މ.މުލަކު ސްކޫލުގައި ސްމާޓް ކޮމްޕިއުޓަރ ލެބެއް ޕާކިސްތާން އެމްބަސީގެ ދީލަތި އެހީގެ ދަށުން ހުޅުވައިފިއެވެ

މިމަހު ބާރަ ވަނަ ދުވަހު، ''ޤައިދޭ ޢަޒަމް މުޙައްމަދު އަލީ ޖިނާޙް ކޮމްޕިއުޓަރ ސެންޓަރ'' ގެ ނަމުގައި އެ ސްކޫލުގައި މި ލެބް ހުޅުވައި ދެއްވީ ޕާކިސްތާން އެމްބަސީގެ ހައިކޮމިޝަނަރ ރިޓަޔާޑް ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު އަލް ޖިލާނީއެވެ

މުލަކު ސްކޫލުން ވިދާޅުވީ މި ލެބްގައި 15 ކޮމްޕިއުޓަރ ސިސްޓަމާއި 65 އިންޗީގެ ސްމާޓް ޓީވީއެއްގެ އިތުރުން 18 ކޮމްޕިއުޓާރ ޓޭބަލް ހުންނާނެ ކަމަށެވެ. މީގެއިތުރުން، ޕާކިސްތާން އެމްބަސީއިން މި ލެބް ހެދުމަށްޓަކައި ކާޕެޓާއި އިމާރާތުގައި ލާނެ ކުލައިގެ އިތުރުން އެއާރކޯނެއްވެސް ހަދިޔާ ކުރެއްވި ކަމަށް އެފަރާތުން ވިދާޅުވިއެވެ.

ހަލި ނިއުސްއަށް މައުލޫމާތު ދެއްވަމުން މުލަކު ސްކޫލުގެ ޕްރިންސިޕަލް ޠާހާ މުޙައްމަދު ވިދާޅުވީ، މިފަދަ ޒަމާނީ ފެންވަރުގެ ކޮމްޕިއުޓަރ ލެބެއް ހުޅުވެގެން ދިއުމީ އެ ސްކޫލުގެ ކިޔަވާ ދަރިވަރުންނަށް ނުހަނު ފައިދާ ވާނެ ކަމެއްކަމުގައެވެ.

'' އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އެހީއެއް މިއީ... މި ކަމުގެ ސަބަބުން މި ސްކޫލުގެ ކޮމްޕިއުޓަރ ސްޓަޑީ ކިޔަވާ ކުދިންނާއި ބީޓެކް އަދި އައިޓީ ކިޔަވާ ކުދިންގެ އިތުރުން ސްކޫލުގެ ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމަށް އިތުރު މަގުތަކެއް ފަހިވެގެން ދާނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލު ކުރަން ''،
ޕްރިންސިޕަލް ވިދާޅުވިއެވެ

ޤައިދޭ ޢަޒަމް މުޙައްމަދު އަލީ ޖިނާޙް ކޮމްޕިއުޓަރ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި، މުލަކު ކައުންސިލާއި. އެރަށު އ.ތ.މ ކޮމެޓީގެ އިތުރުން ސްކޫލްގެ ފަރާތުން ވަނީ ޕާކިސްތާން އެމްބަސީއަށް އަގުވަޒަން ކުރެއްވުމުގެ ގޮތުން ހަދިޔާއެއްވެސް ދެއްވާފައެވެ.

މުލަކު ސްކޫލަކީ ކިޔެވުމުގައި އެކިއެކި ރޮނގުތަކުން ކާމިޔާބު ހޯދަމުން އަންނަ ކިޔަވަން މޮޅު، އުފެއްދުންތެރި އަދި ޤާބިލު ދަރިވަރުން ތަކެއް ކިޔަވަމުން އަންނަ ސްކޫލެކެވެ.

މުލަކު ސްކޫލުގައި އެންމެ ފުރަތަމަ ކޮމްޕިއުޓަރ ލެބެއް ހުޅުވައިފައިވަނީ 2008 ވަނަ އަހަރުގައެވެ.