ރޯދަމަހުގެ ދުވަސްތަކުގައާއި ޝަައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު، މާލެ ސަރަހައްދުގައިި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިކަމަށް މިއަދު އަންގައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރޯދަމަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހާ ހަމައަށް ދުވާލު ގަޑީގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30އަށެވެ.

މިއީ ކޮންމެ އަހަރެއްގައި ވެސް ރޯދަ މަހުގެ ދުވާލު ގަަޑީގައި ޓްރެފިކް ބާރުބޮޑުވާތީ، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ގަވާއިދެކެވެ. އެގޮތުން މުދާ އުފުލާ ވެހިކަލްތަކަށް ވަކި ހާއްސަ ގަޑިތަކެއް ހަމަޖެއްސުމުން ރޯދަމަހުގެ މަގުމަތީގެ ޓްރެފިކް ބާރުބޮޑުވުމަށް ލުއިތަކެއް ގެނެވޭކަމަށްވެއެވެ.

މިއަދު ޓްރާންސްޕޯޓުން މިއަދު ކުރި އިއުލާނެއްގައި ރޯދަމަސް ފެށިގެން ޝައްވާލުމަހުގެ ހަތްވަނަ ދުވަހާ ހަމައަށް، ތިރީގައި ދަންނަވާފައި މިވާ އުސޫލުތަކުން ކަނޑައަޅާފައިވާ އެގަޑިތަކުގައި މުދާ އުފުލުމަށެވެ.

ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ، އުފުލާ އުޅަނދުގައި އުފުލޭނެ ގަޑިތައް ކަމަށް އެމިނިސްޓަރީ އިން އަންގާފައި ވަނީ:

  • ހެނދުނު 9 އިން ހަވީރު 4:30އަށް
  • ރޭގަނޑު 8 އިން ހެނދުނު 6އަށް

ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި އުފުލޭނެ ގަޑިތައް ކަމަށް އަންގާފައި ވަނީ:

  • ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް
  • ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް

މިނޫން ވަގުތުތަކުގައި ބުރިޖުން ތަކެތި އުފުލުމަކީ މަނާކަމެެއްކަމަށް އެމިނިސްޓަރީއިން ވަނީ އަންގާފައެވެ.

ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނެ ގަޑިތައް ކަމަށް އަންގާފައި ވަނީ:

  • ހެނދުނު 9:00 އިން ހަވީރު 4:00 އަށް
  • ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް

މިނޫން ގަޑިތަކުގައި ފެނާއި ގޭސްވެސް ބުރިޖުމަތިން އުފުލުމަކީ މަނާކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރީއިން ވަނީ އަންގާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލަން ކަނޑައަޅާފައިވާ މި ގަޑިތަކާ ހިލާފުވާ ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އަންގާފައެވެ.