މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެ ޕާޓީއިން އިސްވެ އޮވެ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވުމާއެކުހެން އެޕާޓީއިން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ މި ނިންމެވުމާއެކު ސަމީރު ޕާޓީން އިސްތިއުފާ ދެއްވުމުން ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް ހަލި ނޫހުން ސަމީރާ ގުޅޭތޯ ކުރި މަސައްކަތުން އަދި ވަނީ ކާމިޔާބު ވާ ގޮތެއް ނުވެފައެވެ. މިއަދު ހަވީރު ޖޭޕީ އިން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ހުށަހެޅުމަށް ސަމީރު ވޯޓު ދެއްވާފައެއް ނުވެއެވެ.

ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފައެވެ. ނަމަވެސް ދެ ފަހަރުވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ.