ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ފިޔާ، އަލުވި އަދި ބިސް، ހުސްވި ރޯދަމަހަށް ވުރެ ހެޔޮ އަގުގައި ލިބޭނެ ކަމަށާއި އަދި އެތަކެތި ހުސްވުމެއްނެތި ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔަރީތައްވެ ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަމަހަށް ބޭނުންވާ ޒަރޫރީ ސާމާނު ލިބެން ހުންނާނެ ކަމަށާއި ކޮންމެ އަހަރަކުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރު ކޮށްދިނުމަށް ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން މި ފަހަރުގެ ރޯދަމަހަށް އެންމެ ބޮޑަށް ހެޔޮކުރީ ފިޔާގެ އަގެވެ. ފިޔާ ކިލޯއެއްގެ އަގަކީ 9ރ. އެވެ. މިއީ މިދިޔަ ތިން އަހަރު ވެސް އަގު ބާޒާރުގައި ދަށަށް ނުދާ ވަރެކެވެ. އަދި އަލުވި ކިލޯއެއް މިއަހަރު ވިއްކުމަށް ހަމަޖެހިފައި ވަނީ 11 ރުފިޔާއަށެވެ. އެއީ މިދިޔަ އަހަރަށް ވުރެ 2 ރުފިޔާ ހެޔޮވުމެކެވެ. މިދިޔަ އަހަރު އަލުވި ކިލޯއެއް ވިއްކީ 13 ރުފިޔާއަށެވެ.

މީގެ އިތުރުން ރޯދަމަހަކީ އެހެނިހެން މަސްތަކަށް ވުރެ ފިޔާ، ބިސް އަދި އަލުވީގެ ޑިމާންޑް ބޮޑުވާ މަހެއް ކަމުން މި ތަކެތީގެ ޖުމްލަ ހަ ޝިޕްމެންޓް އެއް ގެންނާނެ ކަމަށް އެކުންފުނިން ވިދާޅުވެފައެވެ. އަދި ފުރަތަމަ ޝިޕްމެންޓް މިދިޔަ މަހު ހަތާވީހުގައި ގައި ގެނެސް، އަށާވީހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާ ކަމަވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މިގޮތުން ފުރަތަމަ ސްޓޮކް ގެނެސްފައިވާ އިރު އެތަކެތި ބާޒާރުގައި މިހާރު ލިބެން ހުންނާނެކަމަށާއި އެ ތަކެތި ރީޓެއިލްކޮށް މި ވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އަދި ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުން މުދާ ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

އަތޮޅުތެރެއަށް ހާއްސަ 11 ސަރަހަދެއްގައި ގާއިމް ކުރެވިފައިވާ އެސްޓީއޯގެ ފިހާރަތަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރޯދަމަހަށް ހާއްސަކޮށް ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ ކަމަށާއި ފިހާރައިން މުދާ ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި މާލޭ ބާޒާރުންވެސް މުދާ ނަގާނެ ކަމަށް ވިދާޅުވިއެވެ.

ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނާއި، ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެއެވެ.

ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ވަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓް ތިރީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށާއި، އަދި އެ ފިހާރައިން މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު ބޭނުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި މި މަހު އެ ފިހާރަ ހުޅުވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ގައެވެ.