ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު، 520 ގުރާމް ހުރި އިރު މި ތަކެތީގެ މަގުމަތީގެ އަގަކީ ދިވެހި 9 ލައްކަ ރުފިޔާކަމަށްވެއެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތެރޭގައި އަތުލައިގެންފިކަމަށް މައުލޫމާތު ހާމަކުރަމުން، މޯލްޑިވްސް ކަސްޓަމް ސާވިސްއިން މިއަދު ބުނީ މިތަކެތި އަތުލައިގަނެވިފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހު ކަމުގައެވެ. ކަސްޓަމްސް އިން ބުނެފައި ވަނީ މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ ގެނައި ޕެކޭޖުތަކެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗަށް ޓެސްޓުކުރެވުނު ކަމަށެވެ. އަދި އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެއެވެ.

މަސްތުވާތަކެތި ހުރި މި ޕެކޭޖު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.