ލިޔުނީ: މަމްދޫހު އިބްރާހީމް.

ދެވަނަ ބައި (ކުރީދުވަހުގެ އަދަދާ ގުޅޭ)

ގަނޑުވަރުގެ އެއްވެސް ސިއްރުވެރި ވާހަކައެއް ވިޔަސް ފޮރުވިގެންވާ ކަމެއް ވިޔަސް މި ވީހައި ތަނަށް އެއްވެސް މީހެއްގެ ގާތުގައި ޝަބީބާ ކަމަނާ ވިދާޅެއް ނުވެއެވެ. އެ ކަމަނާގެ އަޑުފުޅުގައި ވެސް ވަނީ ހިތާމައިގެ އަސަރުފުޅެވެ. އެއީ ގޮތް ނޭނގޭ ކަންތައްތަކެއް އެ ކަމަނާއަށް އެ ވަގުތު ވަމުން އަންނާތީއެވެ. އެކަމަނާ ގެ މުޅި ހަށިކޮޅުން އަލިފާން ކަނި ބުރަން ފެށިއެވެ.

"މުއާ! އަހަރެން މި ބުނަން މި އުޅެނީ ކަމެއްގެ ހަގީގަތް... ދެނެއް އެ ކަމަކަށް ބަދަލެއް ނާންނާނެ...!" މުއާވިޔަތު ވެސް ބޭނުންފުޅު ވަނީ ޝަބީބާ ކަމަނާ އަށް ޖެހިފައިވާ މުސީބާތުން ސަލާމަތް ވާށެވެ. މުއާވިޔަތަށް ކުރެވުނު ހުރިހައި ކަމެއް އޭނާ ޝަބީބާ ކަމަނާ އަށްޓަކައި ކޮށްްދޭން ހުރީ ތައްޔާރަށެވެ. މުއާވިޔަތަށް މި ކަމުގައި ކުރެއްވެން ހުރި ހުރިހައި ކަމެއް ކުރާނެއެވެ. އެއީ ހަމަ ޝަބީބާ ކަމަނާ ސަލާމަތް ކޮށްދިނުމަށެވެ. ޝާބީބާ ކަމަނާ ގަނޑުވަރުގެ ސިއްރުވެރި ބޮޮޑު ވާހަކަ މުއާވިޔަތަށް ވިދާޅުވެ ދެއްވަން ފެށްޓެވިއެވެ.

"އަހަރެންގެ ބައްޕާފުޅު ޕަރިސްތާނުގެ ރަސްގެފާނުގެ ބޮޑު ދަރުބާރުގައި ބޮޑެތި ޝާހީ ބައްދަލުވުންތައް ބޭއްވުނު އިރު ބިމުން ލިބިވަޑައިގެންނެވި ޝާހީ ދައުވަތެއް ކަމުގައިވާ ޒަދްރާ ރަނިކަމަނާގެ ޢިއްޒަތްތެރި ދަޢުވަތަށް ބިމަށް އަހަރެންގެ ބައްޕާފުޅު ފައިބާވަޑައިގަންނަވައި އެ ކަމަނާއާ ބައްދަލުކުރައްވައި އެ ކަމަނާ، ބައްޕާފުޅުގެ އަރިހުގައި ބޮޑު ފެންގަނޑެއްގެ ވާހަކަފުޅު ދައްކަވައި އެ ފެންގަނޑު އަބަދުގެ އަބަދަށް އެހެނިހެން ޖިންނީންނަށް ނުފެންނާނެ ތަނަކަށް ގެންގޮސް ދެއްވައި ހިމާޔަތް ކޮށްދެއްވައި ރައްކާތެރިކޮށްދެއްވަން އެދިވަޑައިގެން އެ ކަމަނާގެ ވަސިއްޔަތްޕުޅެއްގެ ގޮތުގައި ބައްޕާފުޅަށް ހުށައެޅުއްވި. އަހަރެންގެ ބައްޕާފުޅު ވަނީ މިއަދާ ހަމަޔަށް ވެސް އެ ވަސިއްޔަތްޕުޅު ދަމަހައްޓަވައިފައި."

"އެ ކަމަނާ ޒީނަތްތެރިވެވަޑައިގަންނަވާން ބޭނުންފުޅު ކުރެއްވި އެކިއެކި ގަހަނާކޮޅުތަކާއި، ރަނާއި ރިއްސާއި ޖަވާހިރުތަކާއި ޔާގޫތުތައް ވަނީ އެ ފެންގަނޑުގައި އެއްވެސް މީހަކަށް ނުފެންނާނެ ގޮތަށް އަދި ނުނެގޭނެ ގޮތަށް އަބަދުގެ އަބަދަށް ރައްކާކުރެވިފައި. އަދި އެ ފެންގަނޑުން ފެންވެރުމަށް ޓަކައި ޕަރީން ވަނީ އެ މީހުންގެ ހާއްސަ ތަނެއް ކަމުގައި އެ ފެންގަނޑު ހަދައިފައި. ހަމައެކަނި އަހަރެންގެ ބައްޕާފުޅުގެ ގަނޑުވަރުގައި ތިބޭ ޕަރީޒާދުންނާއި ހާދިމުން ފިޔަވައި ޖިންނީންގެ އެހެން އެއްވެސް ބަޔަކަށް ވަނީ އެފެންގަނޑަށް އެރުން މަނާ ކުރައްވައިފައި."

"ޕަރީންގެ ވަރަތައް ވިދާ ސާފު ބިއްލޫރި ފަދައިން ސާފުކުރުވައި ޕަރީންގެ ރީތިހަށިގަނޑުތަކުގެ އަލިކަމާއި ސާއްބަކަމާއި ދުޅަހެޔޮކަން އިތުރު ކުރުމަށް ޓަކައި އެފެންގަނޑަށް ފައިބާ. އެ ފެންގަނޑަކީ މީގެ އެތައް ހާސް އަހަރެއް ކުރިން ވެސް ޕަރީން ފެންވަރަން އެރުނު ތަނެއް ކަމުގައިވަނީ ވެފައި. އަދި އެ ފެންގަނޑުން ފެންވަރައިފި ކޮންމެ ޕަރިޒާދެއްގެ ވަރަ ސާފުބިއްލޫރި ފަދައިން ވިދައި ބަބުޅާނެ. ފެންގަނޑުން ފެންބުއިމުން ކޮންމެ ސަތޭކަ އަހަރަކަށް އެއްވެސް ކާއެއްޗެއް އަދި ބޯއެއްޗެއްގެ ބޭނުމެއް ނުޖެހި މާމެލާމެލީގެ މަލުގެ ވަހަށް ދިރި ތިބޭނެ. ބުނެވޭ ގޮތުގައި މި އަޖައިބު ވީ، ޒަދްރާ ރަނިކަމަނާގެ ޚަޒާނާގެ ތެރެއިން ވެސް އެ ކަމަނާއަށް ހަދިޔާކުރެއްވުނު ހާއްސަ އެއްޗެއްގެ ގޮތުގައި. އެއީ މިހައި ތަނަށް ދުނިޔެއިން ވެސް ނުފެންނާނޭ ކަހަލަ ޖަވާހިރެއް. އެއީ ޒަދްރާ ރަނިކަމަނާގެ ފިރިކަލުން އެ ކަމަނާއަށް ހަދިޔާ ކުރެއްވި ރަން އަނގޮޓިފުޅުގައި އަޅައިފައި އޮތް ޔާގޫތުގެ ސަބަބުން."

"އެ ރަސްގެފާނަކީ ޖާހު މަތިވެރި، މުދަލާއި މާލު ގިނަ ޝާނާއި ޝައުކުތާއި ހައިބަތު ހުރި ދުނިޔެއިން އަރާ ހުންނެވި މާތް ސާހިބެއް. އާދަވެގެން ޒަދްރާ ރަނިކަމަނާ ނާނޭފުޅު ފިއްލަވަން ހަމައެކަނި ހުކުރު ދުވަހު ހާއްސަ ތަނަކަށް ވަޑައިގަންނަވާ. އެކަމަނާ އެހެން ދުވަސްތަކުގައި އެ ތަނަކަށް ވަޑައެއް ނުގަންނަވާނެ. އެއީ ބޮޑު ދެ ފަރުބަދަ އެއްގެ ދެމެދުގައި ހުންނަ ބޮޑު ރަން ފަރުބަދައެއްގެ މަތީގައި ހުންނަ ބިޔަ ހޮހަޅައެއްގައި އޮންނަ ސާފު ރަތްކުލަ އަރައިފައި ހުންނަ ރީތި ބޮޑުފެންގަނޑެއް. އެ ފެންގަނޑަކީ އެއްވެސް އިންސާނަކު ވަނުން މަނާ ކުރެވިފައިވާ ހޮހަޅައެއްގައިވާ ތަނެއް. އެއީ ޒަދްރާ ރަނިކަމަނާގެ އަމިއްލަފުޅު ޝާހީތަނެއް."

"އެ ކަމަނާގެ ބޮޑު ތަޚްތު ފިޔަވައި އެންމެ ލޯބިފުޅު ކުރައްވާ، އަދި އުފާފުޅު ލިބިވަޑައިގަންނަވާ އަދި އެންމެ ހިތްޕުޅާވާ ތަނެއްގެ ގޮތުގައި އެ ފެންގަނޑު ވި. އެ ފެންގަނޑު އޮންނަ ފަރުބަދައިގެ ހިމާޔަތުގައި އެ ކަމަނާ އެއްހާސް ލަޝްކަރުގެ ޖިންނީންގެ ބައެއް ފާރަވެރިންގެ ގޮތުގައި ބޭތިއްބެވި. އެ ފެންގަނޑުގައި އަލިގަދަ ޖާދޫގެ ނޫރެއްވޭ. ފަރުބަދައިގެ މައްޗަށް އޮންނަ ހިސާބުން ބޮޑު ބާގަނޑެއް ހެދިފައި ހުރުމުން ހަނދު ބޮޑުވާ ރެއެއްނަމަ ހަނދުވަރުގެ ރިހި އަލީން އެ ފެންގަނޑު އޮންނާނީ އަލިވެ އުޖާލާވެފައި."

