ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަކިން އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމައިފިއެވެ.

މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި، ކައުންސިލު އިންތިފާގުން ނިންމާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަކިން ވާދަކުރެއްވުމަށާއި ޕާޓީތަކާއެކު ކޯލިޝަން ހަދައި އަންނަ އިންތިހާބު ކާމިޔާބު ކުރުމަށެވެ.

މިއަދު ޖޭޕީން ކުނޫޒުގައި ބޭއްވި މި ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ. މި ކައުންސިލް ބައްދަލުވުމަށް ހުށަހަޅާފައި ވަނީ ދެ ހުށަހެޅުމެކެވެ. އެއީ ޖުމްހޫރީ ޕާޓީން ވަކީން ކެންޑިޑޭޓަކު ނެރެ އިންތިހާބުގައި ވާދަކުރުމާއި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއިދުކޮށް ކޯލިޝަން ހެދުމަށެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ބާރުވެސް ވަނީ އެކައުންސިލުން ގާސިމަށް ދީފައެވެ.

ޖޭޕީ އިން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ހުށަހެޅުމަށް ރައީސް އޮފީހުގެ މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވޯޓެއް ނުދެއްވައެވެ.