މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަގުތެއްގައި ފިއުލް ޕަވާ ކުންފުނީގެ "ހޭދަކުރި" ދޯނީގައި ފުރައިގެން ގޮސް ވީނުވީއެއް ނޭނގި ގެއްލުނު ބަނގްލަދޭޝްގެ 35 އަހަރުގެ މުހައްމަދު ލިޓޮން މޫދަށް ކޮއްޕާ ވައްޓާލައިގެން މަރާލި ކަމުގެ ދައުވާ އުފުލާފައިވާ އެބޯޓުިން ދަތުރުކުރި ދެވަނަ މީހާ ގދ. ތިނަދޫ/ މަނާރު، 45 އަހަރުގެ މުހަައްމަދު ނިޒާމު ގެ ބަންދުގެ މުއްދަތަށް 30 ދުވަސް އިތުރުކުރިއިރު ނިޒާމްގެ ފަރާތުން ބުނެފައި ވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެކި ގަރީނާ ނެތް ކަމަށް ބުނެ، ލިޓޮނަކީ މަަރުވެފައިވާ ފަރާތެއްކަން ސާބިތުނުވާ ކަމަށެވެ. އަދި ކުށުގެ އަމަލު ހިންގި ގޮތް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ނިޒާމު މިހެން ބުނާ ސަބަބަކީ އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ގަރީނާ ވަނީ ހުށަހަޅާފައި ވާތީއެވެ. އޭގެ ތެރޭގައި ތަހުގީގު މަރުހަލާގައި ވެފައިވާ އިގުރާރާއި ހެކީންގެ ބަޔާންތަކާއި ސީސީޓީވީ ފުޓޭޖް ސްނެޕް ޝޮޓްތަކެއް ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް
ބޯޓާ އެކު ދެމީހުންވެސް ގެއްލިގެން ހޯދަމުން ދަނިކޮށް ބޯޓު ފެނި، އަދި މާލެ ތެރެއިން ނިޒާމު ފެނިގެން އޭނާ ހައްޔަރު ކޮށްފައިވަނީ ލިޓޮންގެ މަރުގެ ތުހުމަތުގައެވެ، އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ނިޒާމު، ލިޓޮން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށެވެ. އެކަން ހިނގީ 28 ޑިސެމްބަރު 2020ގެ ރޭ 7 އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ޕީޖީ ވަނީ ބުނެފައެވެ.
ޖުމްލަ ތިން ދައުވާއެއް ލިޓޮންގެ މަރުގެ ދައުވާ ފިޔަވައި ނިޒާމުގެ މައްޗަށް ކޮށްފައިވާ އަނެއް ދެދައުވާއަކީ، ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާއެވެ.
ވައްކަންކުރުމުގެ ކުށުގެ ދައުވާއަކީ "ހޭދަކުރި" ދޯނީގައި ހުރި ލިޓޮންގެ 51،000 ރުފިޔާ ނިޒާމް ވަގަށް ނަގާފައިވާތީއެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާނެއެވެ.ނިޒާމު ދިރިއުޅޭ ގެ ކަމަށްވާ މއ. ޝާދީވިލާ ބަލައިފާސްކުރުމުގެ ތެރެއިން 3.2 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކުރާ މަސްވުވާކެތީގެ ދައުވާގައި އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލައި 25،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާކުރާނެއެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ނިޒާމު މަސްތުވާތަކެތި ގަނެފައި ވަނީ ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ތުހުމަތު ކުރެވެއެވެ.
ނިޒާމު ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ. ބަންދަށް ފުރަތަމަ ޖެހި ދެ މަސް ދުވަހުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް އިއްޔެ އޭނާ ހާޒިރު ކޮށް، ގާޒީ އާދަމް މުހައްމަދު ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފައެވެ.
ދައުލަތުން ޝަރީއަތް ނިމެންދެން ނިޒާމު ބަންދުކުރުމަށް އެދުނު ނަމަވެސް، އެކަމާމެދު ގޮތެއް ނިންމުމަށް އެންމެ އެކަށީގެންވަނީ ނިޒާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށްގެންދާ ފަނޑިޔާރު ކަމަށެވެ. އެގޮތުން ގާޒީ ދެއްވި 30 ދުވަސް ނުނިމެނީސް ވެސް މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވައި އެ މަޖިލީހުގައި ޝަރީއަތް ނިމެން ދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕީޖީއަށް އެދެވިދާނެ ކަމަށް ގާޒީ އާދަމް ވިދާޅުވިއެވެ.