މާލެސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ޕާކިން މައްސަލައިގަ ކޮށްފައިވާ ޖޫރިމަނާތައް މިހާރުން މިހާރަށް އުވާލުމަށް ސަރުކާރަށް ގޮވައިލައްވައިފިއެވެ.

މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މާލެސިޓީގެ ޕާކިން މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހިއްސާކުރައްވަމުން މުއިއްޒު ގޮވާލެއްވީ ޕާކިން މައްސަލައިގައި ކޮށްފައިވާ ޖޫރިމަނާތައް މިހާރުން މިހާރަށް މައާފް ދެއްވުމަށް ގޮވައިލެއްވުމާއެކު ހަމަ ވަގުތުން 'ގަރާޖުސިޓީ'ގެ ނިޒާމު އުވާލުމަށެވެ.

"ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލަން ގޮވާލަން. އަދި ޕާކިންގ މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މަޢާފުކޮށްދެއްވުމަށް ގޮވާލަން. ރައްޔިތުންގެ ޖީބަށް އަތް ބޭނުމުގެ ބަދަލުގައި ރައްޔިތުންނަށް ހައްލު ހޯދައިދިނުމުގެ އަޚުލާޤު ދަސްކުރަން އަޅުގަނޑު ސަރުކާރަށް ގޮވާލަން." މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައިގަ މާލެ ސިޓީ ކައުންސިލުން ޕާކިން މައްސަލަ ހައްލުކުރުމުގެ ގޮތުން، ޕާކިން ބިލްޑިންގް ބިނާކުރަން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކޮށް ނިންމާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދިވެސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ހަމައެކަނި ބޭނުންވަނީ ސަރުކާރުގެ ހުއްދަ ކަމަށެވެ. އެހެންކަމުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އިމާރާތްކުރަން ކުރަހައި ތައްޔާރުކޮށްފައިވާ ޕާކިންގ ބިލްޑިންގްތައް އެޅުމަށް އެއްބާރުލުން ދެއްވުމަށް ވަނީ ސަރުކާރަށް ގޮވައިލައްވާފައެވެ. މާލެސިޓީ ކައުންސިލުން ޕާކިން ބިލްޑިންގތައް އެޅުމަށް 8 އިމާރާތެއްގެ ފަރުމާކުރުން ނިމިފައިވާ ކަމަށް މޭޔަރު ހާމަކުރެއްވިއެވެ.