"ޕަރީފެންގަނޑު" 3 ވަނަ ބައި / ލިޔުނީ: މަމްދޫހު އިބްރާހީމް

(3 މާރިޗު 2023، ހުކުރުގެ އަދަދާ ގުޅޭ)

ތުއްތުސީދީ އެ ދިޔަ ގޮތަށް ގޮސް ދިއްލައިފައި ހުރި ހޮޅިބުރިތަކާއި ބޮކިތައް ނިއްވައި މުޅިތަން އަނދިރިކޮށްފިއެވެ. އަބަދުވެސް އެގޭގައި ދިއްލައިފައި ހުންނާނީ ރަތްކުލައިގެ ހޮޅިބުރިޔާއި ބޮތްކެވެ. ތުއްތުސީދީ މިހާރު ފާނޫޒެއް ރޯކޮށް އޭގެ އަލީގައި އެއްވެސް އަޑެއް ނުލައްވައި މަޑުމަޑުން އެ ދިޔަ ގޮތަށް ގޮސް ތިންވަނަޔަށް އޭނާ ފޮރުވައިފައިވާ ކޮޓަރީގެ ތެރެއަށް ވަދެއްޖެއެވެ.

އެ ކޮޓަރީގައި ކުޑަވަރެއްގެ މޭޒެއް ހުއްޓެވެ. މޭޒުމަތީގައި އޭނާ ފާނޫޒު ބަހައްޓައިފައި އެ ކޮޓަރިތެރޭ ހުރި ކަފޭރާތަކު ތެރެއިން ތިންވަނަޔަށް ހުރި ކަފޭރާ ހުޅުވައި އޭގެ ތެރެއިން ބޮޑު ހަތަރު އުށްބައްތި ނެގިއެވެ. އަދި ވަރަށް ބޮޑު ނާށްޓަކާއި ދެ ބިސް ނެގިއެވެ. ފުރަތަމަ ނެގި ބިހަކީ އާންމު ބިސްބިސްހާ އަޅައި ބަލާ އިރު ނިކަން ކުޑަކުޑަ ބިހެކެވެ. ދެން ނެގީ ނިކަން ބޮޑު ބިހެކެވެ. އެއީ ކަޅުކުކުޅު ބިހެކެވެ. އެ ކުޑަ ބިހަކީ ނަންނުގަތި ބިހެކެވެ.

އިތުރަށް ނެގީ ހުދުކަރުދާސްގަނޑަކާއި ކަޅުދެލީގެ ގަލަމެކެވެ. އެ ކަފޭރާ މަތީގައި ބޮޑު ދޮލަނގެއް ބާއްވައިފައި އޮތެވެ. އެ ދޮލަނގު ނަގައި އޭގެ ތެރޭގައި ކުޑަބޯތަށްޓެއް ބަހަށްޓައިފައި އޭގެތެރޭގައި އެއްކަލަ ނާށި ބެހެއްޓިއެވެ. އެއަށް ފަހު ނާށީގެ ތެރެޔަށް ކަޅުކުކުޅުގެ ބިސް ތަޅާލިއެވެ.

ތުއްތުސީދީ މިހާރު ކޮންމެވެސް ކިޔެވެލިތަކެއް އެބަ ކިޔަވައެވެ. އެއަށް ފަހު އެ ނާށީގެ ތެރެއަށް ފުމެލައިފިއެވެ. އަދި ނާށީގެ ތެރޭގައި އޮތް ބިހުގެ ތެރެއަށް ނަންނުގަތީގެ ކުޑަބިސް ތަޅާލައި އޭގެ ލޮނާއި ގޮގޮޅި ވެސް އެޅިއެވެ. މިހާރު ތުއްތުސީދީ ފާނޫޒުގެ ފަނޑު އަލިކަމުގެ ތެރޭގައި އިނދެގެން ކޮންމެވެސް އެއްޗެއް ކިޔަވަނީއެވެ.

