ޕީއެސްޖީއަަށް ބަދަލުވުމަށްފަހު ފްރާންސަށާއި ޕީއެސްޖީއަށް ހޭނުމަށް އުނދަގޫވިކަމަށާއި އެކަމަކު މިހާރު ހޭދަކުރަމުން ދަނީ އުފާވެެރި ދުވަސްތަކެއް ކަމަށް އާޖެންޓީނާގެ ސްޕަރ ސްޓަރ ލިއޮނަލް މެސީ ބުނެފިއެވެ.

އެންމެފަހު ވަގުތު ބާސެލޯނާއިން ކޮންޓްރެކްޓް އާކުރެވެން ނެތް ކަމަށް އެންގުމުން ހިތާދެކޮޅަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް މެސީ ބަދަލުވީ މިދިޔަ ސީޒަނުގައެވެ. މުޅި ކެރިޔަރ ބާސެލޯނާގައި ހޭދަކުރި މެސީ، ޕީއެސްޖީއަށް ބަދަލުވުމަށްފަހު ބުނީ އޭނާއަށާއި އަންހެނުން އެންޓޮނެއްލާ އަދި ދަރިންނަށް އައު މާހައުލަށް ހޭނުމަށް އުނދަގޫވާނެ ކަމަށެވެ.

ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި މެސީއަށް ޕީއެސްޖީއަށް ކާމިޔާބު ކޮށްދެވުނީ އެންމެ 6 ލަނޑެވެ. އެކަމަކު މިސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް މެސީ ވަނީ 13 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ޖޫން މަހު ހަމަވާނެއެވެ. ޕީއެސްޖީން ބުނެފައި ވަނީ މެސީ އެކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ. އަނެއްކޮޅުން މެސީގެ ކުރީގެ ކްލަބް ބާސެލޯނާއިންވެސް އޭނާ ގެންދަން ބޭނުންވާކަމަށް މީޑިޔާ ބައެއް ރިޕޯޓުތައް ބުނެއެވެ.

"ޕެރިހަކީ އަހަންނަށް ހިތްފަސޭހަ އަރާމްތަނަކަށް ވެއްޖެ. ތަފާތު ސަބަބުތަކާހުރެ ފުރަތަމަ ސީޒަން އަހަންނަށް އެހާ ފަސޭހައެއް ނުވި. އެކަމަކު މިސީޒަން ފެށުނީ ކާމިޔާބު ހޯދުމުގެ އައު ހިތްވަރަކާއެކު" މެސީ،35، ޕީއެސްޖީގެ ޔޫޓިއުބް ޗެނަލަށް ދިން ބަސްދީގަތުމެއްގައި ބުންޏެވެ.

މި ބަސްދީގަތުމުގައި މެސީ ވަނީ ޗެމްޕިއަންސް ލީގް ދެވަނަ ބުރުގައި އަންނަ މާދަމާ ރޭ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެން ޖެހޭ މުހިއްމު މެޗާއި ގުޅޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. ދެލަނޑުގެ ތަފާތަކުން މޮޅެވެގެން ނޫން ގޮތަކަށް ޕީއެސްޖީއަށް ކުއާޓާފައިނަލަށް ދެވެން ނެތްއިރު މެސީ ބުނީ ޕީއެސްޖީގެ އަަސްލު ފެންވަރުގައި ކުޅެވިއްޖެނަމަ ކުއާޓާއިން ޖާގަ ހޯދޭނެ ކަމަށެވެ.