އަބަދުވެސް އިވޭ، އެންމެނަށްވެސް އެނގޭ ވާހަކައެކެވެ. އިންސާނާ މާތްﷲ ހެއްދެވި އެހެން މަހުލޫޤުންނާ ތަފާތުވެ، މާތްވެގެންވަނީ އެކަލާނގެ އިންސާނާއަށް ދެއްވި ބުއްދީގެ ސަބަބުންނެވެ. އިންސާނާ ހައިވާނުންނާއި ޖަނަވާރުންނާ އަދި އެތަކެތީގެ އުސޫލުތަކުން ތަފާތުކޮށްދެނީވެސް މިބުނާ ބުއްދިއެވެ. ބުއްދިއަށް ބާރު ފޯރުވައި، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާއަކީ ކާމިޔާބު މީހަކަށްވެދެއެވެ. ހަމައެހެންމެ ބުއްދީގެ ބޭނުން ފުރިހަމައަށް ހިފުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާއިރު މިއީ އަނެކާގެ ބާރަށް ދޫކޮށްލާ ވަރުގެ އެއްޗެއް ވެސް ނޫންމެއެވެ.

އެހެންނަމަވެސް ވަރަށް އާންމުކޮށް އިވޭހެން "ތިމާގެ ރިމޯޓު އޮތީ އެހެންމީހެއްގެ އަތުގައި ވިއްޔަ. ކޮންޓްރޯލު ކުރަނީ އެމީހާ އެއްނު." މިގޮތަށް ކަންތައް ވެއެވެ. އެބުނާ ރިމޯޓަކީ އަޅުގަނޑުމެންގެ ބުއްދިއެވެ. ބުއްދިން ވިސްނާ ވިސްނުން ކުރާ ކަންތައް އަނެކާގެ ކޮންޓްރޯލުގައި ގެންގުޅުމުގެ ތިއަރީ އާދެ! "ފިކުރީ ހަނގުރާމަ" އަކީ އެތައް އަހަރެއް ކުރިއްސުރެން އަޅުގަނޑުމެން މުސްލިމުން ބަލިކަށިކޮށް ނިކަމެތިކޮށްލުމަށް ރޭވިގެން ކުރިއަށްދާ ރޭވުމެކެވެ. މިދަންނަވާ ފިކުރީ ހަނގުރާމައިގެ ނުރައްކާތެރިކަން ވަރަށްވެސް ބޮޑެވެ.

ފިކުރީ ހަނގުރާމައިގެ އަސަރު ދާއިމަށް ދެމިހުރެއެވެ. އިސްލާމް ދީނުގެ އާދަކާދައާއި ޘަޤާފަތަށް އެކަމުގެ އަސަރުފޯރުވައި އިސްލާމީ ރިވެތި އަޤީދާ ބަދަލުކޮށްލައެވެ. ޓެކްނޮލޮޖީއާއި މީޑިޔާ މެދުވެރިކޮށް ހުޅަނގުގެ ފެޝަންތައް ތަޢާރަފްކޮށް އޭގެ އަވާގައި މުސްލިމު ޒުވާން ޖީލު ޖައްސުވައެވެ. ސުކޫލުތަކުގައާއި އިލްމު ފެތުރުމުގެ ނަމުގައި އިސްލާމީ އުސޫލުތަކާ ހިލާފު ކަންތައްތަކަށް މަގު ކޮށައި، އެމަގު އަލިގަދަ ކުރެއެވެ. ކުލުނާއި ލޯތްބާއި އޯގާތްތެރިކަމަކީ ވެސް ދެފުށް ދެގޮތް އެއްޗެއްގެ ގޮތުގައި ދައްކުވައެވެ.

ލޭ އޮހޮރު ވުމަކާ ނުލައި މިފަދަ ފަރާތްތަކުން އެބައިމީހުންގެ މަޤުސަދު ޙާސިލްކުރެއެވެ. ކުޅިވަރުތައް މެދުވެރިކޮށްގެން އަޚްލާޤު ބަދަލު ކޮށްލައެވެ. މީޑިޔާ މެދުވެރިކޮށް އިންސާނާގެ ސިކުނޑި އެފުށް މިފުށަށް ޖަހާލައި ވިސްނުމާއި ފިކުރުގެ ނަޒަރިއްޔާތު ބަދަލު ކޮށްލައެވެ. ދީނުގައި ކަންތައްތައް އޮންނަ ގޮތްނޫން އެހެން ގޮތްގޮތް އެއީ ރީތިގޮތް ކަމަށް ވިސްނުވައިދެއެވެ. މިއީ އިންސާނާގެ ވިސްނުމަށް ނުފޫޒު ފޯރުވައިގެން ކުރާ ބައެއްކަންކަމެވެ. މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފައްދައި ބައިބައި ކޮށްލައެވެ. ސިޔާސީ ކޯޅުންތަކާއި ހައިޖާނުތަކަކީ އިސްލާމްދީނުގައި އޮންނަ ކުރަން ޖެހޭ، ދީނުގެ މަސްލަހަތު އޮތް ކަމެއްގެ ގޮތުގައި ވިސްނައިދީ އެކަން އާންމުކުރެއެވެ.

ވަކި ބައެއްގެ ބާރާއި ނުފޫޒު ގަދަވެ އިންސާފާއި ހަމަހަމަކަން ނެތިކޮށްލައެވެ. ބިރު ފަހަނާޅައި ހިނގައިދެއެވެ. އަޤީދާ ބަލިކަށިވެ ޢަދަބު އަޚްލާޤު ނެތިހިގައި ދެއެވެ. ގޮތްނޭނގޭ ތަކެތި އެތެރެކުރެވި ހަލާލުކޮށް، އެއިން ނަފާ ހޯދައެވެ. އަނެކާގެ މުދަލަކީ ބޭނުން ވެއްޖެ ހިނދެއްގައި ބޭނުން ވައްތަރެއްގެ ނަމެއް އަޅުވައި އެކަންވެސް ކުރުވައެވެ. ކައިވެންޏާއި ވަރިއަކީ ކުޅިވަރަކަށް ހަދައި ސަމާސާއަކަށް ހަދައެވެ. ކައިވެނީގެ ހަގީގީ މާނައާއި އަހައްމިއްޔަތުކަން ދަށްކޮށް، އެއީ ދެއްކުމުގެ ކުލަމަޖަލަކަށް ހައްދުން ނެއްޓިފައިވާ ހަރަދަކަށް މަޖުބޫރު ކުރެއެވެ. ދަރިންނާއި އާއިލީ ގުޅުންތައްވެސް ބަދަލުކޮށް އޮޅުންބޮޅުން ކުރެއެވެ. މިހެން ގޮސް އެތައް އެތައް ކަމެއް އިސްލާމްދީނުގެ އުސޫލުތަކާއި ހައްދު ހުދޫދުން ބޭރުކޮށް ނަމުގައި އިސްލާމްދީން އަދި ކަމުގައި މުޅިން އެހެން ގޮތެއް އާންމުކޮށްލައި މިހުރިހާ ކަމަކާއެކު އަދުލު އިންސާފު ނެތިވެ، ރިޝްވަތު އާންމު ވެދެއެވެ.

މިއީ އަޅުގަނޑުމެން އިންސާނުންގެ ބުއްދިއާ ކުޅެމުންދާ ބިރުވެރިކަން ބޮޑު ކުޅިގަނޑެކެވެ. އިއުލާން ކުރުމަކާ ނުލައި ކުރާ ފިކުރީ ހަނގުރާމަ ކުރަނީ ނޭނގުމުގެ ތެރޭގައި އިސްލާމްދީނުގެ ޢަދުއްވުންނަށް ނަޞްރު ލިބޭގޮތަށެވެ. މި ބިރުވެރި ކުޅިވަރުގައި، އިންސާނާއަށް ލިބޭ ޖިސްމާނީ ގެއްލުންތަކަށް ވުރެ ބޮޑަށް ނަފްސާނީ ގެއްލުންތައް މާބޮޑެވެ. އެތަކެއް އަހަރުތަކެއް ކުރިން، މުސްލިމުން ކަނޑިހަނގުރާމައިން ބަލިކޮށް ނުލެވޭނެ ކަމުގެ ޔަގީންކަމަށް އުފެއްދިގެން އައި ތިއަރީތަކެއްގެ ދަށުން ކުރިއަށް ގެންދާ މި ފިކުރީ ހަނގުރާމައިގައި، އިސްލާމްދީނުގެ ޢަދުއްވުން ވަނީ މިހާރު %99 ކާމިޔާބުކޮށްފައޭ ބުންޏަސް ދޮގަކަން ނުވާނެއެވެ. މިހިތާމަވެރި އަދި އެހާމެ ބޮޑު ބިކަވުމާއި ނިކަމެތިކަމުގެ ހަގީގީ އަސްލަކީ އެންމެ ސަބަބެކެވެ. އެއީ އަޅުގަނޑުމެން މުސްލިމުންގެ ދީނީ 'އަޤީދާ' ބަލިކަށި ވުމެވެ. އެސަބަބުގައި ހިފައިގެން އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަކޮށް، ގަދަފަދަކޮށް، ހަރުދަނާ ކުރުމަށް ހިތްވަރުކުރުމުން އޮތީ ދެދުނިޔޭގެ އުފަލާއި ކާމިޔާބެވެ.