ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި ހަފުލާއެއްގައި އެކުންފުނިން މުވައްޒަފުންނަށް ދެމުން އަންނަ ހައްޖާއި އުމްރާގެ އަޅުކަމުގެ ފުރުސަތު، މިއަހަރުވެސް އެކުންފުނީގެ ހަތަރު މުވައްޒަފަކަށް ދީފިއެވެ. އޭގެ ތެރޭގައި ދެ މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދި އަނެއް ދެ މުވައްޒާފުންނަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ވަނީ ލިބިފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފުގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހުމޫދާއި ސްޓެލްކޯގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
އުމްރާގެ އަޅުކަމަށް ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވެ، މިއަހަރު އުމްރާގެ އަޅުކަމަށް ފުރުސަތު ލިބުނީ އެކުންފުނީގައި ފަސް އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން އެކުންފުނީގެ ސާވިސް ސެންޓަރުގައި މަސައްކަތްކުރާ ޝާހުލް ހަމީދާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފާތިމަތު ރިޒްނާއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ޝަރުތު ހަމަވަނީ އެކުންފުނީގައި 15 އަހަރު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނެވެ. އެގޮތުން މިއަހަރު އެ ފުރުސަތު ލިބުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުﷲ ޝަރީފް އާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ހަދީޖާ ތައުފީގަށެވެ.
މިއަހަރުގެ ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުންނަށެވެ. އަދި އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުންނާއި އަންހެން 56 މުވައްޒަފުންނަށް ކަމަށްވެއެވެ.
މިދިޔަ އަހަރުވެސް ސްޓެލްކޯގެ ހަތަރު މުވައްޒަފަކަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވެއެވެ.