ރޯދަމަހަކަށް ތައްޔާރު ވަމުން އަންނައިރު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ވަރަށްވެސް ރިވެތި އާދަކާދަތަކެއް އޮވެއެވެ. ނެތެމުން ގެއްލެމުންދާ ދިވެހިވަންތަކަމުގެ ތެރެއިންވެސް އަދިވެސް ބައެއް ފަރާތްތައް މިފަދަ ކަންތައްތަކަށް ސަމާލުކަންވެސް ދެއެވެ. ހާއްސަކަމެއްގެ ގޮތުގައި މިއީ ކޮށްލަން ހަމަ އެންމެ ރަނގަޅު އަދި އޭގެ ފައިދާވެސް ކުރާނެ ކަމެކެވެ.

ކިތަންމެ ބުރަ ޝެޑިއުލެއްގައި އުޅެމުން ވިޔަސް ގޭތެރެއާއި އާއިލާގެ ކަންތައްތަކަށް ހާއްސަކަމެއް ދީގެން ރޯދައަށް ތައްްޔާރުވާ ފަރާތްތަކުން މިކަންތައް މިހެން ކުރާކަމަށް ވާހަކަ ދެކެވެއެވެ. މިއީ ވަކި ފަރާތަކަށް ހާއްސަ ކަމެއް ނޫނެވެ. ކޮންމެ ފަރާތަކުންވެސް މި ގޮތަށް މިކަންކޮށްލުން މުހިންމެވެ.

ގޭތެރޭގައި ކުދިންނަށް ހާއްސަކޮށް ކަލަންޑަރެއް ތައްޔާރުކުރެވިދާނެއެވެ. އޭގައި ރޯދަމަހުގެ ތާވަލު ހަދާށެވެ. ކޮންމެ ހަފުތާއަކަށް ހާއްސަ ޝިއާރެއް ކަނޑައެޅިދާނެއެވެ. މި ޝިއާރު ކުދިންގެ އުމުރާ ގުޅޭ ގޮތަށް އިސްލާމްދީނުގެ ކަންތައްތަކަށް އަމާޒުކުރެވިދާނެއެވެ. ރޯދަމަސް އޮންނަނީ ތިން ދިހައަހަކަށް ބެހިފައިކަމުން ތިން ދިހައަކަށް ހާއްސަ ތިން ކަމެއް ހަމަ ޖެއްސިދާނެއެވެ.

ދުރާލާ ރާވައިގެން ނަމާދު ދޮޅިއާއި ނަމާދަށް ފިރިހެން ކުދިންވެސް ބޭނުންވާނެ ސާމާނު ދޮވެ އިސްތިރިކުރުމަށް ކުދިންގެ އުމުރަށް ބަލާފައި ގޮތެއް ހަމަޖެއްސިދާނެއެވެ. މިއީ ކުދިން ދީނަށް ހާނުވާ ލޯބިޖެއްސުމަށް މޮޅު އުކުޅުތަކެކެވެ. ރޯދައިގެ ދުވަސްތަކުގައި ކިޔާނެ ހާއްސަ ދުއާތައް ރީތި ގޮތަކަށް ލިޔެ އެކުދިންގެ ކޮންމެވެސް ވޯލްއެއް ނޫނީ ހާއްސަ ފޮތެއް ނުވަތަ އެއްކުއްޖަކު އަނެއްކުއްޖަކަށް ދޭ ހަދިޔާއަކަށްވެސް މިކަން ހެދިދާނެއެވެ. ރޯދައަށް ކުދިންގެ ހިތް ލަންބުވައި އެކުދިންގެ ހިތުގައި ރޯދައިގެ ހުޝޫއަތާއި ހާއްސަކަން އަށަގެންނެވުމަށް ކުރެވިދާނެ އަނެއް ކަމަކީ ބަރަކާތްތެރި ޤުރުއާނުގެ އެކި ސޫރަތްތަކުގެ ހާއްސަކަން ބުނެދީ އެކުދިން ޤުރުއާނަށް ހިތް ޖެއްސުމެވެ. މިސާލަކަށް ކުދިންނަށް އެކުދިންގެ އުމުރާ ގުޅޭ ގޮތަށް ޤުރުއާނުގެ ބައެއް ހާއްސަ ސޫރަތްތައް ބާވައިލެއްވުނު ގޮތާއި ސޫރަތްތަކުގެ ހަގީގީ މާނައަކީ ކޮބައިކަން ބުނެދެވިދާނެއެވެ. އެގޮތުން ޔޫސުފް ސޫރަތާއި ޔޫނުސް ސޫރަތް އަދި ލުޤްމާނު ސޫރަތާއި ފަލަގް، ނާސި، އިޚްލާސް ސޫރަތް ކުދިންގެ ޝައުގު ވަރަށް ބޮޑަަށް ދަމައިގަނެއެވެ.

ހަމައެހެންމެ ކުދިންނަށް ހާއްސަކޮށް ކުދި މެސެޖުކޮޅުތަކެއް ހެދިދާނެއެވެ. 30 ދުވަހުގެ ރޯދައަށް 30 ކަރުދާސްކޮޅުގައި ކުދިންނަށް ހާއްސަކޮށްގެން އިސްލާމީ ރިވެތި ކޮންމެވެސް ނަސޭހަތަކާއެކު ލޮބުވެތި ބަހެއް ބުނެވިދާނެއެެވެ. އަދި އެދުވަހު އެކުއްޖަކަށް އެ ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭކަހަލަ ބަހެއް ހިމެނިދާނެއެވެ. މިސާލަކަށް ތެދުވެރިކަން، (ދަރިފުޅު ތީ ތެދުހަދާ ކުއްޖަކަށް ވީތީ މަންމަމެން ބައްޕަމެން އުފާވެ ލޯބިވެއެވެ.) އަމާނާތްތެރިކަން(މަންމަމެންގެ/ބައްޕަމެންގެ ދަރިފުޅަކީ ކަންކަމުގައި އަމާނާތްތެރި ކުއްޖަކަށްވީތީ މަންމަމެން އަބަދުވެސް އެކަމާ ހިތްހަމަޖެހެއެވެ.) ޝުކުރުވެރިވުން(ކަންކަމާ ޝުކުރުވެރިވާށެވެ. ދަރިފުޅަށްޓަކައި މަންމަމެން/ބައްޕަމެން އެންމެންވެސް ﷲއަށް ޝުކުރުވެރިވަމެވެ.) މިފަދަ ބަސްތަކަކީ ދަރިފުޅު އެކަމަށް ހިތްޖެހި ކަމާވެގެން އުޅޭކަހަލަ ބަސްތަކެވެ. މުޅި ދުވަހުގެ ބުރަކަމުން ލިބޭ ވަގުތުކޮޅު ސޯޝަލްމީޑިޔާއަށް ދަރިފުޅު ހޭނުވުން ދުރުކޮށްލަން މިއީ ރަނގަޅު ވަގުތެކެވެ.

ގޭގައި އުޅޭ ކުދިންނަށް ހާއްސަކޮށްގެން ރޯދަމަހަށް ހަދާ ތާވަލުގައި އަދިވެސް އިތުރަށް ކިތަންމެ ކަމެއް ހިމެނިދާނެއެވެ. ސުކޫލު ދުވަސްވަރަކަށް ވުމުން ކުދިންގެ ފިލާވަޅަށްވެސް ސަމާލުކަން ދޭން ޖެހޭނެއެވެ. މިދުވަސްކޮޅަކީ އިސްލާމް ފިލާވަޅާ ދުރު ކުދިން އެ މާއްދާއަށް ހިތް ޖައްސުވަންވެސް ވަރަށް އެކަށީގެންވާ ދުވަސްކޮޅެކެވެ. އަދިވެސް އިތުރަށް ކުރެވިދާނެ އެހެންކަންތައްތަކާމެދު ވިސްނާލާ ކުދިންނާއެކު ރޯދައަށް ތައްޔާރުވަމާތޯއެވެ.

މިއީ ކޮންމެ އަހަރަކުވެސް ﷲ ތައާލާ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ހަދިޔާއެެކެވެ. މީހަކު ރޯދައަށް ހުރެ ރޯދަ ނޫނޭ ބުންޏަސް އަދި ރޯދަ ނުވެ ރޯދައޭ ބުންޏަސް އެކަން ސާބިތު ކުރާނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން މިފަދަ މާތްވެގެެންވާ އަޅުކަމަކަށް ތައްޔާރުވުމަކީވެސް ކުޑަކަމެއް ނޫންކަން ޔަގީނެވެ.