ރޯދަމަހަށް ތައްޔާރުވުމަށް އަދި ރޯދައާ ބައްދަލުވުމަށް އެންމެ ހަފުތާއަކަށް ވީއެވެ. ކުރިއަށް އޮތް ހަތް ދުވަހަށް ފަހު ކޮންމެ އަހަރަކު އެއްފަހަރު މުސްލިމުންނާ ބައްދަލު ކުރާ މާތްވެގެންވާ ރަމަޟާން މަހަށް ހަނދު ބަލާނެއެވެ. އަޅުކަމާގެން އެހެން ދުވަސްތަކަށްވުރެ ބޮޑަށް މަޝްއޫލުވުމުގެ ވަގުތު ފެށޭނެއެވެ. އާދައިގެ އެހެން ދުވަސްތަކާއި ރޭތަކާ އެތައް އެތައް ގޮތަކުން ތަފާތު ރޭދުވާތަކެކެވެ. އިހުސާސްތައް ތަފާތެވެ. ކެއިންބުއިމާއި ދިރިއުޅުމުގެ ހުރިހާ ވައްޓަފާޅިއެއްވެސް ތަފާތެވެ. މިތަފާތުތަކަށް ފެށުމުގެ ކުރިން މާހެފުމުގެ ފޯރިއާއި އެކުވެރިކަމާއި ގުޅުންތައް އާލާކޮށްލުމުގެ ޕްރޮގްރާމެއް ހިންގުމަކީ ދިވެހިންގެ ތެރޭގައިވެސް ޒަމާނުއްސުރެވެސް އޮތް ވަރަށް ރިވެތި އާދައެކެވެ.

ނަމަވެސް އޭރާއި މިހާރަށް ބަލާލައިފިކަމަށް ވާނަމަ މިއަދު ރާއްޖޭގެ ގިނަ ހިސާބުތަކުން އާންމު މަންޒަރެއްގެ ގޮތުގައި މާހެފުން މި ފެންނަނީ "ވެޑިން"، "ބޭބީޝަވާ" ފަދަ ހަފުލާ ޕާޓީއެއްގެ ގޮތުގައި ބާއްވާ ތަނެވެ.

އޭރަށް ބަލާލާނަމެވެ. މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރުކުރިއަށް ޖެހިލަމާތޯއެވެ. މާދުރު މާޒީއެއްވެސް ނޫނެވެ. އެހެންނަމަވެސް ކަންތައްތައް މާބޮޑަށްވެސް ތަފާތެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ޝަޢުބާން މަހަށް ހަނދު ބެލީއްސުރެން ވަރަށް ޖޯޝާއެކު "ވެލި" ނަގަން ދިއުން އޮންނާނެއެވެ. އާންމުކޮށް މިކަން ކުރާނީ އަންހެންވެރިންނެވެ. ގޭގޭގެ ކުދިން ގޮވައިގެން އަވަށުގެ އެންމެންހެން އަދި އާއިލީ އެންމެންހެން ބައިވެގެން އަތިރިއަށް ގޮސް ފުނިފުންޏަށް ވެލި އެއްކުރެއެވެ. ކަށިވެއްޔާއި އަކިރި ވެއްޔެވެ. މަސްހުނިވެއްޔާއި މެދުވެއްޔެވެ. މަސްހުނިވެއްޔަކީ އެންމެ ހިމުން ބައެވެ. ކަށިވެއްޔާއި މެދުސައިޒަކީ ހާއްސަ ބައެވެ. އަކިރިވެއްޔަކީ މަގުމައްޗަށާއި ގޯޅިތެރޭގެ ފެންހެދޭތަންތަނަށް އަޅާ ވެއްޔެވެ. ކޮންމެއަކަސް މި ވެލި ގެއަށް ގެނެސް ރޯދައަށް ހަނދު ބެލުމުގެ އެއްދުވަސް ނޫނީ ދެދުވަސް ކުރިއަށް ގޭތެރެއާއި ގޯތިތެރެ އަދި ގޭ ދޮރާށިމައްޗާއި ގޭ ގޯޅިއާއި މަގުތަކަށް ވެލިލައި ބާވެފައި ހުރި ވެލި ބޮޑު މަގަށް ނެރެ ގޭތެރެ އާކޮށްލައެވެ. އަދި އޮނަތިރީސްދުވަހަކީ މިމަސައްކަތާއެކު ގޭތެރެ ދޮވެ އާކޮށްލުމަށްފަހު އެންމެން މޫދަށް ދާ ދުވަހެވެ.

އެދުވަހުގެ ބޮޑު ފަތިހާ ތެދުވެ ގޭތެރެ ދޮވެ ނިންމާލައެވެ. އޭގެ ކުރީ ދުވަހު އޮންނާނީ ވެލިލައި އެއްޗެހި ދޮވެ އިސްތިރިވެސް ކޮށް، ތަށިތެލިތައް ދޮވެ، ރޯދައިގެ ސުފުރާ ތަށިތައް ނަގައި ކުރީގެ ތަށިތައް ބޮޑުފޮށްޓަށްލައި، ބަދިގެ ސާމާނުވެސް ބަދަލުކޮށް، ކައްކާ ދަރާއިބޮނބިފަދަ ތަކެތި އެއްކޮށް ނިންމާފައެވެ. އޮނަތިރީހަކީ ގޭތެރެއާއި ފާރުތައް ދޮވުމަށްފަހު އެންމެން ކައްކައިގެން ކާތަކެއްޗާއެކު ޕިކްނިކް ހަދަން މޫދަށް ދާނެއެވެ. މިއީ ރޯދައަށް ހިނައިގަންނަ ދުވަހެވެ. އިރުއޮއްސުމުން ހުރިހާ އަންހެން ވެރިން އެނދުތަކާއި އުނދޯލިތަކުގެ ބާލީސްއުރައާއި މިލަފޭލި ބަދަލުކޮށް ގޭގެ ދޮރުފޮތިތައް އާކޮށް ނިންމާލައެވެ. ދެން އޮންނާނީ ނިމިގެން ދިޔަ ދެ ރެއެކޭ އެއްގޮތަށް މިރޭވެސް މާހެފުމަށް އެއްވުމެވެ. އަށެއް ނުވައެއް ޖަހާއިރު އެންމެ ފަހުގެ މާހެފުން ކޮންމެވެސް ގޯއްޗެއްގައި ނޫނީ ކޮންމެވެސް މައިދާނެއްގައި ބާއްވާނެއެވެ. ހަނދުބެލިކަމުގެ އިއުލާނާއެކު ބަދިގެއަށް ވަދެ ހާރަށް ކައްކާނެއެވެ. ހުރިހާ ކުދިންނަށް ކާންދީ އާއިލާ އެންމެން ހާރުކައިގެން އަނެއްދުވަހުގެ ރޯދައަށް ނިޔަތާއެކު ފަތިސްނަމާދު ކޮށްގެން ނިދާނެއެވެ.

އެއީ އޭރުގެ މާހެފުން ގެނައި ގޮތްތަކުގެ ތެރެއިން ގޮތެކެވެ. މިއަދުވެސް މަންޒަރު ބަދަލުވެފައި އޮތަސް މާ ހެފުން ހަމަ އެބައޮތެވެ. އެކަމަކު ތަފާތެވެ. ހަރަދު އޭރާ ބަލާފަ މިއަދު ހާސް ބައި ބޮޑެވެ. މިއަދު މާހެފުމަށް ދާން ޖެހެނީ އެއްކުލައިގެ އެއްވައްތަރުގެ ހެދުންތަކުގައެވެ. އަގުބޮޑު ފެންވަރު ރަނގަޅު، ކޮންމެވެސް ތީމަކަށް ތައްޔާރުކޮށްފައިވާ ހެދުމަކާއި އެވަރުގެ ގަހަނާއާއި މޭކަޕުގައެވެ. އެފަދަ ތަނަކަށް ލިބިފައިވާ ދައުވަތުގައި ވާ ކުލަނޫން، އެތީމުނޫން ތީމެއްގެ ހެދުމެއްގައި އެތަންތަނަކަށް ނުދެވޭނެއެވެ. އެހެންމީހުންގެ މަލާމާތް ރައްދުވެދާނެތީއެވެ. އެންމެންގެ ލޯ އަމާޒުވެދާނެތީއެވެ.