ޒަދްރާ ރަނިކަމަނާގެ އެންމެހައި ޚަޒާނާތައް ވަނީ އެ ފެންގަނޑުގެ އަޑީގައި. އެ ކަމަނާގެ ފިރިކަލުން ހަދިޔާ ކުރެއްވި ރީތި އަނގޮޓިފުޅު ރައްކާކުރެއްވޭނޭ ގޮތެއް ހޯއްދަވައި އެކަމަނާއަށް އެ ފަދަ ހަދިޔާއެއް ރައްކާތެރިކޮށް ފޮރުއްވުމަށް ޓަކައި އެންމެ އެކަށޭނަ ތަނަކަށްވީ އެ އަޖައިބު ކުރުވަނިވި ފެންގަނޑުގެ އަޑި. އެ އަނގޮޓިފުޅުގެ ސަބަބުން އެ ފެންގަނޑަށް ވަނީ ޖާދޫގެ އާދަޔާ ޚިލާފު ބާރެއް ލިބިފައި. ބުނެވޭ ގޮތުގައި ހަނދު ބޮޑުވާ ރެޔެއްގައި އާދައިގެ އިންސާނަކު އެ ފެންގަނޑަށް އެރި ފެންވަރައި އަދި ފެން ބޮއިފިނަމަ އެމީހެއްގެ މަރު ދުވަހަށްް ދާންދެން ވެސް މުސްކުޅިވުމެއް ނެތް."

"އަދިކިއެއްތަ! އެ މީހަކު ހުންނަނީ ތާއަބަދުމެ ޒުވާންކަން މަތީގައި، އެހެނަސް އެ ފެން ބޯން ޖެހޭނީ ވަކި ގޮތެއް ހަދައިގެން. ރަންތަށްޓަށް ޒަދްރާ ރަނިކަމަނާ ގެ ޖާދޫގެ އަނގޮޓިފުޅު އެތަށްޓަށް ލައިގެން އެއިން ފެން ބުއިމުން ނުނީ އިންސާނެއްގެ ދާއިމީ ޒުވާން ކަމެއް ނުލިބޭނެ."

އެއް ދުވަހެއްގައި ޒަދްރާ ރަނިކަމަނާގެ ގަނޑުވަރުގައި ބިއްލޫރިން ބިނާކުރެވިފައިވާ ބޮޑު ދަރުބާރަކަށް ވަޑައިގަންނަވަން އެދިވަޑައިގެން އަހަރެންގެ ބައްޕާފުޅު ޕަރިސްތާނުގެ ރަސްގެފާނަށް ދަޢުވަތެއް ދެއްވައި، އެ ކަމަނާއާ އެކު ބޭއްވެވި ސިއްރު ބައްދަލުވުމެއްގައި ައަހަރެންގެ ބައްޕާފުޅުގެ އަރިހުގައި ޒަދްރާ ރަނިކަމަނާ ވިދާޅުވީ އެ ކަމަނާގެ އެ ފެންގަނޑު އެއްވެސް އެހެން ޖިންނިއަކަށް ނުފެންނާނޭ ފަދައަކުން، ދުނިޔޭގެ ކޮންމެވެސް އެހެން ތާކަށް އުފުއްލަވައިގެން ގެންގޮސް ދެއްވައި ރައްކާތެރިކޮށް ދެއްވަން. އަދި އެފެންގަނޑުގެ ހައްޤުވެރިޔަކަށް ބައްޕާފުޅު ވެވަޑައިގަންނަވަން. އެއީ ބައްޕާފުޅަށް ލިބިވަޑައި ގެންނެވި އަގުހުރި އަދި އަޖައިބުން ފުރިގެންވީ އަމާނާތެއް. އަދި ޒަދްރާ ރަނިކަމަނާ ވަނީ އެތަށް ބައިވަރު ބިރުވެރި ސިއްރުވެރި ވާހަކަފުޅުތަކެއް އަހަރެންގެ ބައްޕާފުޅުގެ އަރިހުގައި ވިދާޅުވެފައި. އަދި ވަރަށް ނުރައްކާތެރި ބިރުވެރި ޖިންނި އެއްގެ ކިބައިން ރައްކާތެރިވުމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައި."

*********** ************

ބާބު2

އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އަހަރަކީ 2019 އެވެ. ރަށުތެރޭ އެންމެން ވެސް އެމީހެއްގެ ދިރިއުޅުމުގައި ކުރަމުން އަންނަ މަސައްކަތްތަކުގައި ހަލަބޮލިކަމާއެކީ މަޝްޣޫލުވެ ބުރަކޮށް އުޅެއެވެ. ތުއްތުސީދީ އަކީ ވެސް ރަށުގައި އެކަނިމާއެކަނި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާގެ އުމުރު މިހާރު ހަތްދިހައިން މަތިވެދާނެއެވެ.

ތުއްތުސީދީގެ ޅައުމުރުގައި އޭނާ ފުރަތަމައަށް ކައިވެނި ކުރި އަލަތު އަންހެނުން ވަނީ މަރުވެފައެވެ. އޭނާ ދެވަނަ ކައިވެންޏެއް ވެސް ކުރިއެވެ. އެ އަނބި ވެސް ވަނީ މަރުވެފައެވެ. ތުއްތުސީދީއަށް ފުރަތަމަ ކައިވެންޏަށް ދަރިޔަކު ލިބުނެވެ. ނަމަވެސް އެއީ ސިކުނޑި ހަމަޖެހޭ ކުއްޖެއް ނޫނެވެ. އެއީ މިހާރު އުމުރުން އަށާވީސް އަހަރުވެފައިވާ ޔާސިރެވެ.

ޔާސިރަކީ ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖެކެވެ. ޔާސިރު ކަމަކާ ރުޅި އަތުވެއްޖެ ނަމަ އޭނާ ހަމައަކަށް ނޭޅިގެންނާއި މައިތިރި ނުކުރެވިގެން ބަނދެފައި ވެސް ބާއްވަން ޖެހޭ ފަހަރުފަހަރު އާދެއެވެ. ނޫނީ ދަގަނޑު ޗޭނު ޖަހައިފައި ބައިންދަން ޖެހޭ ފަހަރު އަންނަނީ ވެސް މަދެއްކޮށެއް ނޫނެވެ. ރަށުތެރޭގައި މީހުން ވާހަކަ ކިޔާ ގޮތުން ތުއްތުސީދީގެ ދަރި ފުޅު މޮޔަވާން ދިމާވި ސަބަބަކީ ތުއްތުސީދީ އޭނާގެ އަންހެނުން ހަލީމާ ނުވިހިގެން އުޅުމުގެ ތެރޭގައި ހެދި ފަންޑިތައެއްގެ ސަބަބުން ދިމާވި ކަމެކެވެ.

ދަރިފުޅު ވިހެއުމަށް ފަހު ހަލީމާ މަރުވީއެވެ. އެކަމަކު ވިހޭ ދަރިފުޅު އޮތީ މުޅިގައިން ފޮޅުނަގައި ރީނދޫވެ ވަރަށް ނިކަމެތި ހާލު ޖެހިފައެވެ. ޔާސިރު ބޮޑުވަމުން އައި އިރު އެހެން ކުދިންނާ މިޒާޖުގެ ގޮތުން ވަރަށް ވެސް ތަފާތެވެ. އޭނާއަކީ ވަރަށް ރުޅިގަދަ ކުއްޖެކެވެ. އޭނާ ރުޅި އަތުވެއްޖެނަމަ ރުޅިމައިތިރިކުރަން އުނދަގޫ ކުއްޖެކެވެ. ވާހަކަ ދައްކާ ހަދާއިރުވެސް ހަމަނުޖެހޭ ގޮތެއް މިސޮރުގެ ކިބައިގައި ހުރެއެވެ.

ތުއްތުސީދީ އަކީ ކޮންމެވެސް ވަރަކަށް ފަންޑިތަ ސިހުރު ހަދާ އަދި ފާލު ބަލައިހަދާ މީހެކެވެ. އޭނާވަނީ ވަރަށް ޒުވާން ދުވަސް ވަރު ދިމާވި ހާދިސާ އަކުން ދަސްކޮށްފައިވާ ފަންޑިތަ ސިހުރުހަދާނެ ގޮތް އަލުންބަލުން ދަސްކޮށް ހަދައިފައެވެ. ހަޔާތުގައި މިހައި ތަނަށް އައިރު ކޮންމެވެސް ވަރަކަށް މިކަހަލަ ކަންތައްތައް އަދިވެސް ކޮށްހަދައި ެއެކި މީހުނަށް އެ ބައެއްގެ އެދުމުގެ މަތިން އުޖޫރައަށް ބުނާކަމެއް ކޮށްދީހަދައެވެ.

ރަށުގެ ބައެއް މީހުން ކިޔައި އުޅެނީ ތުއްތުސީދީއާއި އޭނާގެ ކާބަފައިންގެ ދަރިފަސްކޮޅުން އައި މީހުންނަކީ މިއަދާހަމައަށް ވެސް ސިހުރުހެދުމާއި ފަންޑިތައާއި ފާލުބެލުން ފަދަ ކަންތައްތައް ކުރުމުގައި އަރައި ތިބި ބައެއްގެ ގޮތުގައެވެ. ތުއްތުސީދީއަށް ބައެއް މީހުން ސީދިބޭ ވެސް ކިޔައި އުޅެއެވެ. އެކަމަކު ތުއްތުސީދީއަކީ އެހެންމީހުންނާ އެހައި ގިނައެއްކޮށް ގުޅުން ބާއްވައި ވާހަކަ ދައްކާ ހަދާ މީހެއް ނޫނެވެ. ތުއްތުސީދީގެ ބޮޑު ގޯއްޗެއް އޮވެއެވެ. އޭނާގެ ގޯތީގެ ހައްޤުވެރިޔަކަށް އަދި ތަރިކަމުދަލުގެ ވާރުތަވެރިޔަކަށް ވާން ހުރީ ވެސް ހަމައެކަނި ޔާސިރެވެ. ތުއްުތުސީދީގެ ގޯތީގައި ވަރަށް ގިނަ ވައްތަރުގެ ގަސްއިންދާ ހަދައިފައި ހުރެއެވެ. އެއީ އެންމެ ކުރީ ޒަމާނުއް ސުރެ އެ ގޯތި ހުންނަގޮތެވެ.

