ފަހަތުން އަރައި ވެސްޓްހޭމް ޔުނައިޓެޑް 1-3 އިން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ޔުނައިޓެޑުގެ މަޝްހޫރު އޯލްޑްޓެފޯޑުގައި ކުޅުނު މިމެޗުގައި ޔުނައިޓެޑް ސިއްސުވާލުމަށްފަހު ފުރަތަމަ ލީޑް ނެގީ ވެސްޓްހޭމްއިންނެވެ. މިލަނޑު ދެވަނަ ހާފުން 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލްޖީރިއާގެ ހުނަރުވެރި ވިންގަރ ސައީދު ބެންރަހްމާއެވެ. މިލަނޑަށްފަހު ވެސްޓްހޭމްއިން މެޗުގެ ފަހު ފަނަރަ މިނެޓަށް ދަންދެން ލީޑުގައި އޮތެވެ. ޔުނައިޓެޑަށް ދިރުން ލިބުނީ 77 ވަނަ މިނެޓުގައި ވެސްޓްހޭމަށް ކުޅެމުން އަންނަ މޮރޮކޯ ގައުމީ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ނަޔެފް އަގްއާޑް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޔުނައިޓެޑުން ލީޑް ނެގީ މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ އުއްމީދީ ވިންގަރ ގާނާޗޯގެ ލަނޑުންނެވެ. މިލަނޑާއެކު އޭނާ ވެފައި ވަނީ އެފްއޭ ކަޕް މެޗަކުން ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދިން އެންމެ ހަގު (18 އަހަރާއި 243 ދުވަސް) ކުޅުންތެރިޔާ ކަމުގައެވެ. ކުރިން މިރެކޯޑް އޮތީ 2009 ވަނަ އަހަރު ސައުތެމްޓަން ކޮޅަށް ލަނޑު ޖެހި ޑެނީ ވެލްބެކް އަތުގައެވެ. ޔުނައިޓެޑުގެ ތިންވަނަ ލަނޑު އިތުރު ވަގުތުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑެވެ.

ކުއާޓާފައިނަލުގައި ޔުނައިޓެޑް ބައްދަލު ކުރަން ޖެހެނީ ފުލަމްއާއެވެ. މިމެޗް ކުޅޭނީ މިމަހުގެ 18 ދުވަހު ޔުނައިޓެޑުގެ ދަނޑުގައެވެ. ޔުނައިޓެޑުގެ އިތުރުން ކުއާޓާފައިނަލުން ޖާގަ ހޯދާފައިވާ މަޝްހޫރު އަނެއް ޓީމަކީ ވާދަވެރި މެންޗެސްޓަރ ސިޓީއެވެ. ކުއާޓާގައި ސިޓީ ބައްދަލު ކުރާނީ ބާންލީއެވެ.