ވާހަކަ: ޕަރީފެންގަނޑު. ލިޔުނީ: މަމްދޫހު އިބްރާހީމް

ކުރީގެ އަދަދާ ގުޅޭ؛ ފަސްވަނަބައި

"އާނ! ތިޔަ ކިޔާ ތުއްތުސީދީ ގެއަށް މަސައްކަތެއް ހަވާލުކޮށްގެން އެ ގެޔަށް ވަދެނިކުންނަ ކޮންމެ މީހަކުވިޔަސް، ހުންނާނީ ފާޑެއްގެ ގޮތެއްވެފަ..!!!"

މިހެންބުނެފައި ޝަރީފާ އެ ދިޔައީ ކުޑަބަދިގެ ފަރާތު ގޯތިތެރޭގައި ހުރި ބޮޑު ފެންތާނގީއާ ދިމާއަށް ބިއްލޫރި ތަށްޓެއް ހިފައިގެން ވާރޭފެން ތަށްޓެއް ބަލައެވެ.

މިހާރު އަސްލުގައި ވެސް ސަލީމު ހުރީ ހާސްވެފައެވެ. އޭނާ އެ ވިސްނަނީ އެބުނާ ވާލެއް ހިފާނެ ގޮތަކާ މެދުގައެވެ. ހަމަގައިމު ވެސް އޭނާއަށް އޮތީ ދެތިންހަތަރު ދުވަހެވެ. ކޮންމެ ގޮތެއްވިޔަސް ސަލީމަށް ްޖެހޭނީ ތުއްތުސީދީ އެ ބުނި މަސައްކަތާ ހަވާލުވެ އެކަމެއް ކުރާށެވެ.

ޖެހިގެން އައި ދުވަހު ސަލީމު ބޮޑު ގޯންޏަކާ ރޯނު ބޮނޑިއެއް ހިފައިގެން ރަށުގެ މީހުން ނޫޅޭ ވަލުފަރާތު ކަށިކެޔޮ ގަސްތައް ހެދިފައި ހުރި ބޮޑު ސަރަހައްދަކަށް ހިނގައްޖެއެވެ.

އެ ހިސާބުގަނޑަކީ މީހުން އާދަވެ ގޮސް އުޅޭ ހިސާބެއް ނޫނެވެ. އޭނާ އެތަނަކަށް ގޮސް ބޮޑު މަޅިފައްޗެއް ހަދައި އޭތި އަމުނައި ހަދައިފިއެވެ. ސަލީމް އެ މަޅިފަތި ހެދީ ވަރުގަދަ ފަލަރޯނު ބޮނޑިއަކުންނެވެ. ވަލުތެރޭގެ އެ ހިސާބަކީ ބޮޑެތި ވާލާއި ކާޅު އުޅޭ ހިސާބެކެވެ. ސަލީމު މިއަދު އެ މަސައްކަތް ކުރަނީ ހަވީރު ވުމުގެ ކުރިން ވާލެއް ހިފޭތޯއެވެ.

ހަވީރު ވުމުން ޖައްވު ފިނިވެ ވައިބާރުވެ ދޫނިސޫފާ ސޫފި އުދުހި ގޮވާ އަޑުތައް އިވެން ފަށައިފިއެވެ. ކާޅު އައިނުތައް ވަލުގައި ގޮވައި ހަޅޭއް ލަވާ އިރު މުޅި ވަލުތެރެ ހީވަނީ އެހެން ކަމެއްހެންނެވެ. ސަލީމުގެ ބޮލަށް ވެސް އުނދަގުވާ ވަރުވެއެވެ.

މިހެން ވަލުތެރޭގައި ހިނގަމުން ދަނިކޮށް ފެނުނީ މާ ދުރު ނޫން ހިސާބެއްގައި ކަށިކެޔޮ ގަހެއްގައި ހުރި ގޮފިގަނޑެއްގައި ވާލެއް އެކޮޅުކޮޅުން އެލިގެން އޮއްވައެވެ. އޮތީ އެކޮޅުކޮޅުން ދެފިޔަގަނޑު އޮޅައިލައިގެން ނިވާވެ ނިދައިފައެވެ. މި ވާ ދުރަށް ފެންނަން އޮތް އިރު ހީވަނީ ދޮންކެޔޮ ގަހެއްގެ ކޭލުބޯށި ގަނޑެއް ފެންނަން އޮތް ހެންނެވެ.

