ނޯވޭގެ ފޯވާޑް އާލިންގ ހާލަންޑް ކާމިޔާބު ކުރި 5 ލަނޑާއި އީކަރ ގުންޑޮގަން އަދި ކެވިން ޑިބްރޭނާ ކާމިޔާބު ކުރި ލަނޑުން ޖަރުމަނުގެ ލައިޕްޒީގް 0-7 އިން ބަލިކޮށް، ދެލެގުގެ އެގްރިގޭޓުން 8-1 އިން ކުރި ހޯދައި މެންޗެސްޓަރ ސިޓީ ކުއާޓާފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ހާލަންޑް ލަނޑުތައް ޖެހީ 22 ވަނަ މިނެޓާއި 24، 45، 53 އަދި 57 ވަނަ މިނެޓުގައެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގައި އެއްމެޗެއްގައި 5 ލަނޑު ކާމިޔާބު ކޮށްފައި ވަނީ ލިއޮނަލް މެސީ އާއި ބްރެޒިލް އާއި ޝަކްތާ ޑޮނެސްކުގެ ފޯވާޑް ލުއިޒް އެޑްރިއާނޯއެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތާރިހުގައި އެންމެ ޒުވާން އުމުރުގައި 30 ލަނޑު ހަމަކުރުމުގެ ރެކޯޑްވެސް ހާލަންޑް ރޭ ވަނީ މުގުރާލާފައެވެ. ކުރި މިރެކޯޑް އޮތީ ޕީއެސްޖީ އާއި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބައްޕޭ އަތުގައެވެ. އަދި އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނުމުގެ ރެކޯޑް (39 ލަނޑު) ވެސް ހާލަންޑް ރޭ ވަނީ މުގުރާލާފައެވެ. ކުރިން މިރެކޯޑް އޮތީ 1929-1928 ސީޒަނުގައި 38 ލަނޑު ކާމިޔާބުކޮށްގެން ޓޮމީ ޖޯންސަން އަތުގައެވެ.

ސިޓީ އާއި ލައިޕްޒީގް، ލައިޕްޒީގުގެ ދަނޑުގައި ބައްދަލު ކުރި މެޗް 1-1 އިން އެއްވަރުވެފައި އޮތުމުން، ރޭ ދެވަނަ ލެގަށް ނިކުތްއިރު ކުއާޓާއަށް ކޮންމެ ޓީމަކަށްވެސް ދެވެން އޮތީ މެޗް ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރުރަމަ ސިކުންތުންގެ ފެށިގެން އެޓޭކްތައް ފެށި ސިޓީގެ ނަސީބު އަތުގައި ހިފީ ވީއޭއާރު ބެލުމަށްފަހު ރެފްރީ މެޗުގެ 22 ވަނަ މިނެޓުގައި ޕެނަލްޓީ ދިން ހިސާބުންނެވެ. މިޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ޖެހިގެން އައި މިނެޓުގައި އިތުރު ލަނޑެއް ޖަހައި ހާލަންޑް ސިޓީއަށް އިތުބާރު ހޯދައިދިނެވެ. އޭނާ ހެޓްރިކް ފުރިހަމަ ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ހާލަންޑުގެ އަނެއް ދެލަނޑު ފެނުނީ 53 އަދި 57 ވަނަ މިނެޓުގައެވެ. ގުންޑޮގަންގެ ލަނޑު 49 ވަނަ މިނެޓުގައި ފެނުނުއިރު ސިޓީގެ ހަތްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ޑިބްރޭނާއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޕޯޓޯއާ 0-0 އިން އެއްވަރުކޮށް، ދެލެގުގެ އެގްރިގޭޓުން 1-0 އިން ކުރި ހޯދައި އިޓަލީގެ އިންޓަމިލާންވެސް ވަނީ ކުއާޓާއިން ޖާގަ ހޯދާފައެވެ.

ޗެމްޕިއަންސް ދެވަނަ ބުރުގެ ދެމެޗް މިރޭވެސް ކުޅޭނެއެވެ. އެއީ ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލު ކުރާ މެޗާއި ފްރޭންކްފާޓާއި ނަޕޯލީ ބައްދަލު ކުރާ މެޗެވެ.