ވާހަކައިގެ ބައެއް މަންޒަރުތައް ތަމްސީލު ކުރެވިފައި(އޭގެ ތެރެއިން ތުއްތުސީދީގެ މިރޭގެ މަސައްކަތުގެ ބައެއް)؛- ތަސްވީރުގެ ވެރިފަރާތް: މަމްދޫހު އިބްރާހީމް

އެއަށްފަހު ހުދު ކަރުދާސްގަނޑު ނަގައި އޭގައި ފާހަގަތަކެއް ކުރަހައި އެއްޗެއް ލިޔަމުން އެބަ ގެންދެއެވެ. މާގިނައިރުތަކެއް ނުވެ މުޅިކޮޓަރި ތެރެޔަށް ފިނިކަން ވެރިވެއްޖެއެވެ. ތުއްތުސީދީ އެ ކިޔެވެލިތައް ކިޔަވައި، ތުންތަޅުވަމުން ދިޔަ އިރު އެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި ޗޭނުޖަހައިފައި އޮތް ޔާސިރު ތެޅިފޮޅެނީއެވެ. އޭނާގެ އޮތީ ލޯ ހުޅުވައިިގެންނެއް ނޫނެވެ. އެހެންނަމަވެސް އޭނާ ތެޅިފޮޅޭ އިރެއްގައި ހިވަނީ އޭނާގެ ހަށިގަނޑަށް ތޫނު ތިނޯސްތަކެއް ހެރިގެން އޭގެ ވޭނުގައި ތެޅޭހެންނެވެ.

ތުއްތުސީދީ އެ ކިޔަވަމުން ގެންދިޔަ ކިޔެވެލިތައް ކިޔަވައިފައި ކަރުކަހައިލައިފައި ބޮޑު ކުޅެއް އޭނާގެ ކުރިމަތީގައި ހުރި ދޮލަނގު ތެރޭގައި ހުރި ބޯތަށީގައި ހުރި ނާށީގެ ތެރެޔަށް ޖަހައިފިއެވެ. ކުޑަ އިރުކޮޅެއް ފަހުން ތުއްތުސީދީ ގެ ދެލޯ ބޮޑުކޮށް ކަޅިޖަހައި ވެސް ނުލައި އެ ނާށީގެ ތެރެޔަށް ބަލަންއިނެވެ. މިރޭގެ ފާލު މި ދައްކަނީ ދުވަހަކު ުވެސް ނުދައްކާ ހައި ނުބައިކަމެކެވެ.

އޭނާ އިނީ އެ ވަގުތު ކޮންމެވެސް ވަރަކަށް ޖެހިލުންވެ ހިރިލަން ވެސް ނުކެރިފައެވެ. އެއީ އޭނާއަށް މިރޭ މި ބެލިފާލުގައި ވަރަށްބޮޑު ތަކުލީފެއް އުފުލަން ޖެހޭނެކަން އެނގުނީމައެވެ. މިފަދަ ފާލު ނޫނީ ފަންޑިތައިގެ ކަމެއް ކޮށް ހަދާ އިރު އަބަދު ވެސް ޔާސިރު ހުންނާނީ ވަކިންބޮޑަށް ބޯގޯސްވެ އިންތިހާއަށް ކޮންޓްރޯލުން ނައްޓާފައެވެ. އެއީ މިކަހަލަ ކަމެއް ކުރާ ރެއެއް ވިއްޔާ އޭނާއަށް ކޮންމެވެސް އެއްޗެއްގެ ދުއްތުރާލާއި އުނދަގޫތަކާއި އަނިޔާތަކެއް ނުލިބި ނުދާތީއެވެ.

ޖެހިގެން ހުރި ކޮޓަރީގެ ތެރޭގައި ޗޭނުޖަހައިފައި އޮތް ޔާސިރު އެ އޮތީ އިދިފުށަށް ދަމައިގަނެ ބޯހިއްލައި ކަރު ފުއްޕައި ިއެތަންމިތަނަށް ވާންވެފައެވެ. ޔާސިރުގެ ހަތަރެސްފައިގެ އިނގިލިތައް ވެސް ހުރީ ވާންވެފައެވެ. ހީވަނީ އޭނާގެ ހަށިގަނޑުގެ ތެރެއިން ދެމޭ ރަބަރުވާފަށެއް ދަމައިލައިފައި ހުރި ހެންނެވެ. އެހެންނަމަ ވެސް މިރޭ އޭނާ އެތާނގައި އޮންނަން ޖެހޭނީ އެކަންޏެވެ.

