ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢުތައް ހަވާލުކުރުމަށް، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ، އަލްފާޟިލާ ޒީނިޔާ ހަމީދެވެ.

މިގޮތުން، މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެ ކުންފުންޏާ ހަވާލުކުރީ 14.93 މިލިއަން ރުފިޔާއަށް 120 ދުވަސް ތެރޭ ނިންމާގޮތަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، 450 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވެއެވެ.

މީގެ އިތުރުން، މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވާނީ 47.69 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 7512 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުން
  • 527,36 ކިއުބިކް މީޓަރުގެސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 882 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 370 މީޓަރުގެސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 266 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 376 މީޓަރުގެ ސަރަޙައްދެއްގައިގްރޮއިން ޖެހުން
  • 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 100 މީޓަރު ދިގު 5.1 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
  • 1475 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓްހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވޭޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.