މިއަހަރުގެ އެންމެ ކުރު މަސް 28 ދުވަހުން މިއަދު މިނިމުނީއެވެ. ކުރިއަށް ދެން މި އޮތީ މާރިޗު މަހެވެ. މިއަހަރުގެ މާރިޗުމަހުގައި އަޅުގަނޑުމެނާއި ބައްދަލު ކުރަނީ ބަރަކާތްތެރި ރަމަޟާން މަހެވެ.
އަހަރަކު އެއް ފަހަރު މުސްލިމުންނަށް އަންނަ އަޅުކަމާއި އެއްބައިވަންތަކަމާއި ހުޝޫއަތްތެރިކަމާއި މިނޫންވެސް އެތައް ރޫޙާނީ ހެޔޮކަންތައްތަކާއެކު އަންނަ މަހެކެވެ. އެމަހަކަށްޓަކައި އަހަރު ފެށުނީއްސުރެ ތައްޔާރު ވަމުން އަންނަ މަހެކެވެ. އެކި މީހުން އެކި ކަންކަމުގައި އެކި ތައްޔާރީތައް ދުރާލާ ރާވައި ކުރެހުންތަކާއި ލިޔުންތަކާއެކު ތައްޔާރުވެއެވެ.
ވިޔަފާރިވެރިން އެބައިމީހުންގެ ވިޔަފާރި ކުރިއެރުވުމާއި ކަސްޓަމަރުންނަށް ބޭނުންވާނެ ފަދަ ހުރިހާ ބާވަތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ފަހި ގޮތެއްގައި ތައްޔާރުވެއެވެ. އާއިލާތައް އެކަކު އަނެކަކާ ގުޅުން ރަނގަޅުކޮށް އެކުގައި ބައެއް ދުވަސްތައް ހޭދަކޮށްލާނެ ގޮތާމެދު މަޝްވަރާ ކުރެއެވެ. ތަފާތު މުނިފޫހިފިލުވުމުގެ ކަންތަކާމެދު ޕްރޮގްރާމްތައް ރާވާ ފަރާތްތައް އެބައިމީހުންގެ މުވައްޒަފުން އެއްކޮށްގެން މާކުރިއްސުރެ ތާވަލު ތައްޔާރުކޮށް ހުށަހަޅައި އެމަހުގެ 30 ދުވަހު މީހުންގެ ރޯދަ ކުރުކުރާނެ ގޮތާމެދު ތަފާތު ކަންތައްތައް ގެނެސްދިނުމަށް އަވަދިނެތި އުޅެއެވެ. ގޭގެތަކަށް އާ ބަދަލުތައް ގެނައުމުގައި މޭސްތިރިންގެ ގޮތުގައި އަނބިން ހަރަކާތްތެރިވާއިރު ފިރިން ގެއަށް އާސާމާނު ގަނެގެން ގެނެސް އެތަކެތި ރޭވުމާއި ކުރީ އަހަރު ބޭނުން ކުރި ސާމާނުތައް ގެއިން ބޭރު ކުރުމުގައި ތެޅިފޮޅެއެވެ. އިސްލާމްދީނުގެ އިލްމާއި މައުލޫމާތު ގެނެސްދިނުމަށް އިލްމުވެރިން ހޯދުމުގައި އެއްބަޔަކު އުޅޭއިރު އިލްމު ފެތުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން އެފަރާތްތަކުގެ ޕްލޭންތައް ހެދުމުގައި އުޅެއެވެ.
އެންމެ މުހިންމު ކަމެއްދީގެން އެންމެ ވަރުގަދައަށް ތައްޔާރީތައް ކުރިއަށް ގެންދަނީ ބަދިގެ ތަކުގެތެރޭގައެވެ. ބަދިގޭ ސާމާނު އާކުރުމާއި ކާބޯތަކެތީގެ ލިސްޓަށް ތަކެތި ހޯދުމެވެ. ސުފުރާތަކަށް ބޭނުންވާ ބާވަތްތައް ތާވަލުކޮށް ހަމަޖެއްސުމުގައެވެ. ސުކޫލުތަކުގެ ދަރިވަރުންނަށް ކިޔެވުން ގެންދާނެ ގޮތަކާމެދު ބައްދަލުވުންތައް ބާއްވައި މުދައްރިސުންނާއި އެދުރުންގެ މަޝްވަރާތައް ދާއިރު ބެލެނިވެރިންވެސް މިކަމުގައި ހިޔާލު ބަދަލުކުރެއެވެ. ހައްތާވެސް ތައްޔާރީތަކެވެ. މިއިން ކޮންމެ ތައްޔާރުވުމެއްގެ ކުރިއަށް މާހެފުމުގެ ކަންތަކަށް އެންމެންވެސް އިސްކަމެއްދެއެވެ.
