އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ، ޒަމާންވީ ވާދަވެރިޔާ ލިވަޕޫލް އަތުން 7-0 ގެ ބޮޑު ތަފާތަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައި މިހާ ބޮޑު ތަފާތަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ޑިސެމްބަރުމަހުގެ ފަހު ކޮޅުން ފެށިގެން ވަރަށް ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހާއި ކޯޑީ ގަކްޕޯ، ޑާވިން ނުނޭޒް އަދި ރޮބާޓޯ ފިރްމީނޯއެވެ. ފިރްމީނޯ ފިޔަވައި އަނެއް ތިން ކުޅުންތެރިން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ލިވަޕޫލްއިން ކާމިޔާބު ކުރި 7 ލަނޑުގެ ތެރެއިން 6 ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގައި ކަމެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފް ނިމެން ދެމިނެޓަށް ވެފައި ވަނިކޮށެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސް ކުރީވެސް މެންޗެސްޓަރ ޔުނައިޓެޑުންކަން ފާހަގަ ކޮށްލެވެއެވެ.

މިމޮޅަކީ ޔުނައިޓެޑުގެ މައްޗަށް ލިވަޕޫލްއިން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާވެސްމެއެވެ. މީގެ ކުރިން ޔުނައިޓެޑް އަތުން އެންމެ ތަފާތު ބޮޑުކޮށް ލިވަޕޫލް މޮޅުވެފައި ވަނީ 1895 ވަނަ އަހަރުއެވެ. އެއީ މިދެޓީމު ދެވަނަ ޑިވިޜަނުގައި ބައްދަލު ކުރި މެޗެއްގައެވެ.

މިމެޗުން ބަލިވުމުގެ ސަބަބުން ލީގް ޗެމްޕިއަންކަން ހޯދުމުގެ ރޭހަށް ވަނުމަށް ޔުނައިޓެޑަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. ޔުނައިޓެޑް ތާވަލުގެ 3 ވަނައިގައި އޮތީ 49 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 63 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ދެވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ 58 ޕޮއިންޓާއެކުއެވެ. އަނެއްކޮޅުން މިރޭގެ މޮޅާއެކު ގަދަ ހަތަރުން ޖާގަ ހޯދުމުގެ އުއްމީދު ލިވަޕޫލަށް މިވަނީ ލިބިފައެވެ. މިވަގުތު ތާވަލުގެ 5 ވަނައިގައި ލިވަޕޫލް އޮތީ 42 ޕޮއިންޓާއެކުއެވެ.