ތުއްުތުސީދީގެ ބައްޕަ ފަރާތުގެ ދަރިފަސްކޮޅުން ވާރުތަ ވަމުން އައި ތަކެތީގެ ތެރޭގައި މުށިން ހަދައިފައިވާ ބޮޑު ގުޅިއަކާއި ގޮތްނޭނގޭ ބަހަކުން ލިޔެ އަދި ކުރެހުންތަކެއް ކުރަހައިފައިވާ ފޮތެއް އަބަދުވެސް އޮވެއެވެ. މި ފޮތަކީ ކަޅު ސިހުރު ހާހޫރަ ފަންޑިތަ ހަދަން ބޭނުން ކުރާ ފޮތެކެވެ. މި ފޮތުގައި ލިޔެފައިވާ ބަސް ނުވަތަ ބަހުރުވަޔާ އޭގެ މާނައަކީ އެއްވެސް މީހަކަށް އޮޅުންފިލާ، އެނގޭ ދަންނަ އެއްޗެއް ނުވަތަ ބަހެއް ނޫނެވެ. މި ފޮތް ހަދައިފައި ވަނީ އާދައިގެ ފޮތްތައް ހުންނަ ގޮތަކަށް ނޫނެވެ.

މި ފޮތުގެ ދެ ފަރާތު ބަނޑޭރިގަނޑު ހަދައިފައިވަނީ ސީދާ ލޮއިންނެވެ. ފޮތުގެ އެތެރޭގައިވާ ގަނޑުެތައް ހަދައިފައި ވަނީ ފެންނަ ފެނުމުގައި ބަކަރިހަން ހިއްކައިފައި ނުވަތަ ކޮންމެވެސް އެހެން ޖަނަވާރެއްގެ ހަން ހިއްކައިގެން އެ ބޭނުން ކޮށްގެންނެވެ. ތުއްތުސީދީއަށް އެނގޭހައި ވެސް އެއްޗަކީ މި ފަދަ އާދަޔާ ޚިލާފު ބިރުވެރި ޝައިޠާނީ ފޮތެއްގައި ހުރި ސިހުރު ފަންޑިތަ، ހާހޫރަ ހަދައިފި ނަމަ އެ ކަމެއްގެ މުސީބާތެއް ޖެހޭނެކަމަކީ މުޖައްރިބު ކަމެކެވެ. ރަށުގައި ބައެއް މީސްމީހުންގެ ދަރިން ޖިންނި މޮޔަވެ ހާލަތު ގޯސްވުމުން އަބަދުވެސް ތުއްތުސީދީ ގާތަށް ފަންޑިތަ ހަދަން އާދެއެވެ. ހަމަ މިގޮތަށް އަތޮޅުތަކުންނާއި އެކި ރަށްރަށުން މީހުން އަންނަނީ ތުއްތުސީދީ ލައްވައި ކޮންމެވެސް ފަންޑިތައެއް ހަދައި، ފެންތަށްޓެއް ކިޔަވައި ނުވަތަ ތަވީދު ލިޔެ، ކޮންމެވެސް ސިހުރެއް ނުވަތަ އިސްތިރިއެއް ނުވަތަ ވަރިތޮޅިއެއް ހަދާށެވެ. ތުއްުތުސީދީއަކީ މިބާވަތުގެ ކަންތައްތައް ކުރަން ވަރަށް މޮޅުމީހެކެވެ. މިފަދަ ސިހުރުގެ ކަންކަން އޭނާ ކޮށްދޭނީ އުޖޫރައަށެވެ.

ނަމަވެސް ތުއްތުސީދީގެ ހަޔާތުގައި ދިރިއުޅުމަށް ކޮށްއުޅުނު މަސައްކަތަކީ ތިލޭރުކަމެވެ. މި މަސައްކަތްތައް ކުރަން އޭނާގެ ގޯތީތެރޭގައި ވަކިފަރާތެއްގައި އަބަދުވެސް ޓިނުން ހަދައިފައިވާ ކުޑަ ގެގަނޑެއް ހުރެއެވެ. ނަމަވެސް މިހާރު މުސްކުޅި ވުމުން އެ ފަދަ ބުރަ މަސައްކަތް ކޮށެއް ނޫޅެއެވެ. އެހެންނަމަ ވެސް މަދުމަދުން އަދިވެސް ރަންރިހީގެ ގަހަނާ ކަހަލަ ތަކެތި ހަދައި ތައްޔާރުކޮށް، އެފަދަ މަސައްކަތް ކޮށްއުޅެއެވެ. ރަށުން މީހަކު ވަޅި ނުވަތަ ކަތުރު ފަދައެއްޗެއް ތޫނުކުރަން އައުމުން އެކަހަލަ ކުދިކުދި މަސައްކަތްތައް ކޮށްދޭއެވެ.

