިސްނައި އެ މަސައްލަތަކަށް ހޯދޭނެ ޙައްލުތަކާމެދު ވިސްނުން ގެންގުޅުމަށްވެސް ދަރިވަރުންނަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ފައިދާތައް ބަޔާންކޮށްދެއްވައި އެއް އަމާޒަކަށް ވާޞިލުވުމަށް އެކުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އަޕްޝިޕްޓް ޕްރޮގްރާމަކީ އަރަމުން އަންނަ ޒުވާން ލީޑަރުންނަށް، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ޔުނިސެފްއިން ކުރިޔަށްގެންދާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. ޔުނިސެފް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ރާއްޖޭގައި މި ހަރަކާތް ފުރަތަމަ ފަށަނީ ޕައިލޮޓްކޮށް، ރާއްޖޭގެ 48 ސްކޫލެއްގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

މިހަރަކާތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ހުނަރުތައް ތަރައްޤީކުރުމަށާއި ޖަމާއަތަށް ހެޔޮ ބަދަލުތައް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ މައްޗަށެވެ.