މިހޭބޯނޭރުމާއި އަވަދިނެތި އުޅުމުގެ ތެރެއިން ބަރަކާތްތެރި ރަަމަޟާންމަހުގެ ބަރަކާތް ލިބިގަތުމަށްޓަކައި، އެމަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށްޓަކައި އަމިއްލަ ނަފުސު ހިސާބުކޮށްލީ ކިތައް ފަރާތުން ބާވައެވެ. އެންމެ 22 ވަރަކަށް ދުވަސް ބާކީ އޮތްއިރު މިދިޔަ އަހަރުގެ ރަމަޟާން މަހާ އޭގެ ކުރީއަހަރުގެ ރަމަޟާން މަސް އަޅާކިޔާފައި މިމަހަށް ކަންތައްތަކެއް ތާވަލު ކުރެވުނު ބާވައެވެ. އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދީގެން ﷲތަޢާލާއަށް ކުއްތަންވުމަށް ކަންތައްކެއް ކުރުމާމެދު ވިސްނާލެވުނު ބާވައެެވެ.
އިސްރާފު ކުރުމާއި މުނިފޫހިފިލުވުމާއި މަޖާ ކުރުންތަކާއި ކެއްކުމާއި ކެއުމާއި ކުޅިވަރުތައް ފިޔަވައި އެކަނި އިނދެގެން އަމިއްލަ ނަފުސު ސީދާ ކޮށް ތައުބާވެ އަސްތަޣްފާރު ކޮށްލާނެ ވަގުތަކާމެދު އެއްވެސް އެއްޗެއް ނޯޓު ކޮށްލެވުނުބާވައެވެ. މިދިޔަ އަހަރުގެ ރޯދަމަސް ނިމިގެން މިހާތަނަށް އައިސް އަނެއް ރޯދަމަހަށް ވަގުތު ކުޑަތަންވީއިރު ރޯދަމަހުގައި ދޫކޮށްލެވުނު ރޯދަތައް ޤަޟާ ކޮށް ނިމިއްޖެތޯ ބަލާލެވުނު ހެއްޔެވެ. ދިރިއުޅުމުގެ އަވަދިނެތިކަމާއި މަސައްކަތުގެ ވަރުބަލި ކަމާހެދި މިމަހުގެ ހަގީގީ މަގުސަދު ކަމަށްވާ އަޅުކަން އިތުރު ކުރުމާއި ﷲތަޢާލާ ހަނދުމަ ކުރުންފަދަ ކަންތައްތަކަށް ވަގުތު ނުދެވި ފަހަތަށް ލެވޭ ކަމަކަށްމިވަނީ ކީއްވެގެން ހެއްޔެވެ.
ރަމަޟާން މަހަކީ ކެއުމުގެ މަހެއް ނޫނެވެ. އަދި އެއީ ކުޅިވަރާއި ސަކަރާތާއި މަޖަލުގެ މަހެއްވެސް ނޫނެވެ. މިމަހަކީ ބައެއް މީހުންނަށްޓަކައި އެބައިމީހުންގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި ކަންތައް ޕްރޮމޯޓު ކުރާ މަހަކަށް ހަދާފައިވާކަމަކީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ. ރޯދަކުރުކުރުގެ ނަމުގައި އެކިކަހަލަ ކަންތައްތައް ފެށުމަށް ތައްޔާރުވާއިރު ހެޔޮވެގެންވާ އަމަލެއް ކުރުމަށް ހޭދަކޮށްގެން އިންތިޒާރު ކުރާ ފަރާތްތައް މަދެވެ.