އޭނާއަކަށް އެހީއެއްވާނެ އެކަކުވެސް ނާންނާނެއެވެ. ތުއްތުސީދީ އެކިޔެވެލިތައް ކިޔަވަމުން ގޮސް ކުރިމަތީގައި ހުރި ނާށްޓަށް ބަލައިލިއެވެ. އެހެން ބަލަން އިންދައި އޭނާއަށް ފެނުނީ އެ ނާށީގެތެރެއަށް ޖެހި ކުޅުގަނޑަށް ރަތްކުލައިގެ ބޮކިއަރައިފައި ފޮނު އަރާތަނެވެ. އޭގައި ހުރި ބިސްތަކަށް ޖެހި ކުޅުގެ ސަބަބުން މި އެރި ފޮނުތައް ބަދަލުވީ ގަދަކަޅު ރަތްކުލަ އަރާ، ގަނޑުވެ ކުނިވެފައިވާ ލެޔަށެވެ. އޭގެތެރެއިން ދުވާ ނުބައި ވަހަކުން ނޭވާ ލާން ވެސް އުނދަގޫވެއެވެ.

ހީވަނީ މަރުވެފައި އޮތް މީދަލަކުން ދުވާ ކުނިފުޅަ ވަސް ހެންނެވެ. ތުއްތުސީދީއަށް އޭނާ ކުރަން ޖެހޭ ބޮޑު ކަންތައް ކުރަން ޖެހޭނީ ވަރަށް ވެސް ކެރިގެންނެވެ. އެހެންނޫންނަމަ މިކަމެއް އޭނާ އެެބޭނުންވާ ގޮތަކަށް ނުކުރެވޭނެއެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އޭނާއަށް ކަން ކުރަންވީ ގޮތާއި ހަދަންވީ ގޮތް އެނގިއްޖެއެވެ. އެ ނޫން ގޮތެއްނެތެވެ. އެކޮޓަރީގައި ހުރި ބޮޑު ގުޅީގެ ތެރެއަށް އަތް ބާނައިފައި އެ ނެގީ ފޮތެކެވެ.

އެއީ އޭނާގެ މުނިކާފަ ޒަމާނުން ފެށިގެން އެ ޒަމާނުއް ސުރެ މިއަދާހަމައަށް ރައްކާކުރެވެމުން އައި ފޮތެކެވެ. އެއީ އޮންނަ ފޮތެއްކަމެއް އެއްވެސް ބަޔަކަށް އެނގޭ ފޮތެއް ނޫނެވެ.

އެކަމަކު އެރަށުގެ ބައެއް މުސްކުޅިން ބުނާ ގޮތުގައި ތުއްތުސީދީގެ އާއިލާގައި ވަންހަނާ ކުރެވިގެންވާ ފޮތެއް އެވޭލާ ޤަދީމީ ޒަމާނުއްސުރެ އެއާއިލާ ތެރޭގައި ގެންގުޅޭކަމަށް މީހުން ބުނެއުޅެއެވެ. އެކަމަކު އެއީ ޔަޤީން ކަމެއް އޮތް ކަމެއް ނޫންކަމާއި އެއީ ޝައްކެއްގެ ގޮތުގައި މީހުން ހީކުރާ ކަމެކެވެ. މިނެގި ފޮތާއި ހަތަރު އުށްބައްތި ހިފައިގެން ލަސްނުކޮށް އަވަސްއަވަހަށް ފާނޫޒުގަނޑު ހިފައިގެން ތުއްތުސީދީ ދިޔައީ ޔާސިރު އޮތް ކޮޓަރިޔަށެވެ.

ދެން ފަނޑުއަލިކަމުގެ ތެރޭގައި އެ ކޮޓަރީގައި ހުރި މޭޒުމަތީގައި އެ ފޮޮތް ބާއްވައިފިއެވެ. ތުއްތުސީދީ ފަހަތަށް ބަލައިލީ ޔާސިރާ ދިމާއަށެވެ. އޭނާ އޮތީ މުޅީން ހުދުވެ ނޫފައިގެންފައެވެ. ހީވަނީ މަރުވެ ހަށިގަނޑުން ލޭހިކިފައި އޮތް މައްޔިތެއް ހެންނެވެ.