އާންމުކޮށް ތުއްތުސީދީގެ ގޯތީގެ ވަލުފަރާތުގައި ހައްދާފައި ހުންނާނީ ބޮޑު ބިޔަ ދެ ބަނބުކެޔޮގަހާއި އަނބުގަހާއި މުރަނގަގަހާއި ކެޔޮގަހާއި ރުއްތަކެވެ. އަދި މި ރުއްގަސްތަކުން ލިބޭ މަތިވަރު ވިއްކައިގެން ލިބޭ ފައިސާއަކުން ތުއްތުސީދީއާއި އޭނާގެ ދަރިފުޅު އާދައިގެ ދިރިއުޅުމެއް އުޅެއެވެ. ތުއްތުސީދީ އުމުރުން ވަރަށް ޅައިރު ދިމާވި ބިރުވެރި ހާދިސާއެއް އޮވެއެވެ. އެއީ އޭނާ ދުވަހަކު ވެސް ހަނދާން ނެތޭނެ ހާދިސާއެއް ނޫނެވެ. އަދި އޭނާ ބައެއް ރޭރޭ ނިދީގައި ކުއްލި ސިހުމާއެކީ މާޒީގެ ހުވަފެންތައް ފެނިގެން ހޭލެވެއެވެ. މި ކަމަކީ ތުއްތުސީދީ އަބަދުވެސް ފިކުރު ކުރާ ކަމެކެވެ. ސަބަބަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ މުއާވިޔަތު ޅަދުވަހު ވީނުވީއެއް ނޭނގި ގެއްލުނު ހާދިސާއެވެ. އަދި އޭނާއަށް ހަޔާތުގައި ދިމާވި އަންހެން ކުއްޖެއްގެ ހަނދާން އަބަދު ވެސް ވެއެވެ. އެ ރީތި އަންހެންކުއްޖާގެ ހުވަފެން ފެނެއެވެ. ތުއްތުސީދީ ބައެއް ރޭރޭ ނިދައިފައި އޮއްވައި ހިޔަންޏެއް އައިސް ތުއްތުސީދީ ގާތުގައި ބުނެއެވެ. "މިހާރު މި އޮތީ ކަލެޔާ ޖެހިފަ." އަދި އޭނާއަށް ހޭލެވޭ އިރު ގަޑިން އަބަދުވެސް ހުންނާނީ ދަންވަރު ތިނެއްޖަހައި ނުވަތަ ތިންގަޑި ބައިވާން ކައިރިވެފައެވެ. އޭނާ ނިދީގައި ދެބަދޭތެރޭގައި އޮންނަ ކޮންމެ އިރެއްގައި ވެސް މީހަކު އައިސް އުޑުގެ ތަރިތައް ބުރުޖަހާ ގޮތާއި ބޮޑެތި ތަރިތައް ހަލާކުވާނޭ ކަމަށް ބުނެ އެކަމަށް ފާލުބަލަން ވެއްޖެކަމުގައި ބުނެއެވެ.

މިހާރަކަށްއައިސް އަބަދުވެސް ތުއްތުސީދީއަށް ބިރުވެރި ހުވަފެން ފެނެއެވެ. އޭނާގެ ޅަދުވަހު ލ. ގަމަށް ކުރަން ޖެހުނު ދަތުރަކީ ވެސް ހަމަ މި ގޮތަށް މީހަކު ހުވަފެނުގައި އައިސް އެ ތަނަކަށް ދާން ޖެހޭނެޔޭ ކިޔައި އަބަދު ގޮވައިލާ ގޮވާލުމަކުން އިވޭ އެއްއަޑަކުން އަބަދު އެ ހަނދާންތައް ނުނެތި ހުރެ އަބަދުމެހެން އެ ޚިޔާލެއްގައި ވިސްނައި ފިކުރުކުރަން ޖެހިގެން އެ ރަށަށް ދާން ގަސްތުކޮށް ނިންމި ނިންމުމެކެވެ. އެ ރަށަށް ދިޔުން ވީ އޭނާގެ ހަޔާތުގައި ހިނގައިދިޔަ އެންމެ ބިރުވެރި ިހާދިސާގެ ކަންތައްގަނޑު ފެންނަން މެދުވެރިވި ދަތުރަށެވެ.

އަދި މިހާރުވެެސް ނިދީގައި އޮންނަ އިރު މީހަކު އައިސް އޭނާގެ ގާތުގައި "މިހާރު މިއޮތީ ކަލެއާޖެހިފަ! ލަސްނުކޮށް އެކަމާ އުޅޭށޭ!" ބުނެއެވެ. އެއީ ކޮން ކަމެއް ބާވައޭ ތުއްތުސީދީ އަބަދުވެސް ހިތަށް އަރައެވެ. އޭނާ ބޭނުން ވަނީ ހަމަ އެންމެ ކަމެކެވެ. އެކަމަކު އެއީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

ތުއްތުސީދީ އަށް ތަކުރާރުކޮށް ހުވަފެނުގައި މީހަކު އައިސް އެކި ވާހަކަތައް ދައްކައި އޭނާއަށް އެކަން އުނދަގުލަކަށް ވެގެން ބޮޑު ފާލެއް ބަލަން ނިންމައިފިއެވެ. ދެން ކުރިއަށް ހަނދުބަލަން އޮތް މަހުގެ ތެރޭގައި އެ ކަންހޯދަން އޭނާ ބޭނުން ވެއެވެ. މި ކަން ވާނީ ހަމަޔަޤީނުން ވެސް ބޮޑު ކަންތައްގަނޑެއް ނިންމަންޖެހޭ ތައްޔާރީތަކެއް ވުމުގެ ގޮތުން ކުރަންޖެހޭނެ ކަމަކަށެވެ. އޭނާ ޖެހިގެން އައި މަހު ފާލުބެލުމަށް ޓަކައި ހޯދައިފައިވާ ތަކެތި އެއްކޮށް ތައްޔާރު ކޮށްފިއެވެ.

