ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް އަންނަ ހޯމަދުވަހު ލިބޭނޭ ކަމަށް ގަތަރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ، ގަތަރުގެ ބޮޑުވަޒީރު ޝައިޚް ޚާލިދު ބިން ޚަލީފާ ބިން އަބްދުލް އަޒީޒް އައްޘާނީ ކުރެއްވި ޓްވީޓެއްގައެވެ.

އަދި ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަސް ވެކްސިން ދިނުމަށް ހެލްތު ސެކްޓަރއަށް މިހާރު އިރުޝާދު ދެއްވާފައިވާނޭ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

ގަތަރަށް ގެންނަނީ އެމެރިކާގެ ފައިޒަރއާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިންއެވެ.

ބޮޑުވަޒީރު ޝައިޚް ޚާލިދު ބިން ޚަލީފާ ބިން އަބްދުލް އަޒީޒް އައްޘާނީ ވިދާޅުވީ، ގަތަރަށް ކޮވިޑް ވެކްސިން ލިބުމަކީ، މި ބަލިމަޑުކަމުން އަރައިގަނެ އާންމު ހާލަތަކަށް ދިއުމަށް ގަތަރުން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ގަތަރަށް ވެކްސިން ލިބުނު ނަމަވެސް، އެގައުމުން އާންމުންނަށް ވެކްސިން ދޭން ފަށާނީ ސީދާ ކޮން ދުވަހެއްގައި ކަމެއް ސާފެއް ނުވެއެވެ.

ގަތަރުންވެސް އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭނީ އުމުރުން ދުވަސްވީ މީހުންނަށާއި، ނޭވާލާ ނިޒާމުގެ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ކަމަށް ގަތަރު ސަރުކާރުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު އަބްދުލް ވައްހާބު އަލްމުސްލިހްގެ އެޑްވައިޒަރ ކޮންސަލްޓެންޓް މިދިޔަ ހަފްތާގައި ވިދާޅުވެފައި ވެއެވެ.

ގަތަރުން މިހާތަނަށް 141،858 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި މަރުވެފައިވަނީ 243 މީހުންނެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 139،521 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށްވެސް ގަތަރުން ހާމަކޮށްފައި ވެއެވެ.