ޕަރީފެންގަނޑު، ލިޔުނީ: މަމްދޫހު އިބްރާހިމް
ކުރީގެ އަދަދާ ގުޅޭ؛ ހަތަރު ވަނަ ބައި
ޔާސިރު އެހެން އިނދެ ލިޔަމުން މުޅި ކޮޓަރީގެތެރެއަށް ކުޅުޖަހައެވެ. ޔާސިރު އިނީ އޭނާގެ ދެ ލޯ ބޮޑުކޮށްގެންނެވެ. ހީވަނީ ދެލޯ ބޭރަށް ނިކުމެދާނެ ހެންނެވެ. އޭނާ ކަރުގައި ހުރި ލޭނާރުތައް ހީވަނީ ދުޅަވެފައި ހުރި ހެންނެވެ.
އެހެން އިނދެ ކަރުބުޑުން ފާޑެއްގެއަޑެއް ނެރެނެރެފައި އެ ލިޔާއެއްޗެއް ލިޔެލިޔެ ކުއްލިޔަކަށްް ފޮތާއި ގަލަން ނަގައި އެ ކޮޓަރިޔަށް ވަންނަން ހުރި ދޮރާ ދިމާއަށް އެއްލައިލިއެވެ. ދެން ޔާސިރު ގަދަ ނިންޖަކުން ނިދިގެން އެނދުމައްޗަށް ވެއްޓުނެވެ. އޭނާއަށް ދެން ހޭލެވުނީ އޭގެ އަނެއް ދުވަހު އިރު އޮއްސުނު ފަހުންނެވެ.
މިހާރު ތުއްތުސީދީ އެއިނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އޭނާ ހިތް އެދޭ ފަދަ ޖަވާބެއް މިރޭ ލިބިއްޖެކަހަލައެވެ. ޔާސިރު އެ ވަނީ ސިހުރުފޮތުން ބައެއްގަނޑުތަކުގައި ހުރި ފޮޅުވަތްތަކެއް ދިވެހިބަހަށް ތަރުޖަމާކޮށްފައެވެ. ގަޑިން ދަންވަރު ތިންގަޑި ބައިވަނީއެވެ.ި ފުޅީގެ ތެރޭގައި އޮތް ބޮޑުބޮލި މިހާރު އެ ވަނީ މުޅީން ގިރިގެންގޮސްފައެވެ. ދެން އެ ފުޅި ގެންގޮސް އެއްކަލަ ކަފޭރާ ތެރެއަށްލަްއި ތަޅުލައިފިއެވެ. މިހާރު އެތާނގައި އޮތް ދެ ފޮތް ހިފައިގެން އޭނާ އެދަނީ އެގޭގައި ހުންނަ ތިންވަނަ ކޮޓަރިއަށެވެ. އޭނާ ބޮޑު ކަމަކަށް ތައްޔާރު ވުމުގެ ފުރަތަމަ މަރުހަލާ ނިމުނީއެވެ. ބާކީ އޮތް މަސައްކަތް ކުރަން ޖެހޭނީ ވަރަށް ހުޝިޔާރުވެ ހުރެގެންނެވެ.
އޭނާގެ އަތުގައި އޮތް ފަންޑިތަ ދެ ފޮތުން ކުރެ ބޮޑު ފޮތް އެލީ އެ ކޮޓަރީގެ ތެރޭގައި ހުރި ބޮޑު ގުޅީގެ ތެރެއަށެވެ. މިހާރު އޭނާ ޔާސިރު ދިވެހިބަހަށް ތަރުޖަމާކޮށްފައި އޮތް ފޮތް ކުޑަކޮށް ކިޔައިލަނީއެވެ. ދެން ތުއްތުސީދީ އިންތިޒާރު ކުރާނީ ވަރަށް ބޮޑު މަސައްކަތެއް ކުރުމަށްޓަކައި ބޮޑުރެއަކަށް ތައްޔާރުވާށެވެ. ތުއްތުސީދީ އަތުގައި އޮތް ފޮތުގެ ތަރުޖަމާ ލިޔެފައިވާ ގޮތުން އޭނާ ޅައިރު ލ. ގަމަށް ކުރި ދަތުރުގައި އެރުނު ބޮޑު ފެންގަނޑުގެ ފެންގެނެސް ބޮއެ ހަދަންޖެހެއެވެ.
ތުއްތުސީދީ މިހާރު އަވަސް އަރުވައިލައިގެން އަވަދިނެތި އެ އުޅެނީ އޭނާ ކުރަން އުޅޭ ބޮޑު މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައި އެއްކުރުމުގައެވެ.
