މާލެ ސިޓީ ކައުންސިލްގެ 1444 ވަނަ އަހަރުގެ މަދަހަ މުބާރާތް ފަށައިފި ކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން ވިދާޅުވިީ މި މުބާރާތުގެ ރެކޯޑިންގްތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ކަމަށެވެ. އަދި މި އަހަރުގެ މަދަޙަ މުބާރާތުގައި 304 ދަރިވަރުން ވަނީ އެކި އުމުރުފުރާތަކުން ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

" މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 " މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް، 6 އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވިއެވެ.

މަދަހަ މުބާރާތުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ. އެ މުބާރާތުގެ ރެކޯޑިންގް މިހާރު ވަނީ ނިންމާލެވިފައެވެ. އެ މުބާރާތުގައި 756 ކުދިން ވަނީ ބައިވެރިވެފައެވެ.

ޤުރުއާން އަދި މަދަހަ މުބާރާތުގެ ކުދިންގެ ކިޔެވުމާއި އިންތިޒާމްތައް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.