ތުއްތުސީދީގެ ގޯތީގައި ތިން ކޮޓަރިޔާއި ބޮޑުގިފިއްޔަކާއި ބަދިގެއެއް ހުރެއެވެ. މި ބަދިގެ ހުންނަނީ ފެންޑާ ތެރޭގައެވެ. އެގޯތީގައި ދެން ގިނަ ވާނީ ހައްދާފައިވާ އެކި ފާޑުގެ ގަސްތަކެވެ. އޭނާގެ ގޭތެރޭގައި ތިން ކޮޓަރި ހުންނައިރު ތިންވަނައަށް ހުންނަ ކޮޓަރިއަކީ އެއްވެސް މީހަކަށް ހުންނަ ތަނެއް ކަންވެސް ނޭނގޭ ތަނެކެވެ. އެއީ އެތަކެއް ޒަމާން ތަކެއް ވެފަައި ހުރި ސިއްރުވެރި ތަކެތި ރައްކާކުރެވިފައިވާ ކޮޓަރިއެކެވެ.

މިގޯއްޗަކީ ތުއްތުސީދީގެ މުނިކާފަ ޒަމާނުއްސުރެ އޭނާއަށް ވާރުތަވެގެން ލިބިފައި އޮތް ބިމެކެވެ. އަދި މި ސިއްރުވެރި ތަކެތި ފޮރުވިފައިވާ ކޮޓަރިއަކީ އޭނާގެ މުނިކާފަގެ ބޮޑެތި ސިއްރުތަކެއް ފޮރުވުމަށް ޓަކައި ހަދައިފައިވާ ތަނެކެވެ. މި ތިންވަނަ ކޮޓަރިއަކީ ދެވަނަ ކޮޓަރީގެ ހަތަރު ކަނުން ހުޅަނގު ފަރާތުގައި ނޭނގޭ ގޮތަށް ދޮރެއް ލައިފައި ހުންނަ ތަނެކެވެ. އާންމު ގޮތެއްގައި އެ ދޮރުމަތީ ފަންގިފިލާގައި މަތިން ފެށިގެން ތިރިއަށް ބޯކޮށް އޮންނަ ބޮޑު ދޫލައެއް ކަހަލަ މަޚުމާކުނަލެއް އެލުވައިފައި ހުރެއެވެ. ތުއްތުސީދީ އޭނާ ކުރަން ބޭނުންވާ މަސައްކަތެއް ކޮށްފައި އެ ކަމެއް ނިމުމުން އެ ދޮރުގައި ތަޅުއަޅުވައި ދޮރު މައްޗަށް އަޅުވައިފައި އޮންނަ މަޚުމާކުނާ ވައްޓައިލައި އެ ގޭގައި ޒަމާންވެ ބާވެފައި ހުރި ކަޅުކުލައިގެ ފަހާފޮށްޓެއް ބަހައްޓައިފައި ހުންނަ މޭޒެއް އެ ކޮޓަރީގެ ދޮރާވީ ދިމާއަށް ބަހައްޓައި ނިވާކުރެއެވެ.

***** ****** ******* ********

ރޭގެ ގަޑިން އަށްގަޑި ބައި ވަނީއެވެ. ޔާސިރު އޮތީ އެހެނިހެން ރޭތަކެކޭ ފަދައިން ނިދާފައެވެ. ކޮންމެ ރެއެއްގެ އިޝާނަމާދު ނިމޭ ގަޑި ޖެހުމުން ގޭގައި ހުރި އެއްޗެއް ކައިލައިގެން ޔާސިރު އަވަހަށް ނިދާނެއެވެ. އެހެންނަމަ ވެސް މިރެޔަކު އޭނާ ނިދިންނެއް ނުހޭލާނެއެވެ. ހޭލެވުނަސް އޭނާ ވާނީ އެހެން ދުނިޔެވީ ކަމެއްގައި ބޯހަމަނުޖެހިފައެވެ. އޭނާ ތެޅިފޮޅެމުން ދާނީ އިތުރު ތަނަކަށް ނޫން ގިފިލިތެރެޔަށެވެ.