ޔާސިރު އޮތް އެނދުގެ ހަތަރު ކަނުގައި ތުއްތުސީދީ ގެނައި ހަތަރު އުއްބައްތި ރޯކޮށްފައި ޖަހަފިއެވެ. ޔާސިރު ނިދާ އެނދު ދަށުގައި ކޮންމެވެސް އެއްޗެހިތަކެއް ފޮރުވައިފައި ވާނެއެވެ. ތުއްތުސީދީ ވަރަށް މަޑުން ޔާސިރު އޮތް އެނދުގެ މަގަތަށް ވާ ގޮތަށްެ އޭނާ އެއްކައިރިއަކަށްި ކޮއްޕައި ޖައްސާލިއެވެ. އެނދު ދަށުގައި ކުނަލެއްއޮތެވެ. ތުއްތުސީދީ އެ ކުނާ ނަގައި އޮޅައިލައިފައި އެއް ފަރާތެއްގައި ބާއްވައިފިއެވެ.

ކުނާ ނެގުމުން އެ ފެނުނީ ކުޑަވަރެއްގެ ދޮރެއްހެން ހުރި ފިލާގަނޑެކެވެ. ފެންނަފެނުމަށް ހިވަނީ އެއީ ކޮންމެވެސް ސިއްރު ބިންގަރާހެއް ކަހަލަ ތަނެއް ހެންނެވެެ.

އެ ތާނގެ ފިލާގަނޑު ނަގައި އެތެރެއަށް ގުދުވެގެން އޮވެ ކުޑަވަރެއްގެ ސުތުލިގޯންޏެއް ނަގައި އެ ގޯނީގެ ތެރެއިން ހައިވަކަރު ފިލައިން ހަދައިފައި އޮތް އެހައި ބޮޑު ނޫން ފޮށްްޓެއް ނަގައި ބަހައްޓައިފިއެވެ. އަދި އެ ގޯނީގެ ތެރެއިން ކުޑަސިޓީއުރައެއް ނަގައި އޭގެ ތެރެއިން ކުޑަ ތަޅުދަނޑި އެއްވެސް ނަގައިފިއެވެ. ދެން ފޮށީގެ ތަޅު ހުޅުވައި އޭގެ ތެރެއިން ވަށް އުޅާގަނޑެއްގެ ގޮތަށް އޮތް ވަރަށް ރީތި ބޯ ބިއްލޫރި ތަނޑުގަނޑެއް ނަގައިފިއެވެ. އޭނާ އެތަނޑިއަށް ވަރަށް ގަޔާވެ ކުޑައިރު ކޮޅެއް ވަންދެން އެއަށް ބަލަންއިނެވެ. ހީވަނީ އެ އެއްޗެއްގެ ސަބަބުން ތުއްތުސީދީގެ ެމާޒީގައި ވަރަށް ފުން އަސަރުތަކެއް އޭނާއަށް ކުރުވި އެއްޗެއް ހެންނެވެ.

އިރުކޮޅެއް ވަންދެން މިހެން އިނދެފައި އެ ބިއްލޫރި ތަނޑުގަނޑު ފޮށީގައި ބާއްވައިފައި ފޮށީގެ ތެރެއިން ނެގީ ކަޅުތިކިތަކެއް ޖަހައިފައި އޮތް ބޮޑު ކޮކާ ބޮއްޔެކެވެ. ތުއްތުސީދީ އަވަސް އަވަހަށް އެ ކުޑަ ފޮށި ބިންގަރާސް ތެރެއަށް ލައިފައި ފިލާގަނޑު އަޅައި އެ ތަން ލައްޕައި ކުރީގައި ވެސް އެތާ މަތީ އޮތް ކުނާގަނޑު ފަތުރައި އެ ތަން ރައްކާކޮށްފިއެވެ.

ދެން މަޑުމަޑުން ޔާސިރު އޮތް އެނދު ދަމައި ކައިރިޔަށް ގެނެސްފިއެވެ. އަދި ކޮންމެވެސް އެއްޗެއް ލިޔެ ކުރަހައިފައި އޮތް ހިރުނދުފަތެއްގެ ތެރެއަށް ކުޑަ މާވަހަރުކޮޅެއް ލައި ބަރަނިފަށަކުން ބަނދެ، އޮޅައިލައިފައި ބޮލީގެ ތެރެއަށްލައިފިއެވެ. ދެން ބޮލި ގެންގޮސް އަނގަ ބޮޑު ބިއްލޫރި ފުޅިއެއްގެ ތެރެއަށް ލައިފައި ފުރެންދެން އެއައް ރުކުރާ އަޅައިފިއެވެ. ދެން ފުޅީގެ މަތި ޖަހައި ފުޅި ގެންގޮސް ކޮޓަރީގެ ކަނެއްގައި، ބިތުގައި ޖެހޭ ނުޖެހޭ ވަރަށް ބަހައްޓައިފިއެވެ. ތުއްތުސީދީ ޔާސިރާ ގާތްވެލައިފައި އޭނާ އެނދު ކައިރީގައި ހުރެ ޔާސިރަށް ބަލައިލިއެވެ.

ޔާސިރު އޮތީ އޭނާގެ ދެލޯ ވެސް ފިއްތައި ބާރުކޮށްލައިގެންނެވެ. ތުއްތުސީދީ ވަރަށް މަޑުން ޔާސިރަށް ގޮވައިލިއެވެ.

"ދަރިފުޅާ؟... ދަރިފުޅާ؟..."

ދެ ފަހަރަކު ގޮވާލުމުން ވެސް ޔާސިރު ލޮލެއް ނުހުޅުވިއެވެ. ތިންވަނަ ފަހަރަށް ޔާސިރުގެ ނަމުން ތަންކޮޅެއް ބާރަށް ގޮވައިލުމުން އޭނާ ލޯ ހުޅުވައިފިއެވެ.

އެ ވަގުތު ޔާސިރުގެ ދެ ލޮލަށް ހުރީ ވެސް ފެހިކުލަ އަރައިފައެވެ. ފެހިކުލައިގެ ފުސް ވާކަހަލަ ގޮތަކަށެވެ. ހީވަނީ ދެ ލޮލަށް އުށްބައްތީގެ އުށްތިކި އަޅައިފައި ފުރިފައި ހުރި ހެންނެވެ. ތުއްތުސީދީ މަޑުމަޑުން ޔާސިރުގެ ހަތަރެސްފައިގައި ޖަހައިފައި އޮތް ޗޭނުގަނޑު ނައްޓައިލައިފިއެވެ. ޔާސިރު ކުއްލިއަކަށް ފުންމައިގެން ތެދުވެ އެނދުމަތީގައި ދެ ފައި ވަށްކޮށްގެން އިށީދެއްޖެއެވެ. އެހެން އިސްދަށަށް ޖަހައިގެން އިނދެ ކޮންމެވެސް އެއްޗެއް އެބަ ކިޔައެވެ. އޭނާ އެކިޔާ އެއްޗެއް އެއްގޮތަކަށް ވެސް ސާފެއް ނުވެއެވެ.

ތުއްތުސީދީ ފަހަތަށް ވެސް ނޭނބުރި ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ކޮޓަރީގެތެރޭގައި ހުރި ފޮތި އަލަމާރިއެއްގެ ތެރެއިން ބޮޑުފޮތަކާއި ގަލަމެއް ނަގައިގެން ގެނެސް ޔާސިރު ކުރިމަތީ އެނދުމަތީގައި ބާއްވައިފިއެވެ. މޭޒުމަތީގައި އޮތް ބޮޑު ސިހުރުފަންޑިތަ ފޮތް ވެސް ގެނެސް ޔާސިރުގެ ކުރިމަތީގައި އޮތް ފޮތުގެ ކުރިމައްޗަށް ވާ ގޮތަށް ބާއްވައިފިއެވެ. ތުއްތުސީދީ ގަޑިއަށް ބަލަން އިނެވެ. މިހާރުގަޑިން މެންދަމު ބާރަގަޑި ތިރީސް ވަނީއެވެ. އޭނާ އެ އިންނަނީ ގަޑިން އެކެއް ޖަހަން ދެންނެވެ.

ގަޑިން އެކެއް ޖަހައިފިއެވެ. ތުއްތުސީދީ ކިޔެވެލިތަކެއް ކިޔަވަން ފަށައިފިއެވެ. ކިޔަވަން ފެށުމުން ޔާސިރު ފާޑެއްގެ ނުބައި ގޮތަކަށް ރުޅިގަދަވާން ފެށިއެވެ. އެހެންއިނދެ އަނގައިން ފޮނުތަކެއް ބޭރުކުރަން ފަށައިފިއެވެ. ޔާސިރުގެ ނޭވާލުން ވަނީ ބާރުވެ ޒާތެއްގެ ގޮތަކަށް ކަރުހިއްލައި ދެލޯހުޅުވައި އެސްފިޔަ ނުޖަހައި އޭނާގެ ކުރިމަތީގައިވާ ފަންޑިތަ ފޮތަށް ބަލަންއިނެވެ.

