އދ. ދަނގެތި، އޯޝަންވިލާ މުޙައްމަދު އަކްރަމް ދަންނަމުތޯއެވެ؟ އެއީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ ދިވެހި ޒުވާނެކެވެ. އުފެއްދުންތެރި ބޭފުޅެކެވެ. ފަންނުވެރިއެކެވެ. ހުނަރުވެރިއެކެވެ.

އަކުރަމް ވަނީ ޕޯސްޓް އޮފީހަށް ބޭނުންވާ އެތައް ޕްލެޓްފޯމެއް ފަރުމާކޮށް ތަރައްގީކޮށްދެއްވައިފައެވެ. އޭނާ ފަރުމާ ކުރައްވައިފައިވާ ޕްލެޓްފޯމްތަކުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހަލުވިކަމާއެކު ނިންމުމަށް ވަނީ ވަރަށް ބޮޑަށް މަގުފަހިވެގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ކަސްޓަމަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޚިދުމަތަށް ހަލުވިކަން ލިބިފައިވެއެވެ.

މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޮނުވާ މެއިލް އައިޓަމްތައް މެނޭޖްކުރުމާއި، ޑެލިވަރީ ޕަރފޯމަންސް މޮނިޓަރކުރުމަށް އަކުރަމްގެ އުފެއްދުންތައް ދަނީ ބޭނުން ކުރެއްވެމުންނެވެ. ކޮންމެ ޕޯސްޓެއް ދަތުރުކުރަމުން މިދަނީ އަކްރަމްގެ ޚިދުމަތަށް ހެކިވަމުންނެވެ. ޝުކުރުވެރިވަމުންނެވެ.

އަކްރަމުގެ މި އުފެއްދުންތަކުގެ ސަބަބުން އެ ކުންފުނިން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ވަނީ އަވަސްވެފައެވެ. ކަސްޓަމަރުންނާއި ދުނިޔޭގެ އެކި ޕޯސްޓަލް އޮޕަރޭޓަރުންގެ އިތުބާރު ކުންފުންޏަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، ކުންފުނިން ބޭނުންފުޅުވާ ތަފާސްހިސާބުތަކާއި، އެކިއެކި މަޢުލޫމާތާއި ރިޕޯޓުތައް ވަގުތުން ތައްޔާރު ކުރެއްވުމަށް ވެސް ވަނީ މަގުފަހިވެފައެވެ. މިއީ އަކްރަމް މަސައްކަތްކުރާ ކުންފުންޏަށާއި މުޅި ރާއްޖެއަށް ލިބިގެންދިޔަ ކުރިއެރުމެކެވެ. ރީތި ނަމެކެވެ.

އަކުރަމްގެ މި މަސައްކަތަކީ އެކާވީސް ވަނަ ގަރުނުގެ ކުރިއަރައިފައިވާ މުވާސަލާތުގެ ނިޒާމާ ފައިހަމަކުރެވޭ އުފެއްދުންތެރި މަސައްކަތްތަކެކެވެ. އީޖާދީ ވިސްނުންތަކެކެވެ.

އަކުރަމްގެ މިމަސައްކަތާއި ޚިދުމަތްތައް ސަރުކާރުން ވަނީ ބައްލައިގެންފައެވެ. މިދިޔައަހަރު އޭނާއަށް ވަނީ މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ވެސް ދެއްވައިފައެވެ. އެ އިނާމް އޭނާއަށް ދެއްވާފައިވަނީ ހުނަރުވެރި ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމުގެ ތަރައްއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވާފައިވާތީއެވެ.

އަކްރާމާބެހޭ ގޮތުން ޕޯސްޓްލިމިޓެޑުގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ އަޙުމަދު އަދުހަމް ވިދާޅުވީ އަކުރަމަކީ އުފެއްދުންތެރި މުރާލި ޒުވާނެއް ކަމަށެވެ. އަމިއްލައަށް މަސައްކަތް ކޮށްގެން ކުރިއެރުން ހޯއްދަވާ، ތަރައްގީގެ ރޫހު ހުންނެވި ޒުވާނެއް ކަމަށެވެ. އޭނާގެ ކުރިމަގު ފެންނަނީ ނުހަނު އުޖާލާކޮށެވެ. އަކުރަމަކީ އޮފީހުގެ މުސްތަގުބަލުގެ ވެސް އުންމީދެކެވެ.

އަކްރަމް އެންމެ ފުރަތަމަ ޕޯސްޓް ލިމިޓެޑާ ގުޅިވަޑައިގެންނެވީ ސީނިއަރ އައިޓީ އޮފިސަރެއްގެ ގޮތުގައެވެ. އެ މަސައްކަތުގައި އުޅުއްވަމުން އަމިއްލައަށް އޮންލައިންކޮށް އިތުރަށް މަސައްކަތް ދަސްކުރައްވަމުން ނަތީޖާތައް ހޯއްދެވީއެވެ.

"މިމަސައްކަތަކީ އަބަދުވެސް ދަސްކުރަންޖެހޭ މަސައްކަތެއް. އައު ޓެކްނޮލޮޖީ އަންނަނީ ތައާރަފްވަމުން. ބޭނުންކުރާ ޓެކްނޮލޮޖީ އަންނަނީ ބަދަލުވަމުން ... އެއަށް އަބަދުވެސް އަހުލުވެރިވެ ހުރުން ވަރަށް މުހިންމު. އެހެންވެސް އަބަދުވެސް ރިފްރެޝްވެފައި ހުންނަންޖެހެނީ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ބޭނުންފުޅުވަނީ އަދިވެސް މިދާއިރާއިން އިތުރަށް ކުރިއެރުން ހޯއްދެވުމަށެވެ. އެކަމާ އެކަށޭނަ މަތީ ތައުލީމު ހޯއްދެވުމަށެވެ.

އަކްރަމްގެ މުސްތަގުބަލާއި މަތީ ތައުލީމާ އޮތީ ގުޅިލާމެހިފައެވެ. އޭނާގެ އުންމީދަކީ މަތީތައުލީމު ހާސިލް ކުރެއްވުމަށް ފަހި ފުރުސަތެއް ލިބިވަޑައިގެންނެވުމެވެ. އޭނާގެ މަސައްކަތުގެ ފުރިހަމަ މަންފާ ގައުމާއި ރައްޔިތުންނަށް ލިބެން އޮތީ އެގޮތުގައެވެ. އެއީ އަކްރަމާއި ކުންފުނީގެ ވެސް އުންމީދެވެ. އެއީ އަކްރަމް ފަދަ ޒުވާނުންގެ ވެސް އުންމީދެވެ.