ސަލީމް ވަރަށް މަޑުމަޑުން އެއާ ދިމާއަށް ގޮސް އޭނާގެ އަތުގައި އޮތް ރޯނު މަޅިފަތި ހިފައިގެން ގޮސް ވާލުގައި ކުއްލިއަކަށް ްއަޅުވައި ބިންމައްޗަށް ވައްޓައިލައިފިއެވެ. އޭތި އަޑުތަކެއް ލައްވައި ވަރަށް ބާރަށް ގޮވަމުން ދިޔައެވެ. ތެޅިފޮޅެނީއެވެ. އަދި ބިންމައްޗަށް ވެއްޓި ތެޅޭ އިރު މުޅިތަން ހިރަފުސްވެ ބިންމަތީގައި ފީވެފައި ހުރި ގަސްގަހުގެ ފަތްތަކާ ކުނި ބުރަބުރައިގެން ދެއެވެ. ސަލީމް ކުއްލިއަކަށް ވާ ނަގައި ގޯނީގެ ތެރެއަށް ލުމަށް ފަހު ގޯނީގެ ތުން އައްސައިފިއެވެ. މިހާރު އެހެރަގެން އިރު އޮއްސެނީއެވެ.

ސަލީމް ދެ ފަޔަށް ބާރުލާފައި އެ ހިނގައިގަތީ ތުއްތުސީދީމެންގެ ރަތްއަކިރީ ގެ އާދިމާއަށެވެ. ސަލީމަށް އެގެއާ ހަމައަށް ދެވުނު އިރު އިރުއޮއްސި އަނދިރިވެއްޖެއެވެ.

ތުއްތުސީދީގެ މި ގެހުންނަ ހިސާބުގައި ގަސް ހެދިފައި ހުންނަލެއް ގިނައެވެ. ވަންނަ ދިމާގައި އެ ގޭދޮރު މަތީގައި ރަތް ކުލައިގެ ހޮޅިބުރިއެއް ދިއްލައިފައި ހުރެއެވެ. ތުއްތުސީދީގެ މި ގެހުންނަ ހިސާބުގަނޑު ވެސް ހުންނަނީ ވަރަށް އަނދިރި ،ނާމާން އަދި ވީރާނާ ވެފައި ހުންނަ ކަހަލަ ގޮތަކަށެވެ. އެހިސާބުގައި ދިރުން ހުރި ފާޑެއް ނުޖަހައެވެ.

ސަލީމު ތެޅެމުން ފޮޅެމުން ގޮސް ރަތްއަކިރީ ގޭ ތެރެއަށް ވަދެއްޖެއެވެ. ސަލާމް ގޮވަން އަނގަ ހުޅުވައިލި އިރު ބޭރުޖޯލިފަތީގައި ތުއްތުސީދީ އޮތެވެ.

އެ ޖޯލި ބަހައްޓައިފައި ހުރި ފާރާ ދިމާ މަތީގައި ހުރީ ރަތްކުލައިގެ ބޮތްކެއް ދިއްލައިފައެވެ. ސަލީމް ހުރީ ކޮންމެ ވެސް ވަރަކަށް ބިރު ގެންފައެވެ. ތުއްތުސީދީ ޖޯލީގައި އޮތް ގޮތުން ހީވަނީ އޭނާ އެ އޮތީ ސަލީމް އެގެއަށް އަންނާނެ ވަގުތަކަށް އިންތިޒާރުގައި ހެނެވެ. ސަލީމަަށް މި ގެއަށް ވަދެވުނު އިރު އިހުސާސް ކުރެވުނީ ސަހަރާއެއްގެ ތެރެއަށް ވަދެވުނު ްހެނެވެ. އެއްވެސް ދިރުމެއް ހުރި ތަނެއް ހެނެއް ހިޔެއްނުވެއެވެ.

ތުއްތުސީދީ ޖޯލިފަތީގައި އޮވެ ވަރަށް ބާރަށް އޭ "އަސްތާ އެކޮއޭ؟! މިހެން ތުއްތުސީދީ ބުނުމުން ސަލީމަށް ސިހުން އަރައިގެން ދިޔައެވެ.

