ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ބަދަލު ގެނައުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކުރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއުލާން ކުރައްވައިފިއެވެ.
ރައީސް ސާލިހު މިވާހަކަ އިއުލާން ކުރެއްވީ މިއަދު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ހިރިލަންދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ. މިދިޔަ މަހުގެ 6 ގައި ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ބަދަލު ގެންނަވާނެކަން ރައީސް ސާލިހު ވަނީ އިއުލާން ކުރެއްވީ މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ޔުނިވާސިޓީތަކުގެ ލެކްޗަރާއިިންގެ މުސާރައަށް ގެނައި ބަދަލާ އެކު، އަންނަމަހުން ފެށިގެން އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ އަދި ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ އެކެޑެމިކް ޕްރޮފެޝަނަލުންނަށް ލިބޭނީ ބޮޑު ކުރި މުސާރަކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއަކަށް ކުރިން ލިބެމުން އައީ 18،880ރ. ނަމަވެސް މިގެނައި އާ ބަދަލާއެކު މިހާރު އިތުރު ވަގުތާ ނުލައި މަހެއްގެ މައްޗަށް 29،900ރ. ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ 59 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.އަދި ސީނިއާ ލެކްޗަރާއަކަށް މިހާރު ލިބޭ 20،831ރ. ގެ ބަދަލުގައި ދެން ލިބޭނީ 34،000ރ. ކަމަށާއި އެސިސްޓަންޓް ޕްރޮފެސަރެއްގެ މުސާރަ 23،500 އިން 39،500 އަށް ބޮޑުވިކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.
މަތީ ތައުލީމުގެ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް:
- އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26،000ރ. އިން 45،000ރ. އަށް
- ޑީންއެއްގެ މުސާރަ 30،000ރ. އިން 38،000ރ. އަށް
- ރަޖިސްޓްރާގެ މުސާރަ 32،000ރ. - 42،000ރ. އަށް
- ވައިސް ޗާންސަލާގެ މުސާރަ 39،000ރ. އިން 48،000ރ. އަށް
ސަރުކާރުން މިގެންނަ ބަދަލާއެކު ޖުމުލަ 767 މުއައްޒަފެއްގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުން އަހަރަކު 62 މިލިއަން ރުފިޔާ އެކަމަށްޓަކައި ހަރަދު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކަމާ ބެހޭ މިނިސްޓަރުން އެކަމާ ބެހޭ ތަފުސީލްތައް، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮންމެ ކަމެއްވެސް ކޮޅއްގައި މިޖެހެނީ ބަޔަކު އިހުތިޖާޖު ޖައްސައި ކޮޅުކޮޅަށް ދުވަންފެށީމަ. މިއިކީ ފްރޯކޮށް ކަންކަން ކުރަންޖެހޭ ގޮތެއްނޫން. ބުރަކޮށް މަސައްކަތްކުތާ މުހިންމު ފަރާތްތަކަށް ޚާއްސަ ކަމެއް ދީގެން ކަންކަން ރާވައި ތަންފީޒު ކުރަންޖެހޭނެ. ޕޭކޮމިޝަނަށް ހުށަހަޅައިގެން 4 ނުވަތަ 5 އަހަރު ވަންދެން ލަސްކުރުމުގެ މާނައެއްނެތް. ކޮންމެއަކަސް ޔުނިވަރސިޓީތަކުގެ ލެކްޗަރަރ އިންގެ މުސާރައަށް ގެނުވި ހެޔޮ ބަދަލަށް ޝުކުރު ދަންނަވަން.