އެއީ އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ ހުރިހައި ސާމާނު ހޯދައި އެ ކަމަށް ކަނޑައެޅިފައިވާ ދުވަހަކާއި ވަގުތު ޖެހުމުން ނޫނީ އެ ކަމުގެ އެއްވެސް ކާމިޔާބެއް ލިބޭކަށް ނޯންނާނެއެވެ.
**** ***** ******
އެހެން ދުވަސްތަކެކޭ އެއް ގޮތަށް މިއަދު ވެސް ޔާސިރު އެ އިނީ ގޯތިތެރޭގައި ހުރި ބޮޑު ބަނބުކެޔޮ ގަސް ދޮށުގައި އިށީނދެ ވެއްޔާ ކުޅޭށެވެ. އޭނާ އުޅޭ އުޅުމުން ބައެއްފަހަރު ހީވާނީ ކުޑަކުއްޖަކު އުޅޭހެންނެވެ.
އެކަންވާނީ ވެސް އެހެންތާއެވެ. ޔާސިރަކީ ދުނިޔެއަށް އުފަން ވީ އިރު ވެސް ސިކުނޑީގައި އުނިކަމެއް ހުރި ކުއްޖެކެވެ. އެހެންވުމުން އަދި ވެސް އޭނާ މުޅީން ހަމައެއް ނޫނެވެ. ތުއްތުސީދީ މިއަދު އިނީ ކަތިވަޅިއެއް ހަނުލާށެވެ. އެއީ މީހަކަށް އޭނާ ތޫނުކޮށްދޭ ކަތިވަޅިއެކެވެ. އޭނާ އެ މަސައްކަތް ކޮށްދެނީ މިއަދު އަގަކަށް ނޫނެވެ. ނަމަވެސް މަސައްކަތުގެ ބަދަލުގައި ކަމެއް ބޭނުން ވެގެންނެވެ.
ސަލީމް އައިސް ރަތްއަކިރީ ގެއަށް ވަދެ އައްސަލާމް އަލައިކުމް އޭކިޔައި ސަލާމް ގޮވައިލިއެވެ. ތުއްތުސީދީ ގޭތެރެއިން ގޯތީގެ އަނެއް ފަޅީގެ މައި ދޮރާށިން ލައިފައި ނިކުމެ ވަޢަލައިކުމުއްސަލާމް! އޭ ބުނެ ޖަވާބުދިނެވެ.
"އަހާނ! އެކޮއެދޯ ......؟ ވަދޭވަދޭ....! ބޭބެ މި އިނީ ވެސް ގޯތީގެ އަނެއް ފަރާތުގައި ވަޅި ތޫނުކުރާށޭ......! އާދޭ...! ވަދެ އެހެރަ ޖޯލީގައި އިށީނދޭ.....!".
ސަލީމު އެ ގެއަށް ވަދެ ޖޯލީގައި އިށީނދެއްޖެއެވެ. ސަލީމަކީ ޒުވާންފުރައިގެ މީހެކެވެ. އޭނާއަކީ އަމިއްލަ މަސައްކަތް ކޮށްގެން ދިރިއުޅޭ މީހެކެވެ. ސަލީމް ވަނީ ވަރަށް ފަހުން އެރަށު ޝަރީފާއާ ކައިވެނި ކޮށްފައެވެ. އެ ދެމަފިިރިން ދިރިއުޅެނީ ވަކިންނެވެ. އެ ދެމަފިރިންނަށް އަދި ދަރިޔަކު ނުލިބެއެވެ.
ތުއްތުސީދީ އޭނާ ހަނުލާން އިން ވަޅި ތޫނުކޮށްގެން ހިފައިގެން އަތުވެއްޖެއެވެ. އަދި ސަލީމަށް އެ ކަތިވަޅިި ކޮތަޅެއްގެ ތެރެއަށް ލައިފައި ދިނެވެ. ދެން ކުޑަކޮށް ވާހަކަ ދައްކައިލަން ތުއްސީދީ ވެސް ޖޯލީގައި އިށީނދެއްޖެއެވެ.
ސަލީމް ބުންޏެވެ. "ސީދިބޭ......! ކޮބާ ހާލު ކިހިނެއް؟ ރަނގަޅުތަ؟"
ތުއްތުސީދީ ސަލީމަށް ޖަވާބު ދިނެވެ. "އާނ...! ރަނގަޅު ދެން! ހަޔާތުގެ އެކި ދުވަސް ދައުރުވަމުން ގޮސް އުމުރުވެސް މިހާރު ހައްދިހައިން މަތިވެއްޖެ....! ކޮބާ އެ ކޮއިގެ މީހުންގެ ހާލުއަހުވާލު ރަނގަޅުތަ؟"
ސަލީމް އާނއެކޭ ބުންޏެވެ. ދެން ސަލީމް ކަތިވަޅި ހަނުލައި ތޫނުކޮށް ދިނީމައި އެ މަސައްކަތުގެ އަގު ދިނުމުގެ ގޮތުން އަށްޑިހަ ރުފިޔާ ސީދިބޭ އަތަށް ދިއްކޮށްލައިފައި ބުންޏެވެ.