ޔާސިރު ނުހިފެހެއްޓިއްޖެއްޔާ އެގޭ ގިފިލިތެރޭގައި ހަދައިފައި ހުންނަ ކުކުޅު ކޮށްޓަށް ވަދެ އެތަނުން ކުކުޅުހާ ހިފައި މަރާ ވެސް ހަދައިފާނެއެވެ. ކުކުޅު ކޮށި ހުންނަނީ ބޮޑު ބެރެބެދިގަހެއްގެ ކައިރީގައެވެ. އެ ގަހަށް ވަނީ ބޮޑު ބިލަތެއް އަރުވައިފައެވެ. އެ ބިލެއް ވެލަކީ އަބަދު ވެސް އެ ގޭގައި ބިލަތް ހުސްނުވެ ލިބެން ހުންނަ ވެލެކެވެ. މިރޭ ތުއްތުސީދީ އޭނާގެ ދަރިފުޅު ނިދުމުން އެނދުގައި ހަރުކޮފައި ހުރި ޗޭނުގަނޑުން ޔާސިރުގެ ހަތަރެސްފައި ބަނދެފައި ބާއްވައި ތުއްތުސީދީ ދާނީ އެގޭ ބޮޑުދޮރާށި ތަޅުއަޅުވައި ބަންދު ކުރާށެވެ. އެހެން ނޫނީ އޭނާއަކަށް ޔާސިރު މިރެޔަކު މައިތިރިކޮށް ހިފަހައްޓައެއް ނުލެވޭނެއެވެ. ތުއްތުސީދީ ކޮންމެ ކަމެއް ފާލުބަލަންވާ އިރަށް މި ގޮތަށް ކަން ކުރަން ޖެހޭނެއެވެ. ފާލުބަލާ ރެއެއް ވީއްޔާ ޔާސިރު މޮޔަވެ ހަޑިހުތުރު ބަހުރުވައިން އެއްޗެހި ގޮވައި ހަދާނެއެވެ. އެހެންކަމުން ތުއްތުސީދީ ވަނީ ޔާސިރުގެ އަނގަމަތީގައި ހުދު ފޮތިގަނޑެއް އަޅައި ބަނދެ އޭނާއަށް އެއްވެސް އަޑެއް ނުލެއްވޭނޭ ގޮތް ހަދައިފައެވެ.

ތުއްތުސީދީ މިހާރު ގޭތެރެއަށް ވަންނަން ހުރި ބޮޑު ފެންޑާގެ ދޮރު ވެސް ތަޅުލައިފިއެވެ. ވެރިވެފައިވަނީ ވަރަށް ފިނި ފިންޏެކެވެ. މިއީ ފާލުބަލަން އެންމެ ރަނގަޅު ރެއެވެ. ތުއްތުސީދީ ރަނގަޅަށް އެކަމަށް ތައްޔާރުވަނީއެވެ. ގަޑިން ރޭގަނޑު ނުވަގަޑި ބައިވަނީއެވެ. ތުއްތުސީދީގެ ގޭގެ ހުރިހާ ކޮޓަރިއެއްގެ ދޮރުލައްޕައި ތަޅުލައިފިއެވެ. ބަދިގޭގައި ހުންނަ ފުއްޑަނު ގައިވެސް ފިލާގަނޑެއް އަޅައި އެއްވެސް ތަނަކުން ވައިރޯޅިއެއް ވެސް ނުވަންނާނޭ ހެން ބަންދުކޮށްފިއެވެ. މިހާރު ގޭތެރެއަށް ވަންނަން ހުރި މައި ދޮރު ވެސް އެ ބަންދުކުރީއެވެ.

ތުއްތުސީދީ އެ ދިޔަ ގޮތަށް ގޮސް ދިއްލައިފައި ހުރި ހޮޅިބުރިތަކާއި ބޮކިތައް ނިއްވައި މުޅިތަން އަނދިރިކޮށްފިއެވެ. އަބަދުވެސް އެގޭގައި ދިއްލައިފައި ހުންނާނީ ރަތްކުލައިގެ ހޮޅިބުރިޔާއި ބޮތްކެވެ. ތުއްތުސީދީ މިހާރު ފާނޫޒެއް ރޯކޮށް އޭގެ އަލީގައި އެއްވެސް އަޑެއް ނުލައްވައި މަޑުމަޑުން އެ ދިޔަ ގޮތަށް ގޮސް ތިންވަނަޔަށް އޭނާ ފޮރުވައިފައިވާ ކޮޓަރީގެ ތެރެއަށް ވަދެއްޖެއެވެ. އެ ކޮޓަރީގައި ކުޑަވަރެއްގެ މޭޒެއް ހުއްޓެވެ. މޭޒުމަތީގައި އޭނާ ފާނޫޒު ބަހައްޓައިފައި އެ ކޮޓަރިތެރޭ ހުރި ކަފޭރާތަކު ތެރެއިން ތިންވަނަޔަށް ހުރި ކަފޭރާ ހުޅުވައި އޭގެ ތެރެއިން ބޮޑު ހަތަރު އުށްބައްތި ނެގިއެވެ. އަދި ވަރަށް ބޮޑު ނާށްޓަކާއި ދެ ބިސް ނެގިއެވެ. ފުރަތަމަ ނެގި ބިހަކީ އާންމު ބިސްބިސްހާ އަޅައި ބަލާ އިރު ނިކަން ކުޑަކުޑަ ބިހެކެވެ. ދެން ނެގީ ނިކަން ބޮޑު ބިހެކެވެ. އެއީ ކަޅުކުކުޅު ބިހެކެވެ. އެ ކުޑަ ބިހަކީ ނަންނުގަތި ބިހެކެވެ.

(ނުނިމޭ)