އެހެންވެސް ވާނެތާއެވެ. ޑިމާންޑު ނެތްކަމަށް ސަޕްލައި ކުރުމަކީ އެއްވެސް ބަޔަކު ކުރާނެ ކަމެއް ނޫން ވިއްޔާއެވެ.
އެހެންކަމަށްވިޔަސް މިހެން ކަމަށްވިޔަސް، ކިތަންމެ ބުރަކޮށް އުޅުނަސް އަދި ކިތަންމެ އަވަދިނެތި އުޅުނަސް މިދެންނެވި ކަންތައްތަކާމެދު ވިސްނާލުން ރަނގަޅެވެ. އަމިއްލަ ނަފުސަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި ނަފުސު ހިސާބުކޮށްލަބަލާށެވެ. ހަމަކުޑަކުޑަ އިރުކޮޅަކަށް އެކަނިވެލައިގެން އިނދެ މިކަމަށް ވަގުތުކޮޅެއް ދީބަލާށެވެ. ނަސީބުގައި މިރޯދަމަސް ލެއްވީތީ ޝުކުުރުވެރިކަމާއެކު މިމަހުގެ ހަގީގީ މަގުސަދު ފުރިހަމަ ވޭތޯ ހިތްވަރު ކޮށްލަބަލާށެވެ.
ރޯދައާ ބެހޭ ގޮތުން މާތްވެެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަންތައްތައް ހޯދައި ބަލައި އެކަންތައްތަކަށް ވަގުތު ދިނުމަށް ތާވަލެއް ކޮށްލުން ރަނގަޅެވެ. އިސްރާފުގެ މަހަކަށް ނުހަދައި ބޭނުން ކުރެވެން ހުރި ތަކެތި އާ ކުރުމުގެ ކުޅިވަރުން އެއްކިބާވުމަށް ވިސްނާލަބަލާށެވެ. ގޭގައި ކުލަލުމާއި ހިފާ ގެންގުޅޭ ތަކެތި ބޭނުންކުރެވޭ ވަރަށް ފުރިހަމަކޮށް ރީތިކޮށް ހުރުމާއެކުވެސް އެތަކެތި އުކާލައި އާއެއްޗެހި ގަންނަން ހޭދަ ކުރާ އެތައްބައިވަރު ފައިސާއިން ޞޮދަޤާތެއް ދިނުމަށް މަޝްވަރާ ކޮށްލުން ކީއްތޯއެވެ.
ރަނގަޅެވެ. ގޭތެރެ ސާފުތާހިރުކޮށް ރީތިކޮށް މި ހާއްސަ މަހަށްޓަކައި ހާއްސަކަން ބަހައްޓަން ވާނެއެވެ. އެކަމަކު ބޭކާރު ގޮތުގައި އިސްރާފު ކުރުމަކީ އެއްވެސް ހާލެއްގައި މިމަހުގެ ބަރަކާތް އިތުރުވާނެ ކަމެއް ނޫނެވެ. ގިނަ ތަފާތު ބާވަތްތަކެއް ސުފުރާ މައްޗަށް އަރުވައި ކޮންމެ ދުވަހަކު އުކާލެވޭ ތަކެތީގެ ތެރޭގައި ދުނިޔޭގައި ބިކަހާލުގައި ބަނޑުފުރާނަމުއްތި ކުރުމުގައި ނިކަމެތިކަމާއެކު ރޭގައި ރޯދަވީއްލަން ކެއި ދެތިން ކަދުރުން އަނެއްދުވަހު ރޯދަ ހިފައިގެން ތިބި މުއުމިނު އަޚުންނާއި އުޚުތުންނާމެދު ވިސްނާ ފިކުރުކޮށް އަޅުގަނޑުމެނަށް ލިބިފައި މިވާ ފުދުންތެރިކަމާމެދު ޝުކުރުކޮށް އެފަދަ އިސްރާފު ކުރުންތަކާ ދުރުހެލި ވަމާތޯއެވެ.
މިފަދަ ކިތަންމެ ކަމެއްގެ ވާހަކަވެސް ދެއްކިދާނެއެވެ. މިއިން ކަމަކާމެދު ވިސްނާލައިފި ކޮންމެ މީހަކަށްވެސް މިއީ ތެދު ހަގީގަތެއްކަން އެނގޭނެއެވެ. މިއަދުގެ ތާރީހުގައި އާ އަޒުމަކާއެކު ރަމަޟާން މަހަށް ތައްޔާރު ވުމުގެ އާ ކަމެއް ކޮށްލަމާތޯއެވެ. އަވަހަށް ފޮތަކާއި ގަލަމަކާ ނަގައިގެން ވިޔަސް ނޫނީ ފޯނުންވެސް މިކަން ނިންމިދާނެއެވެ. މިއީ ހަމަ ކުޑަ ކުޑަ ވަގުތުކޮޅެއްގެ ކަމެކެވެ. ނޯޓުކޮށްލާށެވެ. މިދިޔަ ރޯދަމަހު އަތުން ދޫވެވުނު ކަންތައް ރަނގަޅުކޮށްލުމަށް ޕޮއިންޓެއް ލިޔެލާށެވެ.
ރޯދަމަހަކީ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެއްކަމުން ކަސްރަތާއި އެހެނިހެން ކަންތަައް ކޮންމެވެސް ވަރަކަށް ތާވަލުކޮށް ރާވާލާށެވެ. އަންހެން ބޭފުޅުންނަށް ރޯދަ ނުހިފޭ ދުވަސްތަކުގައި ރޯދައިގެ ދަރުމަ ގެއްލިގެނެއް ނުދެއެވެ. އެހެންކަމުން އެކަންތައް އޮންނަ ގޮތް ބަލައި އެކަމަށްވެސް ސިކުނޑި ތައްޔާރު ކޮށްލާށެވެ. ރައްޓެހިން ނޫނީ ބަޔަކު މަލާމާތް ކޮށްފާނެތީވެ އަޅުކަން ކުރުމާ ދުރު ނުވާށެވެ. ލަދުގަންނާކަށް ނުޖެހުނު ނަމަވެސް މިހާރު ޒަމާނީ ފެޝަނުގައި އޮންނަ ކަމެއް ކުރުމުން ތަރުހީބު ލިބުނަސް އަޅުކަންތަކުގެ ކަންތައްތަކަކީ މުސްކުޅި ފިކުރާއި ބޯދާ ވިސްނުމޭ ކިޔާ ދިމާކޮށް މަލާމާތް ކުރާމީހުން މަދެއް ނޫނެވެ. ރޯދަމަހު ހަވީރު ކުޅޭނެ ކުޅިވަރެއްގެ ވާހަކަ ދައްކައި އޭގެ ރޭވުންތަކަށް ތަރުހީބު ލިބޭވަރަކަށް ކޮންމެވެސް ވަގުތުކޮޅެއްގައި އެންމެން އެކުގައި ކޮންމެވެސް ދީނީ ޕްރޮގްރާމެއް ބަލައިލަން ހިނގާށޭ ބުނުމުން ލިބޭ ތަރުހީބު ކުޑަވެދާނެއެވެ. އެހެންވިޔަސް ހިތްވަރާއެކު ކުރިއަށް ދާށެވެ.
މިއީ އަހަރަކު ހަމަ އެންމެ ފަހަރަކު އަންނަ މަހެކެވެ. ނިމުނީމަ ނިމުނީއެވެ. އެއްކަލަ ރައްޓެހިންނަކަށް އަނބުރާ އެދުވަަސްތަކެއް ނުދެވޭނެއެވެ. އަދި ސަވާބާއި ދަރުމަ ދެއްވާ ފަރާރުން ތިމާ ކޮށްލާ ކޮންމެ ހެޔޮކަމަކަށް އަޖުރު ދެއްވާ ކަން ހަނދާނުގައި ބަހައްޓައިގެން ކުރިއަށްދާށެވެ.ނޯޓުކޮށްލާށެވެ. ތަރާވީހަށް ދާނެ މިސްކިތެކެވެ. ހަތިމު ކުރުމަށް ކިޔަވާނެ ގަޑިތަކެވެ. ކުރާނީ ކިތައް ހަތިމުތޯއެވެ. ރަނގަޅު ގޮތަކީ މެދުނުކެނޑި ދެމިގެންދާ ގޮތަށް ކުރެވޭ އަޅުކަން ކަމަށްވާތީވެ، ކޮންމެ ނަމާދެއްގެ ފަހުގައި ކޮންމެވެސް މިންވަރަކަށް ކިޔެވުން އެންމެ ރަނގަޅެވެ. ރަސްމީކޮށް ޤުރުއާން ކިޔަވާ ވަގުިތެްވެސް ކަނޑައެޅިދާނެއެވެ.
