މާލެ ސަރަހައްދުގައި ވެމްކޯއިން މިހާރު ދެމުންގެންދާ ކުނި މެނޭޖު ކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނަން ހަމަޖައްސައިފިއެވެ. އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އަންނަ މަހުން އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް ނިންމާފައިވާ ކަމަށް ވަނީ އަންގައި އިއުލާން ކޮށްފައެވެ،

އެންވަޔަރަމެންޓުގެ މި ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލޭގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ދެމުންދާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ގަވާއިދުން ނުދައްކާ މައްސަލަ ކަމަށެވެ. އެހެންކަމުން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީން ވެމްކޯއާ އެކު ކުރި މަޝްވަރާތަކުން މިކަމަށް އެންމެ އެދެވޭ ހައްލެއް ލިބޭނެ ގޮތެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ ވެމްކޯ އިން ދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބަރާބަރަށް ވެމްކޯ އަށް ލިބޭގޮތް ވެގެން ކަމަށް ހާމަކޮށްފައިވެއެވެ. މިހާތަނަށް މާލެ ސަރަޙައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ ކަމަށް ވިޔަސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީން ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދިނުމަށާއި، އަދި ކުނި މެނޭޖްކުރުމަށް މި ގެނެވޭ ބޮޑެތި ބަދަލުތަކުގެ ޚަރަދު ބެލެހެއްޓޭނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމުގައިވާތީވެ، އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ ޢާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނައިގެން ފީ ކަލެކްޓްކުރުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން އަންނަ މަހުން އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން ނެގުމަށް މިހާރު ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.