ޑިޖިޓަލް މާލޭސިޓީ އެކްޝަން ޕްލޭންގައި ހިމަނާފައިވާ "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫއު ހޯމަދުވަހު ފަށައިފިއެވެ.

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފަށްޓަވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒާއި ޔުނާން ޕްރޮވިންސް ވަފުދުގެ ވެރިޔާ މަރ ޒުއޮޒިންއެވެ. މިއީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއިއެކު މާލެސިޓީގައި ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއު ފަށްޓަވައި ދެއްވުމަށްފަހު ޑރ. މުޢިއްޒު ވިދާޅުވީ މިއީ ޗައިނާގެ ޔުނާން ޕްރޮވިންސާއި މާލެސިޓީ ކައުންސިލާ ދެމެދު މަޝްވަރާކުރެއްވުމަށްފަހު ޔުނާން ޕްރޮވިންސުން ކައުންސިލަށް ދެއްވި ހަދިޔާއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އާޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާ ހަމަޔަށް ވަނީ "ސްމާރޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ޖަހާފައެވެ. އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުތަކުގައި ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. އެތެރޭގެ މަގުތަކުގައިވެސް އިތުރު ޕޯލްތައް ފަހުން ހަރުކުރެވޭނޭ ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މިއީ ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކަރ ސިސްޓަމް،އަދި ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެހެން އެންވަރމަންޓް ސެންސަރ ހަރުކުރެވިފައިވާ ޕޯލްތަކެއްކަމަށެވެ.

ޕޯލްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތަކާއި، މުޖްތަމަޢައަށް ބޭނުންވާ މުހިންމު މެސެޖްތަކާއި، ދީނީ އިރުޝާދުތަކާއި، ދީނީ ނަޞޭޙަތްތަކާއި، ދުޢާތައް ފޯރުކޮށްދިނުން ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ޕޯލްތައް މެދުވެރިކޮށް ވިޔަފާރީގެ އުސޫލުން އިޝްތިހާރު ދެއްކޭނެ ފުރުސަތުވެސް މުސްތަގުބަލުގައި ހޯދައިދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެކަމަށް ގަވާއިދާއި އުސޫލެއް ފާސްކުރުމަށްފަހު އިޢުލާން ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ސީސީޓީވީ ކެމެރާތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ މާލެސިޓީ ކައުންސިލްގައި ކަމަށެވެ. އެ ސިސްޓަމްތައް ބަލަހައްޓާނީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސިސްޓަމްގެ ތެރެއިން ކަމަށް މޭޔަރ ވިދާޅުވިއެވެ. އެހެންނަމަވެސް ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވޭ ފުޓޭޖްތައް މިހާރެކޭ އެއްގޮތަށް ފުލުހުން ބޭނުންވެއްޖެ ޙާލަތެއްގައި ފުލުހުންނާ ހިއްސާކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ބޭނުންވަނީ އަމާންތަނަކަށް މާލޭސިޓީ ހެއްދުވުން ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.