ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މިއީ އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާ ކުށެއްގެ މައްސަލައިގެ ދައުވާއެކެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްޞަ މޮނިޓަރިންގ ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަޙުޤީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު، ދަޢުވާކޮށްދިނުމަށް ނިންމާފައިވާ 8 މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.

ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 8 މީހުންގެ ތެރޭގައި ހިމެނެނީ

  1. ދުވާފަރު ކައުންސިލްގެ ރައީސް ޙަސަން ޙަކީމް،
  2. ކައުންސިލްގެ ނާއިބު ރައީސް ޢިޒްމީލް އަޙުމަދު،
  3. ކައުންސިލްގެ އޭރުގެ މެންބަރު އަހުމަދު ސަމޫހު
  4. ކައުންސިލްގެ މެންބަރު މުހައްމަދު ޝާމް
  5. ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް
  6. ކައުންސިލްގެ މެންބަރު އާމިނަތު ސަލާހު
  7. ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހު
  8. ދުވާފަރު ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ، މުހައްމަދު އަލިފުޅު

މި އެންމެންގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް ވަނީ އެދިފައެވެ. ދައުވާ ކުރަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މި މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު، ޚާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައެވެ. އަދި 2 މަސް ދުވަސްތެރޭގައި މައްސަލައިގެ ތަޙުޤީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފައެވެ. މިއަދު ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގިކަންކަން އިސްލާހު ކުރުމަށްފަހުގައެވެ.