ސަލީމް ނިތްކުރިމަތީގައި ހިއްލައިފައިހުރި ދާތިކިތައް ފޮހެލަމުން"، އާނ! ބޭބޭ ކިހިނެއްތަ؟" "މިއައީއޭ، ބޭބެބުނި އެތި ހިފައިގެން....!" މިހެން ސަލީމަށް ބުނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ.

ތުއްތުސީދީ ވަރަށް ހިނިއައިސްފައި ހުރެ ސަލީމުގެ އަތުން އެގޯނި ނަގައި ސީދާ ސަލީމާ ހަތަރުކަޅި ހަމަކޮށްލައިފައި ބުންޏެވެ." އެކޮއެ ތިޔަކޮށްދިނީ ވަރަށް ބޮޑު ކަމެއް."

އޭރުވެސް ގޯނިތެރޭގައި އޮތް ވާ ތެޅިފޮޅެނީއެވެ. ދެން ސަލީމް ގާތުގައި ޖޯލީގައި މަޑުކޮށްލަން ބުނެފައި ގޯނި ހިފައިގެން ތުއްތުސީދީ ވަނީ ފެންޑާއަށެވެ. ސަލީމް އޮތީ ޖޯލިފަތީގައި އެކިއެކި ޚިޔާލުތަކުތެރޭގައި ބިރުންނެވެ.

އޭނާގެ ހިތަށް އަރަމުން ދިޔައެވެ. "މި މީހާއަކީ ކިހިނަކުން ދިރިއުޅޭ މީހެއްބާ! މި މުސްކުޅިބޭ ކީއްކުރަން ބޭނުންވި ދިރިދިރި އޮތް ވާލެއް! މި ކަހަލަ ބޮޑު ގޯއްޗެއްގައި މި މުސްކުޅިމީހާއާއި އޭނާގެ މޮޔަވެފައިވާ ދަރިފުޅު ނޫން އެހެން މީހަކު ނޫޅެނީ ބާ! މި ގޭގައި މި މީހާ ކައްކާ ކައިބޮއި ހަދަނީ ކިހިނަކުން ބާ! މި ތުއްތުސީދީއަކީ ހާދަ އާދަޔާ ޚިލާފު މީހެއް. މި ގެއަށް މީހުން ވަދެ ނޫޅެނީ ވެސް މި ބެއްޔާގެ އާދަޔާ ޚިލާފު ދިރިއުޅުން ހުންނަ ގޮތަކުން ނޫންބާ!" ސަލީމްގެ ހިތަށް އެރިއެވެ.

މިހެން ސަލީމް ވިސްނުމެއްގެ ތެރޭގައި އޮއްވައި ކުއްލިއަކަށް ތުއްތުސީދީ ފެންޑާއިން ބޭރަށް ގޯތީގެ ތެރެއަށް ނިކުމެއްޖެއެވެ. އޭނާ ނިކުތީ ހެޔޮ ވަރުގެ ބޮޑު ބަނބުކޭލެއް ހިފައިގެންނެވެ. އަދި ސަލީމް އަތަށް އެ ބަނބުކެޔޮ ދީފައި އެއީ ދިން ކުޑަ ހަދިޔާއެއް ކަމުގައި ބުންޏެވެ. މި ދަނީ ޔާސިރަށް ކާއެއްޗެއް ދޭށޭ ބުނެފައި ތުއްތުސީދިބޭ ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. ތުއްތުސީދީ އެެތެރެއަށް ވަނުމާއެކު ދޮރުލައްޕައި ތަޅުލައިފިއެވެ. ސަލީމް ހުރީ ވަރަށް ހިތް ނުތަނަވަސްވެފައެވެ.

ސަލީމް ދެ ފަޔަށް ބާރުލައިފައި އެ ގެއިން ނިކުމެގެން ހިނގައިގަތީ ގެއަށް ދާށެވެ. އޭނާގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރި ކަމެއް ވަދެފައެވެ. އޭނާ ނޭވާ އަވަސްުވަމުން ފަހަތަށް އެނބުރި ތުއްތުސީދީގެ ރަތްއަކިރީގެ އާދިމާއަށް ބަލައިލިއެވެ.

އެ ވަގުތު އޭނާއަށް ކަޅު ހިޔަންޏެއް ފަދަ އެއްޗެއް އެގޭ އޮޅިގަނޑު މަތީގައި ހުރިހެން ހީވިއެވެ. ސަލީމް ދެނަކާ ދެނެއް ނެތި، ގަންނާ ކުރެއްވި ބިރުން ނޭނގި ހުރެ ގަޔަަށް ކުޑަކަމުވެސް ދެވިއްޖެއެވެ.

އަނެއްކާ އެފެނުނީ ކާކު ބާ؟ ކޯޗެއް ބާ؟ ކަޅުހިޔަންޏެއް ބާެ؟ އެއީ އަނެއްކާ ތުއްތުސީދީބޭގެ މޮޔަދަރި ބާ؟ އެއީ ތުއްތުސީދީގެ ދަރި ނަމަވެސް މިއޮއް އަނދިރިވާ ގަޑީގައި އެގޭ އޮޅިގަނޑު މަތީގައި އެކަނި އެހެރީ ކީއްވެފައި ބާ؟ ސަލީމަށް ދެވަނަ ފަހަރަށް ވެސް ފަހަތަށް ބަލައިލެވިއްޖެެއެވެ.

މިފަހަރު އެހިޔަނި ހުރީ އެގޭގެ އަސްކަނި މަތީގައެވެ. މި ފަހަރު ސަލީމަށް ބިރުން ބޭއިޚްތިޔާރުގައި ދުއްވައި ގަނެވިއްޖެެއެވެ. އޭނާއަށް ގެއަށް ދެވުނު އިރު އިޝާނަމާދަށް ބަންގި ގޮވަނީއެވެ. ދެ ނަމާދު ދޭތެރޭގައި އޭނާއަށް މުޅީން އެ އުޅެވުނީ ގެއިން ބޭރުގައެވެ. އޭނާ ހުރީ ގަޔަށް ކުޑަކަމު ދެވިފަކަން އެނގުނީ ގެއަށް ވަދެ އިރުކޮޅެއް ވީ ފަހުންނެވެ. ހުރީ ބިރުންގޮސް ވާނުވާ ނޭނގި ދާހިއްލައި ފޯވެފައެވެ.

ސަލީމް ބަނބުކެޔޮ ގެންގޮސް ކާގެ މޭޒުމަތީގައި ބާއްވައިފައި އަވަސް އަވަހަށް ސާފުތާހިރުވާން ގިފިއްޔަށް ފެންވަރަން ވަނެވެ. ސަލީމު ހުރީ ހާސްވެ ކުރެވޭ ނުކުރެވޭ ކަމެއް ނޭގިފައެވެ. އޭނާގެ ހަނދާނަށް އަންނަނީ އެ ފެނުނު ހިޔަންޏެވެ.

ސަލީމް ފެންވަރައިގެން ނިކުމެ ދިޔައީ އިޝާ ނަމާދު ކުރާށެވެ. އެ ވަގުތު ސަލީމްގެ އަންހެނުން ޝަރީފާ ގޯތީގެ ތެރެއަށް ވަދެގެން އަންނަނީއެވެ. ޝަރީފާ ސަލީމަށް ބަލަމުން ސުވާލު ކޮށްފިއެވެ. "ސަލީމް ކޮން ތާކުން ތިޔައައީ؟ އަހަރެން ހާދަ ހޯދައި ފީމޭ؟"

ސަލީމް ޖަވާބުގައި ބުންޏެވެ. "އާނ! މިއައީ ކެޔޮޅުބޭ މޫސާފުޅު ބޭ ގޭގައި ހުރެފާ!" ސަލީމް އެއް ގޮތަކަށް ވެސް ޝަރީފާ ގާތުގައި ދިޔަ ތަނަކާއި ވީގޮތަކާ ފެނުނު އެއްޗެއްގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

ޝަރީފާ ބުންޏެވެ." އެހެންތަ؟ އަހަރެން ހާދަ ހޯދައިފީމޭ.... "،، އަހަރެން ހީކުރީ ސަލީމު ބޮޑުބޭބެ ގެއަށް ދިޔައީ ކަމަށް...” މިހެން ބުނެފައި ޝަރީފާ ދިޔައީ ކާގެއަށެވެ. އޭނާގެ ފަހަތުން ސަލީމް ވެސް ދިޔައެވެ.

ކާގެ ތެރޭގައި ބަނބުކޭލެއް އޮތުމުން ޝަރީފާ ސުވާލު ކުރާނެކަން ސަލީމަށް އެނގޭނެވެ. ކާގެއަށް ވަނުމާއެކީ ފުރަތަމަ ވެސް ޝަރީފާގެ ނަޒަރު ހުއްޓުނީ މޭޒުމަތީގައި އޮތް ރީތި ބޮޑު ބަނބުކޭލަށެވެ. "އަސްތާ....! މީކާކު ގެނައި އެއްޗެއް....؟" ޝަރީފާ އަހައިލިއެވެ. "މީ ހާދަ ރީތި ބޮޑު ބަނބުކޭލެކޭ...!"

މިހެން ބުނެ ޝަރީފާ ފަހަތަށް އެނބުރުނު އިރު ސަލީމް ފަހަތުން ކާގެއަށް ވަންނަމުން ބުނެލީ އެއީ ކެޔޮޅުބޭ ގެއަށް ވަދެލީމާ އޭނާ ދިން އެއްޗެއް ކަމެވެ."އެހެންތަ....! ޝަރީފާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އަދި ބުނެލިއެވެ." މާދަމާ އަހަރެން މި ބަނބުކޭލުން ކޮންމެ ވެސް އެއްޗެއް ތައްޔާރު ކޮށްލާނަމެވެ." މިހެން ކިޔައިފައި ޝަރީފާ އަވަސްވީ އެރޭގެ ކެއުން ސަލީމަަށް ހަދާށެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ސަލީމު އާދައިގެ މަތިން އޭނާ ކުރާ މަސައްކަތް ކުރުމަށް ޓަކައި ފިހާރައަށް ހިނގައްޖެއެވެ. ސަލީމުގެ ވިޔަފާރިއަކީ ރަށަށް އަންނަ ބިދޭސީންނަށާއި އެކިއެކި ރިސޯޓުތަކުން އަންނަ މީހުންނަށް ހަނދާނީހަދިޔާ ވިއްކުމެވެ. މިއީ ކޮންމެވެސް ވަރެއްގެ އާމްދަނީއެއް އޭނާއަށް ލިބޭ ކަމެކެވެ.

ޝަރީފާ އެދުވަހު އުޅުނީ މެންދުރަށް ބަތާއި ރިހަކައްކާށެވެ. އަދި ރޭ ސަލީމް ގެނައި ބަނބުކެޔޮ ހިފައިގެން ނިކުތީ ގޯތިތެރޭގައި ހުރި ބޮޑު ހިރުނދު ގަސްދޮށަށް ބަނބުކެޔޮ ބޯކުރަން ތެއްޔަކާ އެއްޗެހި ހިފައިގެންނެވެ. ޝަރީފާ ބައެއް ކަހަލަ ކާނާގެ ބާވަތްތައް ކައްކާ ހަދަން ނިކުންނާނީ ގޯތިތެރޭގައި ހުންނަ ބޮޑު ުއެ ހިރުނދު ގަސް ކައިރިއަށެވެ. އެއީ ބައެއް ކަހަލަ ތަކެތި ތެއްލައި ހަދަން އޭނާއަަށް ގޯތިތެރޭ ގަސްތަކުގެ ފިނީގައި އިނދެ ފަސޭހަވުމުންނެވެ.

ކުޑަ ޑަބިޔާއަކުން ހަދައިފައިވާ އުނދުނަކަށް ދަރުޖަހައި ރޯކޮށް ކުޑަ ތާހެއް ބަހައްޓައި ބަނބުކެޔޮ ބޯކުރަން އޭނާ ތައްޔާރުވަނީއެވެ. ބޯކުރި ބަނބުކޭލަކީ ސަލީމަށް ވެސް ވަރަށް މީރު އެއްޗަކަށް ވާނެއެވެ. ދެން އެ މަސައްކަތް ނިންމައި ގޯތިތެރެ ކުނިކަހައި ސާފުކޮށް މެންދުރުނަމާދު ކޮށްގެން މިހާރު ޝަރީފާ އެ އިންތިޒާރު ކުރަނީ އޭނާގެ ފިރިމީހާ ގެއަށް ކާން އަންނާނެ ވަގުތަކަށެވެ.

