ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ އުއްމީދީ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާ ގަތުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ މުއްސަނދި ކްލަބު މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ފަށައިފިކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އުމުރުން މިހާރު 20 އަހަރުގެ ކަމަވިންގާއަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު ޓީމުގެ މެދުތެރޭގައި އުއްމީދީ ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ފްރާންސް ގައުމީ ޓީމާއެކު އެންމެފަހުގެ ވަރލްްޑް ކަޕުގައިވެސް ވާދަކުރި ކަމަވިންގާއަށް މިސީޒަނުގައި ރެއާލް މެޑްރިޑުން ޖާގަ ލިބެނީ ވާތު ބެކަށް ކުޅުމަށެވެ. މެދުތެރެއިން ޖާގަ ހޯދުމުގައި އޭނާއަށް ބޮޑެތި ގޮންޖެހުންތަކެއް މިސީޒަނުގައި ވަނީ ކުރިމަތިވެފައެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ތައްޔާރު ވަމުން ދަނީ 115 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީ އެއް ރެއާލްއަށް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް އެރިކް ޓެންހާގާއި ކޯޗިންގ ސްޓާފުން ގަބޫލް ކުރާ ގޮތުގައި ކަމަވިންގާއަކީ ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ޓީމުގެ މެދުތެރެ ލީޑް ކުރެވޭ ވަރުގެ ކުޅުންތެރިއެކެވެ. މެންޗެސްޓަރ ޔުނައިޓެޑުން ކަމަވިންގާ ގަތުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް ކަމަވިންގާ ވިއްކާނެ ނުވަތަ ނޫންކަން ރެއާލްއިން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.