ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްތިއުފާ ދެއްވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް 2022 ވަނަ އަހަރު ޖޫންމަހު މެދުތެރޭގައި އެއްބަސްވެ "އެމަނިކުފާނު އެންޑޯޒް" ކުރައްވާފަައިވާތީ ކަމަށް ޖޭޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު ވިދާޅުވީ ދެވަނަދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު "އެންޑޯޒް" ކުރެއްވިއިރު ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރުމުގެ ވާހަކައެއް ވެސް ނުދައްކާ ކަމަށެވެ. އެހެންނަމަވެސް ރޭ އެޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމެވުމަކީ އަމިއްލި ޒަމީރުވެސް ގަބޫލު ނުކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. "އޭގެ އިތުރުން އަމިއްލަ ޕާޓީން ކެންޑިޑޭޓަކު ނެރެން ނިންމެވުމުން ޕާޓީގައި ހުރެގެން އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރަސީއާ ވެސް ޚިލާފު ކަމެއް. އަދި އަޅުގަނޑުގެ އަމިއްލަ ޒަމީރުވެސް ދެކޮޅު ހަދާކަމެއް. އެހެންވެ ޖޭޕީން އިސްތިއުފާ ދިނީ،" ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ކާމިޔާބުކޮށް ދެއްވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެެއް ވެސް ކޮށްދެެއްވާނޭ ކަމަށެވެ.
ޖޭޕީން އިސްތިއުފާ ދެއްވުމަށްފަހު އަލުން އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގަންްނަވާނީތޯ ދެންނެވުމުން ސަމީރު ވިދާޅުވީ ދެންް މަސައްކަތް ކުރައްވާނީ ރައީސް އިބްރާހީމްް މުހައްމަދު ސާލިހު ވިދާޅުވާ ގޮތަކަށް ކަަމަށެވެ. "އެމަނިކުފާނު ވިދާޅުވާންވީ އެންމެ ފައިދާ ބޮޑުވާނީ މިހާރުވެސް އަޅުގަނޑު މިހުރި ގޮތަށް ހުރެގެން މަސައްކަތް ކޮށްގެންނޭ ނުވަތަ ރައީސަށް އެންމެ ފައިދާ ބޮޑުވާނީ އަޅުގަނޑު އެމްޑީޕީއާ ގުޅިގެން މަސައްކަތްކޮށްގެންނޭ. ރައީސް ވިދާޅުވާ ގޮތަކަށް ދެން ކުރިއަަށްދާނީ،" ސަމީރު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ބަޔަކު ދެއްކެވި މަންޒަރު ސަމީރަަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވީމާ ބަޔަކު ބޭނުންވެގެން ނިންމެވި ގޮތާއި އޭނާގެ ވިސްނުމާ ތަފާތު ކަމަށެވެ. "އަޅުގަނޑަކަށް ނުފެނޭ ލީޑަރ ގާސިމަށް ބަޔަކު ދެއްކި މަންޒަރެއްް. އެހެންވީމާ އެބަޔަކު ބޭނުންވާ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީފައި އަޅުގަނޑު މިހުރީ ދުރަށްޖެހި،" ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އޭނާއަކީ ޖޭޕީ އުފެއްދެވުމަށް މަސައްކަތް ކުރެއްވި ފައުންޑަރ މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ޖޭޕީގެ ސެކްރެޓަރީޖެނެރަލްކަންވެސް ހައެއްކަ އަހަރު ކުރެއްވި ކަމަށް ވިދާޅުވިއެެވެ. އަދި ފާއިތުވި ސަރުކާރުތަކުގައި ގާސިމް އިބްރާހީމް ޖަލަށްލައި މުދާ ހިފަހައްޓައި އަނިޔާ ދެމުން ގެންދިޔައިރު ގާސިމްގެ ދިފާއުގައި މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން މިވެރިކަމާ ހަމައަށް ގާސިމް އިބްރާހީމަށް އަނިޔާނުދޭ ސަރުކާރެއް ނާންނަ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. އެހެންނަމަވެސް މިވެރިކަމުގައި ގާސިމަށް އެއްވެސް އަނިޔާއެއް ދީފައި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބްރަދާ ވަރަށް ހިނިއާދޭ އިނގޭތޯ. އަޅުގަނޑުމެން ލައްވާ ވާހަކަ ދައްކުވަން އުޅުއްވާ ހެން ވަރަށް ބޮޑަށް ހީވޭ. އެކަމަކު މިތިބީ ހައްޕު ކިޔައިގެން.
މަގާމު
މިނިސްޓަރު ކަން އެހާ ފަސޭހައިން ލިބޭ އެއްޗެއް ނޫން. ރަނގަޅު ވިސްނުމެއް ތިއީ. އަނެއްކާވެސް ޤާސިމަށް ކާމިޔާބީ އެއް ލިބިއްޖެ ނަމަ އެކޮޅަށް ދެއްތޯ؟