އެމެރިކާގެ މިހާރުގެ ނައިބް ރައީސް މައިކް ޕެންސް ކޮވިޑް ވެކްސިން ޖަހައިފިއެވެ.

މައިކް ޕެންސް ވެވަޑައިގެންނެވީ، އިމަޖެންސީ ބޭނުންތަކުގައި އެމެރިކާގެ މީހުންނަށް މިދިޔަ ހޯމަދުވަހުން ފެށިގެން ކޮވިޑް ވެކްސިން ދޭން ފެށިފަހުން ވެކްސިންޖެހި އެމެރިކާ ސަރުކާރުގެ އެންމެ އިސް އޮފިޝަލަށެވެ.

މައިކް ޕެންސްގެ އިތުރުން އަނިކަނބަލުން ކާރަންއާއި، ސާޖަން ޖެނެރަލް ޖެރޯމްސް އެޑަމްސްއަށް ވެކްސިން ދިން މަންޒަރު އެމެރިކާގެ ޓީވީތަކުން ވަގުތުން ދުރަށް ދައްކާފައި ވެއެވެ.

މި ބޭފުޅުންނަށް ދެވުނީ އެމެރިކާގެ ފައިޒަރއާއި، ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިންއެވެ.

މި ވެކްސިން މައިކް ޕެންސް ޖެހީ، އެ ވެކްސިނާމެދު އެމެރިކާ ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމާއި، ވެކްސިންގެ ރައްކާތެރިކަމުގެ ކަށވަރުކަން ރައްޔިތުންނަށް ދިނުމަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ކަމަށް މީޑިއާއިން ބުނެއެވެ.

މައިކް ޕެންސާއި އަނބިކަނބަކުން ކާރަން ކޮވިޑް ވެކްސިން ޖެހުމުގެ ހަފްލާ ހުކުރު ދުވަހު ވައިޓްހައުސްގައި ބޭއްވިއިރު، މި ވެކްސިން ޖެހުމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅެއް އެކަކަށްވެސް ނޭނގެއެވެ.

ހުކުރު ދުވަހު ވައިޓްހައުސްގައި ބޭއްވި ހަފްލާއަށްވެސް ޓްރަމްޕް ވަޑައެއް ނުގަންނަވައެވެ.

އެމެރިކާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ޓްރަމްޕް އެކަށައެޅުއްވި ވެކްސިންޕްރޮގްރާމެއްގެ ތެރެއިންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެމެރިކާގެ އެކި ސްޓޭޓްތަކުގައި އެތައް ބަޔަކަށް ވެކްސިން ދޭން ފެށިތާ 5 ދުވަސް ވެފައިވާއިރު، ވެކްސިން ދޭން ފެށުމާ ގުޅޭގޮތުންވެސް ރައީސް ޓްރަމްޕް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެމެރިކާގެ ރައީސްކަމާ ޖެނުއަރީ 20 ގައި ހަވާލުވެވަޑައި ގަންނަވާ ޖޯ ބައިޑެންއަށް އަންނަ ހޯމަދުވަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާއިން ހާމަކޮށްފައި ވެއެވެ.

އެމެރިކާގެ ހައުސް ސްޕީކަރ ނޭންސީ ޕެލޯސީއާއި، ސެނޭޓްގެ މެޖޯރިޓީ ލީޑަރ މިޗް މެކޮނެލްއަށްވެސް ވަރަށް އަވަހަށް ވެކްސިން ދޭން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެކްސިން ލިބިގަތުމާމެދު ޓްރަމްޕް ހަނު ހުންނެވިއިރު، ޓްރަމްޕް އަދިވެސް ގެންދަވަނީ ރިޔާސީ އިންތިޚާބުން ބަލިވެވަޑައި ގަތުމުން އެކަމާ ފިކުރު ކުރައްވަމުންނެވެ. އެމެރިކާގެ ރައްޔިތުންގެ ނިންމުން ކޯޓުތައް މެދުވެރިކޮށް ބަދަލުކޮށްލަން ޓްރަމްޕް ކުރެއްވި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ.