ވިލިމާލޭގައި "ރެޑްވޭވް"ގެ އިމާރާތެއް ހެދުމަށް ބިމެއް ދޫކުރުމާ ބެހޭ ގޮތުން އަދި ސީޝިއާ ރެސްޓޯރަންޓުގެ މުއްދަތު އިތުރުކުރުމާ ބެހޭގޮތުން ސިޓީކައުންސިލުގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ނެރުއްވި ބަޔާނަށް ރައްދުދީ މާލެސިޓީ ކައުންސިލް އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ.

މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ނަހުލާގެ ތުހުމަތުތަކާ ގުޅިގެން އަދި މާލެސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލުން ބޭއްވި ޖަލްސާގައި ކުރެވުނު "ރެޑްވޭވަށް"ބިމެއް ދޭން ނިންމާފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދީފައިވާ ކަމަށްވެސް ހާމަކޮށްފައިވެއެެވެ. އަދި ވިލިމާލޭގައި ކޮމާޝަލް އިމާރާތެއް އެޅުމަށް ރެޑްވޭވަށް ބިމެއް ދޫކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ނޫސްބަޔާނުގައި ކައުންސިލުން ބުނެފައިވެއެވެ.

ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އިއްޔެ ނެރުއްވި ނޫސްބަޔާނުގައި ރެޑްވޭވަށް ވިލިމާލޭން ބިމެއް ދީފައިވަނީ ކައުންސިލްގެ ތަޅުމަށް ހުށަހަޅާފައި ނޫންކަމަށާއި އެއީ ކިހިނެއް ކޮން ޝަރުތުތަކަކާއެކު ކޮންގޮތަކަށް އޮތް އެއްބަސްވުމެއްކަން އެއްވެސް ގޮތަަކަށް އެނގިފައިނުވާކަމަށެވެ. އަދި އެއީ ރަސްމީ ނިންމުމަކުން ހަމަޖައްސާފައިވާ ކަމެއް ނޫންކަމަށްވެސް ނަހުލާ ވަނީ އެ ބަޔާނުގައި ވިދާޅުވެފައެވެ.ކައުންސިލުން ނެރުނު ބަޔާނުގައި ނަހުލާގެ ވާހަކައާ މުޅިން ދެކޮޅު ކަމާއި ނަހުލާ އެވިދާޅުވި ވާހަކަތަކަކީ ބުރަދަނެއް ނެތް ވާހަކަތަކެއްކަމަށް ދޭހަވާ ގޮތަކަށް ބުނެފައިވަނީ، ވިލިމާލޭން ރެޑްވޭވަށް ބިމެއް ދޫކުރަން އެއްބަސްވުން ހަދާފައިވަނީ، ކޮމާޝަލް ބިލްޑިން އެޅުމަށް ބިޑް އުސޫލުން ހުޅުވާލައި، ލިބިފައިވާ ހުށަހެޅުންތައް ބިޑް ކޮމިޓީއަކުން ދިރާސާކޮށްގެން ކަމަށެވެ.

ސީޝިއާ ރެސްޓޯރަންޓާ ބެހޭ ގޮތުން ބަޔާން ފެށުމުގެ ގޮތުން ކައުންސިލުން ބުނާ ގޮތުގައި 2 މާރިޗު 2023 ވީ ބުރާސްފަތި ދުވަހުގެ ރޭ އާޓީފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ރިޔާސަތާ ކުރެވުނު ސުވާލަކުތަކުގެ ތެރެއިން ވިލިމާލޭގައި ހިންގަމުންގެންދާ ސީޝިއާ ރެސްޓޯރަންޓުގެ މުއްދަތު އިތުރުކޮށްދީ، އަދި ރެޑްވޭވްއަށް ވިލިމާލޭން ބިމެއް ދޫކޮށްފައިވާކަމަށް ވިދާޅުވެ، ކުރެއްވި ސުވާލަކީ އެކަމުގެ ހަގީގަތް އޮޅޭގޮތަށް ކޮށްފައިވާ ސުވާލެއް ކަމަށެެވެ. އެހެންކަމުން އެކަންކަން ހިނގާފައިވާ ގޮތް ހާމަކޮށް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ސީޝިއާ ރެސްޓޯރަންޓުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ކަންކަމުގައި އަމަލު ކުރަމުންދާ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުންކަމަށެވެ.

ކައުންސިލަށް އެންމެ ފައިދާ ހުރި ހުށަހެޅުމެއް ކަނޑައެޅީ ވެސް ބިޑް ކޮމިޓީން ކަމަށާއި، ކޮމާޝަލް ބިލްޑިން ހިމެނޭހެން ވިލިމާލޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަން އޭޕްރީލް 13، 2022 ގައި ބޭއްވި ކައުންސިލް ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ނިންމުން ރަސްމީކޮށް ނިންމުމާ ހަމައަށް ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުންތަކުގައި އެ ކަމަށް ކައުންސިލަރުން ބަހުސްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.

ސިޓީކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ހުރިހާ ބައްދަލުވުން ތަކުގައިވެސް ވިލިމާލޭގެ ކައުންސިލަރު [ނަހުލާ] ހާޒިރުވެ ބަހުސްގައި ބައިވެރިވެ މި ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައިވެއެވެ. އަދި މި ބައްދަލުވުންތަކުގެ ހާޒިރީގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކެއްގެވެސް އިއްތިފާގުން އެއްބަސްވެވަޑައިގެންފައިވާ ކަމަށްވެސް ކައުންސިލން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ސިޓީކައުންސިލުގެ މި ނޫސްބަޔާން ބުނާ ވާހަކަތައް މާނަކޮށް ބަލާލުމުން ޖުމްލަގޮތެއްގައި ދޭހަ ވަނީ، ނަހުލާ ނޫސްބަޔާނުގައި އެވިދާޅުވެފައިވަނީ ކަން ހިނގާފައިވާ ގޮތާ މުޅިން ހިލާފު ވާހަކަތަކެއް ކަމެވެ.