އާދައިގެ ގޮތަކަށް މިހާރު ތަރައްގީ ކުރިއަސް އައްޑޫ އެއާޕޯޓު ޒަމާނީ ފެންވަރުގައި ލާރި ލިބުނީމަ ތަރައްގީ ކުރާނެ ކަމަށާއި އަދި އެއާޕޯޓުގެ މިމަޝްރޫއު ނިމޭއިރު ހަންކެޑެ ތަރައްގީއާއި ޝަންގްރިއްްލާގެ ކަންތައްވެސް ހަމަޖެހިގެންދާނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ މިއަދު "މީރުމާ" އިމާރާތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވާހަކަފުޅުގެ ތެރޭގައެވެ.

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާގެ އިތުރުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރުގެ އިތުރުން ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އައްޑޫގެ އިގުތިސޯދު ވީހާވެސް އަވަހަކަށް ކުރިއެރުވުންކަމަށާއި ކަންތައް ކުރައްވަމުން ގެންދަވަނީ ޕްރެކްޓިކަލް ވިސްނުމެއްގައި ކަމަށެވެ.

"އަޅުގަނޑު މިހެން މި ފާހަގަކޮށްލީ، މިކަން ވީމަ ބައެއް ބޭފުޅުން ފާހަގަކުރޭ އައްޑޫ ވީމަ ދެން ހާދަހާ އާދައިގެ ޓާމިނަލެކޭ. އަޅުގަނޑުމެން މިކަން މި ކުރީ އެންމެ އަވަހަށް އައްޑޫގެ އިގުތިސޯދު ކުރިއަށްގެންދަން. ފަހުން ތަޅާލާފައި އާ އެއްޗެއް ހަދާނީ ލާރި ލިބެން ފެށީމަ. ވަރަށް ޕްރެކްޓިކަލް ވިސްނުމެއްގައި މިކަން ކުރަމުން މިދަނީ،" ފައްޔާޒު ވިދާޅުވިއެވެ.

އަދިވެސް އިތުރަށް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރާނި އެއާޕޯޓް ކުންފުނީގެ ބޯޑު މެމްބަރުން އަދި ހިއްސާދާރުންގެ މަޝްވަރާއާ އެކު، އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަމަށެވެ. އައްޑޫ އެއާޕޯޓް މަޝްރޫއަށް ބޭނުންވާ ހުރިހާ ފައިސާއެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގައި ޕްރައިވެޓް ސެކްޓާގެ ދައުރު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒުގެ ވާހަކަފުޅުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫއު ނިމޭ އިރު، އައްޑޫގައި ކުރިއަށްދާ ޓުއަރިޒަމް އެނދުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 6،000 އެނދު ގާއިމު ކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ހަންކެޑެ ތަރައްޤީ ކުރުމުގެ މަޝްރޫއާއި ޝަންގްރީއްލާ ވިލިގިލި ރިސޯޓު އަލުން ހުޅުވުމާއި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މުޅިން އަލަށް ފަސް ރިސޯޓު ހިއްކުމަށް ހަމަޖެހިފައިވާ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރަށް ލޯކަލް ޓޫރިޒަމަށް ގެސްޓްހައުސް ވިޔަފާރިއަށް ބިން ލިބިފައިވާ ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ޕްރޮގްރާމެއް ރާވައިގެން، އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓުގެ މަސައްކަތް ނިމޭއިރު އިރާދަފުޅު ކުރެއްވީޔާމު، ގާތްގަނޑަކަށް އައްޑޫގައި ގެސްޓް ހައުސްއާއި ހަންކެޑެ ޕްރޮޖެކްޓާ ލައިގެން 6000 އެނދު މި ޕްރޮޖެކްޓުގެ ތެރޭގައި ދާނެ،" ފައްޔާޒް ވިދާޅުވި އެވެ. "އަށްހާސް އެނދު އަދި ހަމައެއް ނުވޭ. ދެން 6000 އަޅުގަނޑަށް ހީވަނީ ގޯސް އަދަދެއް ނޫންހެން ފެށުމަކަށް."

ގަން އެއާޕޯޓް ތަރައްޤީ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާއި އެކު ވުމުގައި ސޮއިކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ގައިސް ނަސީރެވެ. އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގް ޑިރެކްޓަރ ސެލްވަ-ސުންދަރަމްއެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް މަހެއްހައި ދުވަހުގެ ތެރޭ ފެށިގެންދާނެ ކަމަށް ރެނާޓަސް ކުންފުނިން ބުނެއެވެ. އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓް އަދި ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބެންކުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވަނީ 29.7 މިލިއަން ޑޮލަރަށް، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓެކްޓަރުން ޕްރީ ކޮލިފައިކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބޭންކުން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.