މިއަދު މެންދުރުފަހު ޝަރީފާ ހުރީ ސަލީމް އައިސް ކައި ނިމިގެން ފިހާރައަށް ދިޔާމައި ޝަރީފާގެ ރަހުމަތްތެރި ޝިފުނާގެ ގެއަށް ހެދުމެއް ފަހަން ދާން ނިންމައިގެންނަވެ.

ޝިފުނާއަކީ އެ ރަށު ސިއްހީ މަރުުކަޒުގައި މަސައްކަތް ކުރާ ނަރުހެކެވެ. ޝިފުނާާއަކީ އެރަށު ކެޔޮޅުބޭ މޫސާފުޅުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާދަވެ އެއްގަޑި ބައިވާ އިރު އަބަދު ވެސް ސަލީމް ފިހާރަ ލައްޕައިފައި ގެއަށް އާދެއެވެ. ޝަރީފާ އެހެން އިނދެފައި އެއްގަޑި ބައިވުމުގެ ކުރިން ސަލީމްގެއަށް އާދޭތޯ މަޑުކޮށްގެން ކާން ހަދައިގެން މިހާރު އިންނަތާ އިރުކޮޅެއް ވެއްޖެއެވެ.

ޝަރީފާ ތައްޔާރު ކުރި ބޯކުރިބަނބުކެޔޮ ތަށިމަތިން ހަނދާންވެގެން އޭނާ އެއިން އެތިކޮޅެއް ކައިލާހިތުން ނުހުރެވިގެން ގޮސް ބަނބުކެޔޮ ކޮޅެއް ކައިލައިފިއެވެ.

މި ފޮނިކާއެތިކޮޅު ކެއިތާ މާގިނައިރުތަކެއް ނުވެ ޝަރީފާ ކުއްލިއަކަށް ކެއްސަން ފަށައިފިއެވެ. އޭނާއަށް ހީވީ ތޫނުއެއްޗެއް ކަރުގައި ތާށިވިހެންނެވެ. އެ ވަރަށް ކަރުތެރެ ކަހައި ވެސް އެބަ ހަދައެވެ. އެހައި ވަރަށް ކެއްސަމުން ގޮސް ކޮށިއަރައި ލޮލުން ފެންފައިބައި އޭނާއަށް ނޭވާލާން ވެސް އެބަ ދަތިވެއެވެ.

ޝަރީފާ ހިތަށް އެރިއެވެ. "މީ އަނެއްކާ ކިހިނަކުން ވީކަމެއް ބާވައެވެ." މި އަރަނީ ހާދަހާވާ އުނދަގުވާ ވޭން ހުރި ކެއްސުންގަނޑެއް ތާއެވެ. ވަރަށް ބޮޑަށް ޝަރީފާގެ ދެ ލޮލުން ފެން އާދެއެވެ. ކެއްސަމުން އޭނާ ދުވެފައި ނިކުތީ ގޯތިތެރެއަށެވެ.

ގޯތީގައި ހުރި ބޮޑު ހިރުނދު ގަހުގައި އަތް ޖައްސައިލައިގެން ގުދަށް އޮވެ ކެއްސަކެއްސާ އަނގައިން ކަޅުކުލައިގައި ހުރި އެއްޗެހިތަކެއް ލޮނދިތަކާއެކު ބާލުވަމުން އޭނާ ބޯ އަނބުރައިގަނެގެން އެވެއްޓުނީ ބިންމައްޗަށެވެ. ޝަރީފާ ބިންމައްޗަށް ވެއްޓުނު ގޮތަށް ނޭފަތުންނާއި އަނގައިން ލެޔާއެކު ދޮސްފައިބައި އަނގައިން ފޮނު އަރައި ދެ ލޯބޮޑުވެ ހީވަނީ މީހަކު އޭނާގެ ކަރުގައި ހިފައި ބާރުކޮށްލައިފައި އޮތް ހެނެވެ.

އެހެން އޮވެ ޝަރީފާ އެންމެ ފަހުނޭވާ ދޫކޮށްފިއެވެ.

(ނުނިމޭ)