މިދިޔަ އަހަރުގެ މާހެފުމަށް ގަތް ހެދުމާއި އޭގެ ބައިތައް މިއަހަރަކު ބޭނުމެއް ނުކުރެވެއެވެ. އެ ހެދުމާއި އެއާއެކު ގުޅުވައިގެން ގަތް އަގުބޮޑު ތަކެއްޗަކީ ތަނަކަށް ދާންވެސް ބޭނުން ކުރެވޭ ކަހަލަ އާދައިގެ އެއްޗެއް ނޫންކަމުން އަލަމާރީގައި އޮތީ ބާއްވާފައެވެ. އަނެއްކާވެސް މިއަހަރު އެކި ތީމުތަކަށް ހެދުން ފައްސަފައްސައިގެން މާހެފުންތަކަށް ދާންވީއެވެ. އެއްބައިވަންތަކަމާއި ބައިވެރިވުންތަކާއި ހިތްހަމަޖެހުން ހޯދަން ޖެހެއެވެ. އެހެންނަމަވެސް އިންތިހާއަށް ބޮޑު ހަރަދުތައް ކުރުމަކީ އިސްރާފަކަށް ނޫނީ ނުވާނެއެވެ. މިފަދަ މާހެފުންތަކަށް އޯޑަރުދީގެން ގެންނަ ކާތަކެތިން ކިތަންމެ އެއްޗެއް ބޭކާރުވެގެން އުކާލާނެއެވެ. ދުނިޔޭގައި މިފަދަ މީރު ކާއެތިކޮޅެއްގެ ވަސްވެސް ނުލިބި ތިބި މުސްލިމުން މަދެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ހިތަށް މިގޮތަށް ބޮޑެތި ހަރަދުތައް ކޮށްލާއިރު ހަމަ އެއްވެސް އަސަރެއް ނުކުރަނީބާވައެވެ.

މާހެފުމަކީ އެންމެން އެކުގައި އެއްބައިވަންތަކަމާއެކު މަޖާކޮށް، ސަމާސާކޮށްލައި ރޯދައިގެ ކުރިން ހޭދަކޮށްލާ އުފާވެރި ކަމެއްކަން ޔަގީނެވެ. އެހެންނަމަވެސް މިކަމުގައިވެސް ހައްދެއް ހުދޫދެއް އޮންނަން ވާނެއެވެ. މާހެފުމަކީ ހަމައެކަނި މުއްސަނދިންނަށް ފޯރާ މީހުންގެ އެއްވުމަކަށް ނުހަދަމާތޯއެވެ. އޭގެ ބަދަލުގައި ނިކަމެތި މީހާއެކޭ އާދައިގެ މީހާއެކޭ މޮޅު މީހާއެކޭ ހަމަހަމަކޮށް މިކަން ގެނައުމަކީ އެންމެ ރިވެތިވެގެންވާ މޮޅު ގޮތެވެ. އާއިލާގެ އެންމެންނާއި އަވަށްޓެރިންނާއި ދުރުތިމާގެ މީހުންނާއި އެކުވެރި، ދެކެފަރިތަ މީހުންގެ އެއްވުމަކަށް ވާ މާހެފުމަކީ އެންމެ އުފާވެރި މާހެފުންކަން ޔަގީނެވެ.