ތައިލެންޑްގައި ބޭނުންކުރަމުންދާ ހަރުކަށި ޝާހީ ގާނޫނު އިސްލާހްކުރަން އދއިން ތައިލެންޑް ސަރުކާރަށް ގޮވާލައިފިއެވެ.

އދއިން މިކަމަށް ގޮވާލީ، ތައިލެންޑް ސަރުކާރާއި އަދި ރަސްކަމާ ދެކޮޅަށް ދާދިފަހުން ކުރި މުޒާހަރާތަކާ ގުޅިގެން 35 މީހެއްގެ މައްޗަށް ތައިލެންޑް ސަރުކާރުން ދައުވާ ކޮށްފައިވާ މައްސަލާގައެވެ.

ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި އުމުރުން 16 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

އދގެ ހައި ކޮމިޝަނަރ ފޮރ ފޮރ ހިއުމަން ރައިޓްސްގެ އޮފީހުގެ ތަރުޖަމާނުވަނީ، މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ސީރިއަސް ޖިނާއީ ދައުވާތައް އުފުލުމަށް ޝާހީ ގާނޫނު ބޭނުން ކުރުން ހުއްޓާލުމަށް ތައިލެންޑް ސަރުކާރަށް ގޮވާލާފައެވެ.

ތައިލެންޑްގައި އަމަލުކުރަމުން އަންނަ ޝާހީ ގާނޫނަކީ، މުޅި ދުނިޔޭގައިވެސް އޮންނަ މިޒާތުގެ އެންމެ ހަރުކަށި ގާނޫނެވެ.

މި ގާނޫނުގެ ދަށުން، ތައިލެންޑްގެ ޝާހީ އާއިލާއާ ދެކޮޅަށް އެއްވެސް ޝުއޫރެއް ފާޅުކުރުމަކީ ހަރުކަށި ބޮޑެތި އަދަބުތައް ދެވޭ ކަމެކެވެ. ސޯޝަލް މީޑިއާގައިވެސް އެފަދަ ޚިޔާލެއް ފާޅުކޮށްފިނަމަ ހަރުކަށި އަދަބުދެއެވެ.

އދގެ ހައި ކޮމިޝަނަރ ފޮރ ފޮރ ހިއުމަން ރައިޓްސްގެ އޮފީހުން ބުނެފައިވަނީ، މި ގާނޫނުގެ ބޭނުންކޮށްގެން މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ދައުވާ ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށެވެ.

ތައިލެންޑްގެ މަގުތަކަށް ނުކުމެ އެތައްހާސް އާންމުންވަނީ، ތައިލެންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދިނުމަށާއި، ރަސްގެފާނު މަހާ ވަޖިރަލޮންގްކޯރންގެ ބާރުތައް ހަނިކުރުމަށް ގާނޫނަށް އިސްލާހް ގެނައުމަށް ގޮވާލާފައެވެ.

މި މުޒާހަރާތަކުގައި އުޅުނު 35 މީހެއްގެ މައްޗަށް ޝާހީ ގާނޫނުގެ ދަށުން ދައުވާ ކޮށްފައިވާއިރު، ކުށްވެރި ވެއްޖެނަމަ ކޮންމެ މީހަކު 15 އަހަރަށް ޖަލަށްލާނެއެވެ.

އދގެ ހައި ކޮމިޝަނަރ ފޮރ ފޮރ ހިއުމަން ރައިޓްސް މިޝޭލް ބަޗެލޭވަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ނުގެއްލޭ ގޮތަށް، ޝާހީ ގާނޫނަށް ބަދަލުތައް ގެނައުމަށް ތައިލެންޑް ސަރުކާރަށް ގޮވާލައްވާފައެވެ.