"ސީދިބޭ މި ވަޅި ތޫނުކޮށް ދިނީ ތީ ވަރަށް ބޮޑަށް ޝުކުރިއްޔާ....!"
ތުއްތުސީދީ އެ ފައިސާގައެއް ނުހިފިއެވެ. އަދި ޒާތެއްގެ ހިނިގަނޑެއް ޖަހައިލައިފައި ބުންޏެވެ. " ދެން މި ފަހަރު ތިޔަ ބާއްވާ........! މިއީ ސީދިބޭ އެ ކޮޔަށް ކޮށްދިން ކަމެއްގެ ގޮތުގައި ބާއްވާ...!"
ތުއްތުސީދީ ވަނީ އޭނާގެ ސިކުނޑިން ވަރަށް މޮޅު ރޭވުންތަކެއް ރާވައިފައެވެ.
"ނޫނޭ.....! ސީދިބޭ ތިހައި ބުރަ މަސައްކަތެއް ކޮށްދިނީމަ ހުސްއަތާ އެއްޗެއް ނުލިބި ހުރީމަ ކަމަކު ނުދާނެ އެއްނުން!؟.. "ސަލީމް ބުންޏެވެ.
ހަމަ މިހެން ބުނުމާއެކު "އާނ!.. އެހެންވެއްޖިއްޔާ އެ ކޮޔެ ބޭބެއަށް ކަމެއް ކޮށްދީބަލަ؟....." ތުއްތުސީދީ ބުނެލިއެވެ. ކޮން ކަމެއްހޭ ސަލީމް އެހުމުން ، "ބޭބެއަށް ނިކަން ބޮޑު ވާލެއް ހިފައިގެން މަރައިނުލައި ގެނެސްދީބަލަ؟"
މިހެން ތުއްތުސީދީ ބުނުމުން ސަލީމް ހައިރާން ވެއްޖެއެވެ. ސަލީމްގެ ހިތުތެރޭ އެތައްް ބައިވަރު ސުވާލުތަކެއް އުފެދި ހިތަށް ބިރުވެރި ކަމެއްވެސް ވަދެއްޖެއެވެ. ނަމަވެސް ތުއްތުސީދީ ސަލީމަށް ކަތިވަޅި ތޫނުކޮށްދިނުމުގެ އުޖޫރައަކަށް ޖެހޭނީ ތުއްތުސީދީބޭ ބުނިކަންތައް ކޮށްދޭށެވެ.
ސަލީމް ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން ކުޑަކޮށް ޖެހިލުންވެ ބުންޏެވެ. " އާނ........! މައްސަލައެއް ނޯންނާނެ.....! ކޮން އިރަކަށް ހޯދަންވީ....؟"
މިހެން ސަލީމް އެހުމުން ތުއްތުސީދީ "އަންނަ ހުކުރު ވިލޭރެއަށް ގެނެސްދޭން ބުންޏެވެ.
ސަލީމް އާއެކޭ ބުނެ ވަޅި ލައިފައި އޮތް ކޮތަޅު ހިފައިގެން އެގެއިން ބޭރަށް ނިކުމެއްޖެއެވެ. ސަލީމް ގެއަށް އައިސް އުޅުނީ އޭނާއަށް ލިބިފައި ހުރި ހާސްކަން އޭނާގެ އަންހެނުން ޝަރީފާއަށް ފޮރުވާށެވެ. ސަލީމް ގެއަށް ވަދެ ޝަރީފާއަށް ގޮވައިލައިފިއެވެ. ސަލީމް އެގަޑީގައި ހުރީ ވެސް ފާޑަކަށެވެ. ޝަރީފާ ފަހަތުން އައިސް ސަލީމްގެ ކުރިމައްޗަށް އެރި އިރު ވެސް ސަލީމަކަށް އެ ކަމެއް ނޭނގޭއެވެ. ޝަރީފާ އަހައިލިއެވެެ....!
"ކިހިނެއް ވެފައިތަ ތިޔަ ހުރީ.....؟"
ސަލީމް ކުއްލިއަކަށް ސިހިގެން ގޮސް ނޭނގެ ބުނެލިއެވެ. "އޭނ! އާނ!.. ކަމެއްވެއްޖެތަ؟"
ދެންވާހަކަ ދެއްކީ ޝަރީފާ އެވެ. "އާނ.......! ސަލީމް ތިޔަ ކަތިވަޅި ތުއްތުސީދީ ގެއިން ހިފައިގެން އައިސް މިހާރު ތިޔަ ހުރީ ފާޑެއްގެ ގޮތެއް ވެފާ......"،
ޝަރީފާ މިހެން ބުނުމުން ސަލީމް އޭނާއަށް ލިބިފައި ހުރި ހާސްކަން ކަނޑުވަން މަސައްކަތް ކުރަމުން ބުންޏެވެ. "ޝަރީފާއަށް ަައަަބަދުވެސް ވަރަށް އެއްޗެހި ހީވާނެ.....!"
ސަލީމް މިހެން ބުނުމުން ޝަރީފާ ވަރަށް ފޫހި ގޮތަކަށް ބުނެލިއެވެ. "ތިޔަ ކިޔާ ތުއްތުސީދީ ނުނީ ސީދިބޭއަކީ އަހަރެން ވަރަށް ފޫހިވާ މީހެއް! މީހުން ބުނާނެ ސީދިބޭއަކީ ވަރަށް ފަންޑިތަ ހަދާ މީހެކޭ، އަހަރެން އެ މީހާ ދެކެ ފޫހިވަނީ އެހެންވެ!"
މިހެން ޝަރީފާ ބުނުމުން ސަލީމް ބުންޏެވެ. "މީހުން ކިޔާނެ ފާޑުފާޑު އެއްޗެހި، އެއީ އަހަރުމެންނަކާ ބެހޭ ކަމެއް ނޫން، އަދި އަހަރުމެން ބަލަން ޖެހޭ ކަންތައްތަކެއް ވެސް ނޫން....!"
"އަހަރެން މިހާ އަވިގަދަ ގަޑިއެއްގައި ތުއްތުސީދިބޭ ގެއިން އަންނަން ޖެހުނީމާ މި ހުރީ ވަރަށް ވަރުބަލިވެފައި....! ނިކަން ދޭބަލަ މަށަށް ބޯފެންތަާށްޓެއް ގެނެސް ދޭން؟!.." ޝަރީފާ ފޫހިވާ ޒާތަކަށް މޫނު ހަދަމުން ބުނެލިއެވެ.
"އާނ! ތިޔަ ކިޔާ ތުއްތުސީދީ ގެއަށް މަސައްކަތެއް ހަވާލުކޮށްގެން އެ ގެޔަށް ވަދެނިކުންނަ ކޮންމެ މީހަކުވިޔަސް، ހުންނާނީ ފާޑެއްގެ ގޮތެއްވެފަ..!!!"
މިހެންބުނެފައި ޝަރީފާ އެ ދިޔައީ ކުޑަބަދިގެ ފަރާތު ގޯތިތެރޭގައި ހުރި ބޮޑު ފެންތާނގީއާ ދިމާއަށް ބިއްލޫރި ތަށްޓެއް ހިފައިގެން ވާރޭފެން ތަށްޓެއް ބަލައެވެ. މިހާރު އަސްލުގައި ވެސް ސަލީމު ހުރީ ހާސްވެފައެވެ. އޭނާ އެ ވިސްނަނީ އެބުނާ ވާލެއް ހިފާނެ ގޮތަކާ މެދުގައެވެ. ހަމަގައިމު ވެސް އޭނާއަށް އޮތީ ދެތިންހަތަރު ދުވަހެވެ. ކޮންމެ ގޮތެއްވިޔަސް ސަލީމަށް ްޖެހޭނީ ތުއްތުސީދީ އެ ބުނި މަސައްކަތާ ހަވާލުވެ އެކަމެއް ކުރާށެވެ.
(ނުނިމޭ)
ކުރިއަކުން ދިވެހި ވާހަކައެއް ނުކިޔަން އެކަމަކު ޕަރީފެންގަނޑު ވާހަކަ ކިޔަން ވަރަށް ޝައުގު ވެރިވެއްޖެ، މި އަޑު ނާހާ ކަހަލަ ވަރަށް ރީތި ވާހަކައެއް
މިހާދަ ރީތި ވާހަކަ އެކޭ މިކަހަލަ ތަފާތު ވާހަކަ އެއް މީގެ ކުރިއަކުން ނުކިޔަން މަމަދޫހު އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދެން އޮތް ބަޔަށް ވެސް އިންތިޒާރު ކުރަން އަދިވެސް މަމްދޫހުގެ އިތުރު އެހެން ވާހަކަ އެއް ކިޔާލަން ބޭނުން ސަާބަސް ތައުރީފު ހުއްޓުމެއް ނެތި ކުރަން. މަމްދޫހު ގެ ފޭނެއް މި