ރައްޓެހި ކުދިންކޮޅެއް އެކުވެގެން ކޮންމެވެސް އެއްގަޑިއެއްގައި ކޮންމެވެސް ތަނެއްގައި ތިބެ މިކަން ކުރެވިދާނެއެވެ. އޭރުން ކިޔަވަން ނޭނގޭ ކޮށި ކުއްޖާއަށްވެސް އެހީވެވުނީއެވެ. ރޯދަ ވީއްލުމުގެ ކުރިން ފަސްމިނިޓް އަމިއްލަ ނަފުސަށް ހުސްކޮށްލާށެވެ. މިވަގުތުކޮޅު ޒިކުރާއި ދުއާ ކުރުމުފައި ހޭދަކޮށްލާށެވެ. ރޯދަވީއްލާގަޑިއަކީ ކުރާ ދުޢާ އިޖާބަކުރުން އަވަސްވެގެންވާ ގަޑިއެއް ކަމަަށް ޞަޙީޙު ޙަދީޘް ތަކުން ސާބިތު ވެގެންވެއެވެ. އެހެންކަމުން މިވަގުތު އަމިއްލަ ނަފުސަށްޓަކައި ހުސްކޮށްލާށެވެ. މިމަހުގައި ރޯދަހިފުމުން ރޯދަމަހު ރޯދަހިފުމަށް ފަސޭހަ ވާނެ ކަމެކެވެ. އެހެންކަމުން މިމަހުގައި ރޯދަހިފުން އައުލާކަން ބޮޑެވެ. ރޭގަނޑު އަވަހަށް ނިދާފައި ހެނދުނު އަވަހަށް ހޭލަން އާދަކުރަން ފަށާށެވެ. އޭރުން ރޯދަމަހުގައި ރޭއަޅުކަމާއި ފަތިހު ހޭލުމުގެ އާދަ ހަރުލާނެއެވެ.
ތިރީގައި ޕޮއިންޓުކޮށް މިލިޔެލަނީ މިމަހުގައި ބާކީ މިއޮތް 22 ވަރަކަށް ދުވަސްތެރޭގައި ކުރުމުން ރޯދައަށް އޭގެ ފައިދާ ފެންނާނެ ބައެއްކަހަލަ ކަންތައްތަަކެވެެ. ޔަގީނުންވެސް 21 ދުވަހުމިކަންތައް ކޮށްފިއްޔާ އާދަ ހުންނާނީ ހަރުލާފައި ކަމަށްވެއެވެ. ސަބަބަކީ އެތައް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި 21 ދުވަހު އެއްކަމެއް ކުރުމުގައި ދެމި ހުރެއްޖެ ނަމަ އެކަމަކަށް އެމީހާގެ ހިތާއި ސިކުނޑި އަދި ހަށިގަނޑުވެސް ހޭނޭނެއެވެ.
- އަވަހަށް ނިދުމާއި އަވަހަށް ހޭލުން
- ރޯދަހިފަން އާ ދަކުރުމަށް ދެދުވަހުން އެއް ދުވަހު ނަމަވެސް ރޯދަ ހިފުން
- ޤުރުއާން ކިޔަވަން އާދަ ކުރުމަށް ކޮންމެ ނަމާދެއްގެ ފަހުގައި ކޮންމެވެސް ވަރަކަށް ކިޔެވުން އާދަ ކުރުން
- ކެއުމުގައި ލޮނާއި ހަކުރު މަދުކުރުން
- ގިނައިން ފެންބުއިމާއި ދިޔާތަކެތި ބުއިން
- އަންނައުނު ދޮވެ އިސްތިރިކޮށް ހަފުތާއިން ހަފުތާއަށް ވާވަރު ބަލައި ހަމަޖައްސާފައި ބެހެއްޓުން
- އެނދުގެ މިލަފޭއްޔާއި ބާލީހުއުރަ ފަދަ ތަކެތި ރޯދަމަހު އެކަންތައް ކުރަން ނުޖެހޭނެ ގޮތަކަށް ނިންމުން
- ކަސްރަތު ކުރުން ރޭގަނޑުގެ ވަގުތަކަށް ބަދަލުކޮށް ދުވާލު ކުރާނެ ކަސްރަތުތައް ހޯދައި ބެލުން
- ނަމާދުކުރާ އަންނައުނު ވަކިން ތައްޔާރުކޮށްލުން
- ސޯޝަލްމީޑިޔާއަށް ދޭ ވަގުތު މަދު ކުރަން ފެށުން
- އާއިލާގެ އެކި މީހުންނާ ގުޅުން ބަދަހިކޮށް މައާފަށް އެދުން
- ލޯބިވާ ވާހަކަ ބުނެލުން، ސަބަބެއް ނެތަސް މިކަންތައް ކޮށްލުން
- ސުފުރާ ސިއްހަތަށް ރަނގަޅު އަގުހެޔޮ، ހަރަދު ކުޑަ ލުއި ގޮތަކަށް ރޭވުން
- ރޯދަ ނުހިފޭނެ ދުވަސްތަކުގައި ކިޔާނެ ދުއާތަކާއި ޒިކުރުތަކުގެ މާނައާއެކު ދެނެގަތުން
- އޮފީހުގެ މަސައްކަތްތައް އޮންނަ ގަޑިތަކާއި އޮފީހުން އައުމަށްފަހު ކަންތައް ކުރާނެ ގޮތަކާމެދު ރޭވުން
- ދީނީ ވާހަކަތައް އަޑުއެހުން(މިފަދަ ވާހަކަތައް އެހުމުން ހިތުގައި އިސްލާމް ދީނާމެެދު ޝައުގު އުފެދި، ދީނަށް ލޯބި ޖެހި އަޅުކަމާ ގާތްވެވޭނެއެވެ.)
މިފަދަ ކިތަންމެ ކަމެއް ހުންނާނެއެވެ. މައިގަނޑު ގޮތެއްގައި މިއީ އެންމެ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަންތައްތަކެވެ. ޔަގީނުންވެސް ކޮންމެވެސް ކަހަލަ ހެޔޮ ކަންތައްތަކެއްގެ ތެރޭގައި އުޅުމުން އެއަށް އާދަ ވާނެއެވެ. ރޯދަމަހުގެ ސަވާބާއި ދަރުމަ ފުރިހަމައަށް ލިބުމުގައި އެކަންތައްތައް އެހީތެރި ވާނެއެވެ. ވަގުތު ފާއިތުވިޔަ ނުދީ އަޒުމުގައި ހަރުދަނާވެ، ރަމަޟާން މަހަށް ތައްޔާރު ވުމުގައި އަމިއްލަ ނަފުސު ހިސާބުކޮށް އެމަހުގެ ދުވަސްތަކަށް ހޭނުމަށް މަސައްކަތް ފަށަންވީ ވަގުތު ކުޑަތަންވެ ނިމިއްޖެއެވެ.
ބާކީ މިއޮތް ވަގުތުކޮޅު ނަގާނުލައި ހިތްވަރެއް ކޮށްލަން ހިނގާށެވެ. މިންނެތް މަސައްކަތާއި ހިތްވަރާއި ނުގުޑާ އަޒުމަކުން ރޯދަމަހުގެ ދަރުމައާއި ސަވާބާއި ބަރަކާތް ހާސިލު ކުރުމަށް ފަށަމާ ބަހީއެވެ. އަމިއްލަ ނަފުސުގެ އީމާންތެރިކަމުގެ ދުޅަހެޔޮކަމަށް ތިމާ ކުރި މަސައްކަތަކުން ނޫނީ ކާމިޔާބެއް ނެތެވެ. އެކަން ހަނދާނުގައި ބަހައްޓައިގެން ކުރިއަށް ދާށެވެ.