ތުއްތުސީދީ މި ކިޔެވެލިތައް ކިޔަވަމުން ދިޔަ އިރު އެތާ ކޮޓަރި ތަޅުންގަނޑު މަތީގައި ބެހެއްޓި ރުކުރާޔާއި ބޮލި އަޅައިފައި ހުރި ފުޅީގެ ތެރެއިން ބޮކިތަކެއް އަރަން ފެށިއެވެ. އެ ފެންނަ އިރު ހީވަނީ އުނދުނެއްގެ މަތީގައި ބަހައްޓައިފައި ފެން ތަވައެއް ބޮކި ޖަހައިފައި ކެކޭ ހެންނެވެ. ތުއްތުސީދީ ގޮސް އެ ފުޅީގެ މަތިގަނޑު ނަގައިފިއެވެ. އެ ވަގުތު އެ ފުޅީގެ ތެރެއިން ވަރަށް ނުބައި ޒާތެއްގެ ވަހެއް މުޅިކޮޓަރީގެ ތެރެއަށް ދުވަން ފެށިއެވެ. އެ ވަހަކީ ކުޑަކަމު ދާ ތަކެތީގެވަހެވެ. އެއީ އެ ފުޅީގެ ތެރެއިން ބޮކި އަރަމުން އައި އިރު ދުވިވަހެވެ.

ތުއްތުސީދީ މި ފުޅީގެ ތެރެއަށް ރޯނުގަނޑެއް ބާނައިފައި އެއިން ދިޔައެއް ނަގައި ޔާސިރުގެ މޫނުމައްޗަށް ޖަހައިފިއެވެ. ހަމަޖެހުމާއެކު ޔާސިރު ކުރިމައްޗަށް ބަލަން އިނދެ ކުރިމަތީގައި އޮތް ފަންޑިތަ ސިހުރު ފޮތް ހުޅުވައި އޭގައި އޭނާގެ އިނގިލިތަކުން ފަހަރަކު އެ ފޮތުގެ ފޮޅުވަތެއްގައި ކުރަހައިފައި ހުރި ކުރެހުންތަކުގައި އަތް ކާއްތަމުން ދިޔައެވެ. އެ ވަގުތު ޔާސިރު އިނީ ވެސް އޭނާގެ ދޫ ކުއްތާއެއްގެ ދޫ ފަދައިން ބޭރަށް ނެރެގެންނެވެ. އެނާގެ ދޫ ބޭރަށްނެރެ އަނގަހުުޅުވައިފައި އޮތް އިރު އޮތީ ދަވަފައިބަ ފައިބައެވެ.

އެ ގޮތަށް އިނދެ ލޯހުޅުވައި އެސްފިޔަ ވެސް ޖަހައި ނުލައި ކަރުބުޑުން އަޑުތަކެއް ނެރެ ކުއްލިއަކަށް އެ ފޮތް ވަރަށް ބާރަށް ލައްޕައިފިއެވެ. ދެން އޭނާ ކުރިމަތީގައި އޮތް އަނެއް ފޮތް ހުޅުވައިފައި ގަލަން ނަގައި ދިވެހިބަހުން އެއްޗެހިތަކެއް ލިޔަން ފެށިއެވެ. ސިހުރު ފޮތުގައި ހުރި ގޮތް ނޭނގޭ ބަހުރުވައިން ކޮންމެވެސް މާނަވާ ގޮތަށް އޭނާ ތަރުޖަމާ ލިޔަނީއެވެ. ޔާސިރު ގަލަމުގައި ހިފަހައްޓައިގެން އިނީ ކޮންމެވެސް ދެއިނގިއްޔެއްގެ ދެމެދަށް ލައިގެންނެވެ. އޭނާ ލިޔަމުން ގެންދިޔައީ ވާތުންނެވެ. ފާނޫޒުގެ އަލިކަމަކުމުގެ ތެރެއިން އެ ލިޔާއެއްޗެއް އަދި ސާފުވާވަރަކަށް ތުއްތުސީދީއަކަށް ނޭނގެއެވެ. އެއީ ކޮޓަރިތެރެ ވަނީ ފާނޫޒާއި އުއްބައްތީގެ ފަނޑު އަލި ކަމެއްގެ ތެރޭގައެވެ.

(ނުނިމޭ)