މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ގޮތަށް ވިލިމާލޭގައި ކައުންސިލްގެ އޮފީހެއް ހުޅުވަން ނިންމައިފިއެވެ.
މިއީ "ވަން ސްޓޮޕް" ސާވިސް ސެންޓަރ އެއްގެ ގޮތުގައި ހިންގާ ގޮތަށް ހުޅުވާ އޮފީހެއް ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. އެއީ މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތުގެ އިތުރުން ދައުލަތުގެ އެހެން އޮފީސްތަކުގެ ކައުންޓަރެއް އެއިމާރާތުގައި ހުރުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެފައިވެއެވެ. އެގޮތަށް ޕްލޭން ކޮށްފައިވިޔަސް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޚިދުމަތަކީ މިވަގުތަށް ފޯރުކޮށްދެވޭނެ ހިދުމަތެއް ނޫން ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 93 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ މިހާރު ވިލިމާލޭގައި ހުރި މާލެ ސިޓީ ކައުންސިލުގެ އޮފީހުގެ ޖާގައަށްވުރެ އަަލަށް ހުޅުވަން ނިންމާފައިވާ އޮފީސް އިމާރާތުގެ ޖާގަ ތަނަވަސް ވާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުގެ ވިލިމާލޭގެ އޮފީހުގައި މިވަގުތު މަސައްކަތްކުރާ މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ އެ އިމާރާތުގައި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވިލިމާލެ ތަރައްގީވެ ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ގިނަ ވާނެ ކަމަށެވެ. މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެހެން ކަމުން އައު އޮފީސް އިމާރާތުުގައި އިދާރީ މަސައްކަތްތަކަށް 2 ބުރި ޚާއްސަކޮށްފައި ވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ އެ އިމާރާތުގައި ޕަބްލިކް މީޓީންގް ހޯލަކާއި ކައުންސިލަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައު އޮފީސް ހުޅުވަން ނިންމާފައިވާ އިމާރާތަކީ ކޮންކްރީޓް މަސައްކަތް ނިމިފައިވާ އިމާރާތެކެވެ. އެހެން ކަމުން ކުޑަ ޚަރަދަކުން އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެ މަސައްކަތް ކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ. އެއީ މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ އިމާރާތެކެވެ.
މިއީ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ އިމާރާތެއް ކަމުން އިމާރާތުގައި ކުރަންޖެހޭނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރާނީ މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުންނެވެ.